ޔޫކޭ އެމްޕީއަކަށް އަގުބޮޑު ޗުއްޓީ ދަތުރެއް ހަމަޖައްސައިދިން ވާހަކަ އަކީ ދޮގެއް: ސަންލޭންޑް ހިލްމީ

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އިއާން ޕެއިޒްލީ

ސަންލޭންޑް ހޮޓެލްސް އެންޑް ރިސޯޓްސްގެ އެއް ހިއްސާދާރު، ހުސައިން ހިލްމީ (ސަންލޭންޑް ހިލްމީ)، އިނގިރޭސީވިލާތުގެ ގާނޫނު ހަދާ މަޖިލިސް މެމްބަރަކަށް ރާއްޖޭގެ ރިސޯޓަކުން ޗުއްޓީ ދަތުރެއް ހަމަޖައްސާދިން ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއުކޮށް ވާހަކަ ދެއްކި އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އިއާން ޕެއިޒްލީ އަށް ރާއްޖޭގެ އަގުބޮޑު ރިސޯޓަކުން ދަތުރެއް ހަމަޖަސައިދިން ކަމަށް ބިބީސީ އިން ވަނީ ބުނެފައެވެ.

އެވާހަކަ ދޮގުކޮށް ސަންލޭންޑް ހިލްމީ މިއަދު "ސަން" އަށް ވިދާޅުވީ، އެކުންފުނީގެ ރިސޯޓެއްގައި އިއާން ޕެއިޒްލީ މީގެ ދެއަހަރުކުރިން ޗުއްޓީ ދަތުރެއްގައި ހުންނެވި ކަމަށާއި ނަމަވެސް އެއީ އެނާ ދަންނަ މީހެއްވެސް ނޫން ކަމަށެވެ.

ބީބީސީގެ ތަހުގީގީ ޑިޕާޓްމަންޓް، "ސްޕޮޓްލައިޓް" އިން މިދިޔަ ހަފްތާގައި ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، 2016 ވަނަ އަހަރު ޕެއިޒްލީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދީފައި ވަނީ ސަރުކާރުންކަން ލިޔެކިޔުމުން އެނގޭ ކަމަވެ. އަދި އެ ދަތުރު ހަމަޖައްސާފައި ވަނީ މީގެ ކުރިން ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ހުސައިން ހިލްމީ ކިޔާ ބޭފުޅެެއް ކަމަށެވެ.

"އެއީ ކަނޑައެޅިގެން ދޮގެއް. އަޅުގަނޑުމެން ހަމަ ޖެއްސި ކަމެއް ނޫން،" ހިލްމީ ވިދާޅުވިއެވެ. އެ ދަތުރަށް ފައިސާވެސް ހަރަދުކޮށްފައި ނުވާނެ އެނާ ވިދާޅުވިއެވެ.

ސަންލޭންޑް ހޮޓެލްސް އެންޑް ރިސޯޓްސްގެ އެއް ހިއްސާދާރު، އަހްމަދު ހިލްމީ (ސަންލޭންޑް ހިލްމީ) --

ރައީސް މައުމޫންގެ ސަރުކާރުގައި ޔޫތު މިނިސްޓަރު ކަމާއި ފިޝަރީޒް މިނިސްޓަރުކަންވެސް ކުރެއްވި ހިލްމީ ވިދާޅުވީ، ހާއްސަ ޑިސްކައުންޓް ރޭޓެއްގައި އެ ބުކިން ހަދާ ފައިސާ ދައްކާފައިވަނީ ރައްޖޭގައި ހުރި މީހަކު ކަމަށެވެ.

"ރާއްޖޭގެ މީހަކު އިންނަނީ އެޔަށް ބުކިން ހަދާފަ ޕޭ ކޮށްފަ. އަޅުގަނޑުމެންގެ އޮފީހުން ދީފަ އިންނަނީ ސްޕޭޝަލް ރޭޓެއްގައި. ދެ އަހަރު ކުރީގެ ވީމަ ނޭގެ ކާކު ކަމެއް ފައިސާ ދެއްކީ،" ހިލްމީ ވިދާޅުވި އެވެ.

ކޭޝް ޕޭމެންޓަކަށް ވުމުން ފައިސާ ދެއްކި މީހެގެ ނަމެއް އެ އިންވޮއިސް ގައި ނެތް ކަމަށް ހިލްމީ ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ޕާސްލޭއަށް ޑިސްކައުޓް ރޭޓްގައި ދެއްވީ އެއީ ވަކި ވަރަކަށް ލޯ ސީޒަނެއް ވުމުން އޮންނަ އުސޫލުގެ ދަށުން ދީފައިވާ ރޭޓެއް ކަމަށެވެ.

ބިބީސީ ރިޕޯޓަރުން ރާއްޖެ ވަޑައިގެން ކޮށްފައިވާ މި ތަހުގީގީ ރިޕޯޓްގައި އެނާ ވިދާޅުވެފައި ވަނީ، ރިސޯޓުގައި ޗުއްޓީ ހޭދަކުރުމުގެ ޚަރަދުގެ އެއްބައި ދެއްކެވީ އޭނާ ކަމަށާއި އަނެއް ބައި ދެއްކީ ރަހުމަތްތެރިއެއް ކަމަށެވެ. ނަމަވެސް އެ ވިދާޅުވާ ރަހުމަތްތެރިޔާގެ ނަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ބޭރުގެ އެކި ޖަމިއްޔާތަކާއި ދުނިޔޭގެ އެކި ގައުމުތަކުގެ ޕްރެޝަރު ވަރަށް ބޮޑަށް ރާއްޖެ އަށްއަމާޒުވެފައި އޮތް ދަނޑިވަޅެއްގައި، ޕެއިޒްލީ ވަނީ ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.

ފެބްރުއަރީ، 2016 ގައި، ޔޫކޭގެ ގާނޫނު ހަދާ މަޖިލީހުގެ ވަފުދަކާއެކު ރާއްޖެ ވަޑައިގެންނެވި ޕެއިޒްލީ ވަނީ ރައީސް ޔާމީންގެ ސަރުކާރު ދިފާއުކޮށް އޭރު ވާހަކަ ދައްކަވައިފަ އެވެ.

ދެހާސްދިހަ ވަނަ އަހަރު ފެށިގެން ގާނޫނު ހަދާ މަޖިލިސްގެ މެމްބަރުކަން ކުރައްވާ ޕެއިޒްލީ، 2013 ވަނަ އަހަރު ސްރީ ލަންކާއަށް ކުރެއްވި ދެ ދަތުރެއް ސިއްރުކޮށްފައި އޮތުމުން، ގާނޫނު ހަދާ މަޖިލީހުން އޭރު އޭނާ 30 ދުވަހަށް ސަސްޕެންޑް ކުރިއެވެ.

comment ކޮމެންޓް