އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފި

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް --- ސަން ފޮޓޯ: ފަޔާޒް މޫސާ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ޕާސްޕޯޓް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

ސުޕްރީމް ކޯޓުން މިއަދު އެފަދަ އަމުރެއް ނެރުނީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށްދިން ކުރެއްދޫ ހޯލްޑިންގްސް އިން އެމްއެމްޕީއާރްސީއަށް ދިން އެއް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާގައި އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ބާތިލް ކުރި މައްސަލާގައެވެ. އެ އަމުރު ނެރުނީ އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީއެވެ.

އެފަދަ އަމުރެއް ނެރެދިނުމަށް އެދުނީ ދައުލަތުންނެވެ.

ޕާސްޓް ހިފަހައްޓާފައި ވަނީ ޚިޔާނާތުގެ މައްސަލާގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ނުވަތަ އެ ކޯޓުން ވަކިގޮތެއް އަންގަންދެނެވެ.

އެފަދަ އަމުރެއް މިއަދު ނެރެފައިވާއިރު، މި މަހުގެ 14 ވަނަ ދުވަހު އަދީބު ވަނީ ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގެންފައެވެ. އަދި އެނބުރި ވަޑައިގަންނަވަންޖެހޭނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

comment ކޮމެންޓް