ހަސަން ނަޖީބާއި ޝުޖާއު އުސްމާންގެ މައްސަލަތަކެއް ބަލަން ޖޭއެސްސީން ނިންމައިފި

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބު: އެ ދެ ބޭފުޅުންގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ޖޭއެސްސީން ވަނީ މިއަދު ނިންމާފައި --- ސަން ފައިލް ފޮޓޯ

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބާއި ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާންގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

އެގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައެވެ.

އެ މައްސަލަތައް ބެލުމަށް އެކުލަވާލި ތިން މެމްބަރުންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅާއި އަބްދުލް ހަންނާން އަހްމަދެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކާއި ހައިކޯޓުގެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ބަލަން އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ދެ ފަނޑިޔާރެއް ކަމެއް ޒަހީން ވިދާޅެއް ނުވެއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ ދެ ފަނޑިޔާރުންނަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބާއި ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި އަލީ ޝަމީމަށް ތާއީދު ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ހަސަން ނަޖީބުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ވަނީ މިދިޔަ ހަފްތާގައި ހުށަހަޅާފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކެމްޕެއިންކޮށްދިން ކަމަށް ތުހުމަތުކޮށް ވެސް އެ ދެ ބޭފުޅުންގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިފައިވާކަން "ސަން" އަށް ވަނީ އެނގިފައެވެ.

މީގެއިތުރުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ވެސް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. އަދި ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދު، އަންހެނުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ވެސް ބަލަން މީގެކުރިން ވަނީ ނިންމާފައެވެ.

comment ކޮމެންޓް