ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ހައްޔަރުކުރުމަށް "ސައްހަ ނޫން ކޯޓު އަމުރެއް" ނެރުނު ކަމުގެ ތުހުމަތުގައި އޭރު ހައްޔަރުކުރި އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާންގެ ސަސްޕެންޝަން އުވާލައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން، ނިހާން ސަސްޕެންޑް ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ ނުވަ ވަނަ ދުވަހު އެވެ.
ސައްހަ ނޫން ކޯޓު އަމުރެއް ނެރެގެން ގާނޫނާ ހިލާފަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން އުޅުނު ކަން ސާބިތުވެ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން 17 އަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ހައި ކޯޓުން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ބާތިލް ކޮށް އޭނާ މިނިވަން ކޮށްފައެވެ.
ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، ނިހާން މިނިވަން ކުރުމަށް ހައި ކޯޓުން ކުރި ހުކުމް ޕީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި ނުވާ ކަމަށާއި އަދި އިސްތިއުނާފް ނުކުރަން ނިންމާފައިވާ ކަން ޕީޖީން އަންގާފައިވާ ކަމަށެވެ.
"އެއާ ގުޅުގެން މިއަދު ކޮމިޝަނުގަ މަޝްވަރާކޮށް ނިންމީ އެހެންވީމަ ނިހާން ސަސްޕެންޑް ކޮށްފައި ހުރި ހުރުން މިއަދު އުވާލަން ނިންމީ. އެހެންވީމަ މިއަދުން ފެށިގެން ނިހާންގެ ސަސްޕެންޝަން ވަނީ އުވާލެވިފައި، ޒަހީން ވިދާޅުވި އެވެ.
ނިހާންގެ ސަސްޕެންޝަން އުވާލި ނަމަވެސް އޭނޭއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަން ޒަހީން ވިދާޅުވިއެވެ.