އަޖަލު (7)

ދޯނި ސަލާމަތް ކުރައްވާތޯ ދުޢާކޮށްލަ ކޮށްލާ ތިއްބާ، މެންދުރުން އެނބުރިފަހުން، އޮއިވަރު މަޑުވާން ފަށައިފިއެވެ. ބޭރު އޮއިވަރު ލިބިއްޖެއެވެ. އަމިއްލަ ހާލައިގެން ދޯންޏަށް ދުއްވައިގަނެވޭވަރު ވެއްޖެއެވެ. ވަގުތުން ދޯނީގެ މިޞްރާބު ބަދަލުކޮށްލައިފިއެވެ. ހިތް ނަގައި އަތްމައްޗަށް ލައިގެން ތިބި މީހުންގެ ހިތަށް، ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިއްޖެއެވެ.

އެތައް ހިސާބު ދުރަކަށް ދުއްވައި، ކޯރާ ފެޔަށް ޖެހި، ރަށާ ކައިރިކުރެވޭ ކަހަލަ އެހެން ދިމާއެއް ފެނޭތޯ ކެޔޮޅު އަހުމަދުދީދީ ދިޔައީ މަސައްކަތް ކުރަމުންނެވެ. އޭރު އަސުރުވެއްޖެއެވެ. މިހާރު އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އިރު އޮއްސޭންވާއިރަށް އެރަށު ފަޅަށް ނުވަދެވިދާނެތީ ކުރެވޭ ފިކުރެވެ.

"ރަނގަޅު ދިމާއެއް ނުފެނޭދޯ!" އާދަނާ ގޮސް ހުންގާނުގައި ހުރި އަހުމަދުދީދީ ގާތު މަޑުކޮށްލިއެވެ. ދޯނީގައި ތިބި އެހެން މީހުންނެކޭ އެއްފަދައިން، އޭނާގެ ނަޒަރު ވެސް ހުއްޓިފައި ވަނީ، ކުރިމަތީގައި އޮތް ރަށާ ދިމާއަށެވެ. ފަޅަށް ވަދެވޭ ކަހަލަ ނެރެއް ފެނޭތޯ ބަލަނީއެވެ. ރަށުގެ ވަށައިގެން އޮތް ބިޔަ ފަރަށް މުގުރާ ބޮޑެތި ރާޅުތަކުގެ ސަބަބުން، މާ ބޮޑަށް ކައިރިކުރާކަށް ވެސް ނުކެރެއެވެ.

"އާނ، ވަރަށް ކަންބޮޑުވާން ފަށައިފި. ރަނގަޅު ދިމާއެއް ނުފެނި މިހެން އުޅެނިކޮށް އިރު އޮއްސިއްޖެއްޔާ ދެން ނޭނގެ ހަދާނެ ގޮތެއްވެސް."

އަހުމަދުދީދީއަކީ މިހައި ހިސާބަށް ކަންތައް ދިޔައިރު ވެސް، ވަރަށް ކެތްތެރިކަމާއި ސާބިތުކަމާއެކު ކޮންމެ ކަމަކާވެސް ކުރިމަތިލަމުން އައި މީހެކެވެ. އެހެންނަމަވެސް މިހާރު އޭނާގެ މޫނުމަތީން ވެސް ފެންނަނީ ކަންބޮޑުވުމުގެ ޢަލާމާތްތަކެވެ.

"އޭ، އަހަންމައިދީ! އެއޮއް ދިމާއިން ރާޅު މުގުރާތަނެއް ނުފެނޭ!" ދޯނީގެ ކުނބު ކައިރީގައި ހުރި ރެކިފުތާ، އެ ދެ ރަށުން އުތުރަށް އޮތް ރަށަށް އިޝާރާތް ކުރިއެވެ.

އުއްމީދު ކެނޑެމުން ދިޔަ އެންމެންގެ މޫނުމަތިން، އުއްމީދުގެ އަލިކަން ފެނުނެވެ. އަހުމަދުދީދީ އެންގީ ރިޔާ ފޮރޮޅައިލުމަށެވެ. ދަންމާނު އަތަށް އޮޅާލައިގެން، މަޅުތައްމަތީން އިންނަފަތްތައް މަތީން ފަރިތަކަމާއެކު އާދަނާ ދިރުނބާކޮޅަށް ދުއްވައިގަތެވެ. އިސާހިތަކު ރިޔާ ފުރޮޅާލައިފިއެވެ. ދަންމާނު ގެނެސް ދަންމާނުބުޅީގައި އަޅުވާލުމަށްފަހު، އަހުމަދުދީދީ އަތަށް ފޯރުކޮށްލައިފިއެވެ. އަހުމަދު ދީދީ ދަންމާނަށް ދޫޖައްސާލިއެވެ. ހުޝިޔާރުވެހުރެ، ދޯނި ނެރާ ދިމާއަށް ދީލާލައިފިއެވެ.

ނަސީބު ރަނގަޅުކަމުން، ވަރަށް ފަސޭހައިން ފަޅުތެރެއަށް ވަދެވިއްޖެއެވެ. ނެރުތެރެއަކު މާ ގަދަ އޮއިވަރެއް ނެތެވެ. އެ ނެރަކީ ބަޔަކު ކަނޑާފައި އޮތް ނެރަކަށްވުރެ ގާތީ، ގުދުރަތީ ގޮތުން އުފެދިފައި އޮތް ނެރަކާއެވެ. ފަޅަށް ވަދެ، މަޑުދުވެއްޔެއްގައި ރަށާ ދޯނި ކައިރިކުރަމުން ގެންދިޔައެވެ.

"ހާދަ ފާޑަކަށް އޮތް ރަށެއް!" ހައްވާދިޔެ ރަށާ ދިމާއަށް ބަލަން އިނދެފައި އާދަނާގާތު ބުނެލިއެވެ.

"ކުރިން ދިޔަ ރަށެކޭ ދާދި އެއްގޮތެއްނު." އާދަނާ ވެސް ހުރީ އެ ރަށާ ދިމާއަށް ބަލާށެވެ.

މިއީ ވެސް ބިޔަ ރަށެކެވެ. ތަފާތު ގަސްތަކުން ފުރި ބާރުވެފައި އޮތް ރަށެކެވެ. މި ރަށުން ކޮންމެވެސް ވަރަކަށް ރުއްވެސް ފެންނާން ހުއްޓެވެ. ޖެހެމުން އަންނަ މަޑުމަޑު ވައިރޯޅިއާއެކު، އެ ރަށުގައި ހުރި ރުއްގަސްތައް އެ މީހުންނަށް ހަނާއަޅަމުން ގެންދެއެވެ. މަރުޙަބާގެ ނެށުމަކުން ނަށަމުން ގެންދެއެވެ.

ދޯނި ގޮސް ކައިރިކުރީ، ރަށުގެ ހޭޅިފަށުން މޫދަށް ލެނބިފައި އޮތް، ބިޔަ ގަހަކާ ދިމާއަށެވެ. ދޯނި އައްދޮށްކޮށް، އެ ގަހުގެ ގޮފިގަނޑެއްގައި ދިރުނބާކޮޅު ވާ އައްސައި، ފަސޭހައިން އެއްގަމަށް ފޭބޭނޭގޮތަށް ދޯނި އަޅާލައިފިއެވެ.

"މިރަށަށް ވާނެ ފައިބަން." އަހުމަދުދީދީ ދޯނީގެ ދިރުނބާކޮޅަށް އަންނަމުން ބުނެލިއެވެ. "ފެންފޮދު ވެސް ހުސްވާން އުޅެނީ. ބޯފެންފޮދެއް ލިބުނަސް ކިހާ ރަނގަޅު."

"މަށަކަށް ލާހިކެއްނޫން ފައިބާކަށް!" އަލިފުތާ ވަގުތުން ފަހަތަށް ޖެހުނެވެ.

"މަށަށް ވެސް ފެންނަނީ މިރަށަށް ފައިބަން. އިރާދަކުރައްވައިގެން ރަނގަޅު ގޮތެއް ވެސް ވެދާނެއެއްނު." އަހުމަދުދީދީއާ ބައިވެރިވެލުމުގެ ގޮތުން އާދަނާ ބުންޏެވެ.

"އާދަނާއަށް ކެރޭނެތަ މަށާއެކު ފައިބަން؟"

"އާނ! ކެރިދާނެ!" އާދަނާ ބަލައިލީ ހައްވާދިޔެއާ ދިމާއަށެވެ. ހައްވާދިޔެ ބުނާ އެއްޗެއް ބަލައިލާން ބޭނުންވަނީ ކަންނޭނގެއެވެ.

ފެނުނު ހުވަފެނުގެ ބިރުވެރިކަން ހައްވާދިޔެގެ ހިތަށް ވަގުތުން ވެރިވެގެންފިއެވެ. އާދަނާ އެ ރަށަށް ފައިބާކަށް އޭނާގެ ހިތެއް ނޭދުނެވެ. ގޮތް ނޭނގޭ ރަށަކަށް ފައިބައިގެން އުޅެނިކޮށް، ކޮންމެ ފަދަ ކަމަކާ ވެސް ދިމާވެދާނެއެވެ. އާދަނާއަށް ދެރަގޮތެއް ވެއްޖެ ނަމަ، އޭނާގެ ދުވަސް ދިޔައީއެވެ. ދިރިހުއްޓާ މަރުވީއެވެ. ކަފުންކޮށް ވަޅު ވެސް ލީއެވެ. ހުއްޓުން އަރާފައި އޭނާއަށް އިނދެވުނީ އެހެންވެގެންނެވެ.

"ހައްވާދިޔެގެ މައްސަލައެއް ނޯންނާނެ، ދޯ!" ހައްވާދިޔެއާ ދިމާއަށް ބަލައިލަމުން އަހުމަދުދީދީ ނިތް އަރުވައިލިއެވެ.

ހައްވާދިޔެ މަސައްކަތްކުރީ، ނޫނެކޭ ބުނުމަށް ޓަކައި ބޯ ހަލުވައިލާށެވެ. އެހެންނަމަވެސް އޭނާއަށް ބޯ ޖަހައިލެވުނީއެވެ. އަހުމަދުދީދީގެ ކުރިމަތީގައި، ދެކޮޅު ހެދުމުގެ ހިތްވަރު ނުލިބުނީއެވެ.

"އަވަހަށް ހިނގާ އާދަނާ! އިރު އޮއްސުމުގެ ކުރީން އޮޑިއަށް އެރޭތޯ ބަލާންވާނެ!" އާދަނާގެ އަތުގައި ހިފައިގެން އަހުމަދުދީދީ އޮޑިން ފައިބައިފިއެވެ. އާދަނާ ފޭބީ ފައިބާހިތަކުން ނޫނެވެ. ހައްވާދިޔެ އެ އިނީ ވަރަށް ބޮޑަށް ކަންބޮޑުވެ، ހާސްވެފައިކަން އޭނާއަށް އެނގެއެވެ. ހައްވާދިޔެ ދެރަވާ ކަހަލަ ކަމެއް ކުރުމަކީ، އާދަނާއަށް ފަސޭހަކަމެއް ނޫނެވެ. އޭނާ ބޭނުންވަނީ ހައްވާދިޔެ އަބަދުވެސް ހިނިތުންވެފައި ހުންނާށެވެ. އުފަލުގައި އުޅޭށެވެ. އެހެންނަމަވެސް އަހުމަދުދީދީގެ ކުރިމަތީގައި، ދެކޮޅުހަދާހައި ހިތްވަރެއް ވެސް ނުލިބުނެވެ.

ދޯނިން ފައިބައިގެން އަހުމަދުދީދީގެ ފަހަތުން އާދަނާ ހިނގައިގަތެވެ. ހައްވާދިޔެ އިނީ ކަޅިޖަހާނުލައި، އާދަނާއާ ދިމާއަށް ބަލާށެވެ. ބިރުވެރިކަމާއި ކަންބޮޑުވުމާއި ހާސްކަމުގެ ތެރޭގައި، ރަނގަޅަށް ހައްޔަރުވެފައެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދެއެވެ. އާދަނާއަށް ދެރަގޮތެއް ދިމާނުވެ، ސަލާމަތުން އެނބުރި އާދެވޭތޯ ހިތާހިތުން ދުޢާކުރަމުން ގެންދިޔައެވެ. އެ ވަގުތު ހައްވާދިޔެގެ ހިތުގެ އަޑު އާދަނާއަށް އިވޭ ނަމަ، ހަމަގައިމު ވެސް އާދަނާއަށް، އެ ގޮތަށް ދާކަށް ފަސޭހައެއް ނުވާނެއެވެ.

އަހުމަދުދީދީއާއި އާދަނާ ހިނގަމުން ދިޔައީ، ގޮނޑުދޮށުން ރާޅުފެނަށްވުރެ އެއްގަމުންނެވެ. ރަށުގެ އުތުރު ފަރާތާވީ ކޮޅަށެވެ. ގޮނޑުދޮށުގައި އޮތް މުށިކުލައިގެ ހިމުން ވެލިގަނޑު މަތީގައެވެ. ރަށަކީ ފަސްގަނޑު އިންތިހާއަށް އުސް ރަށެކެވެ. އެ މީހުން ހިނގަމުން ދިޔައީ، ފަސޭހައިން އެއްގަމަށް އެރޭނެ ކަހަލަ މަގެއް ފެނޭތޯ ބަލަމުންނެވެ.

ވަކިހިސާބަކަށް ދިޔަތަނާ ތަންކޮޅެއް ދުރުން، ރުކެއް ފެނިއްޖެއެވެ. އެ ދެ މީހުން ބާރުބާރަށް އެ ދިމާއަށް ހިނގައިގަތެވެ. ކައިރިއަށް ގޮސް ބެލިއިރު، އެއީ މަތިވަރު ހުސްވެފައިވާ ރުކެކެވެ. ގޮނބޮޅިއެއްހައި މިންވަރު ވެސް ނެތެވެ. ލިބުނު މާޔޫސްކަމާއެކު، އެނބުރި އައިކޮޅަށް ހިނގައިގަންނާން ފިޔަވަޅެއް އެޅިތަނާ، އާދަނާގެ ލޮލުގައި އަޅައިގަތީ، ރުކާ މާދުރުނޫން ހިސާބެއްގައި ދުވެފައި އޮތް ވެލެކެވެ.

"އެ ވެލުން އެ ފެންނަނީ ކޯއްޗެއް؟" ވެލުގައި އަޅާފައި އޮތް އަނބަކަށްވުރެ ތަންކޮޅެއް ބޮޑު، ރަތްކުލައިގެ މޭވާއެއް ފާޑުގެ އެއްޗަކަށް އާދަނާ އިޝާރާތްކުރިއެވެ.

"ހިނގާ ބަލައިލަމާ!" އަހުމަދުދީދީ އެ އާދިމާއަށް ހިނގައިގަތެވެ. "ފާޑެއްގެ މޭވާއެއް ދޯ!"

އެ އެވެލުގައި އެ ވައްތަރުގެ މޭވާ ވަރަށް ގިނައިން އަޅާފައި ހުއްޓެވެ. ޅަ އެއްޗެހި ހުރީ ފެހި ކުލައިގައެވެ. ރަތްކުލަ އަރަނީ ދޮންވެ ފައްކާވީމައެވެ.

އާދަނާ އެވެލުން މޭވާއެއް ބިނދެލައިފިއެވެ. އިރުކޮޅަކު ބަލަން ހުރެފައި، ރަހަ ބަލައިލުމުގެ ގޮތުން ދަތުން އެތިކޮޅެއް ނަޓައި ހަފާލައިފިއެވެ. މަޑުމަޑު ހުތް ފޮނިރަހައެއް ހުރި، ވަރަށް މީރު މޭވާކެވެ. އަހުމަދުދީދީ ވެސް މޭވާއެއް ބިނދެލައިފިއެވެ. ދެ މީހުން ދެ އެތި ކާލައިގެން، ދެ މީހުންގެ އުނގު ފުރައި މޭވާ ބިނދެގެން، ދޯންޏާ ދިމާއަށް ހިނގައިގެންފިއެވެ.

އާދަނާ އަންނަތަން ފެނިފައި، ހައްވާދިޔެއަށް ލިބުނީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ތެޅިތެޅި އޮތް ހިތަށް ފިނިކަން ލިބުނެވެ. ދެބައިކުޅަ އެއްބައި މަރުވެފައި އިންދާ ދިރުން ލިބުނު ކަހަލައެވެ. ބޭއިޚުތިޔާރުގައި، ފުންމައިގެން ތެދުވެވުނެވެ.

"އެ އޮތް އަންނަނީ އެ މީހުން." ހައްވާދިޔެއަށް ބާރަށް ބުނެވުނެވެ. އޭނާގެ އަޑަށް އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް އެ ދިމާއަށް ބަލައިލެވުނެވެ. ހައްވާދިޔެއަށް ލިބިފައިވާ އުފާވެރިކަން، ދޯނީގެ އެހެން މީހުންނަށް ވެސް ފާހަގަކުރެވުނެވެ.

"ވަރަށް މީރު މޭވާއެއް މިހިރީ." ގެނައި މޭވާތައް ދޯނީގެ މަޅުމައްޗަށް، އަޅައިލަމުން އާދަނާ ބުނެލިއެވެ.

"ރަށުތެރެއަށް އެރޭގޮތްވިތަ؟" އަލިބެއްޔާ އަހައިލިއެވެ.

"އެ ކަމެއް ނުވި. ދޯ އާދަނާ! އިރު އޮއްސޭތީ މާ ދުރަށް ދާން ނުކެރިގެން މިއައީ."

"އާނ، ގުންޑޮޅި އުސްކަމުން އެ ކަމެއް ނުވި." އާދަނާ އައިސް ހައްވާދިޔެއަށް މޭވާއެއް ދިއްކޮށްލިއެވެ. "ކައިލަބަލަ! ވަރަށް މީރު އެއްޗެއް!"

ގެނައި މޭވާތައް ދޯނީގެ އެންމެންނަށް ބަހައިލައިފިއެވެ. ކޮންމެ މީހަކަށް ވެސް، އެ މޭވާ ވީ، ވަރަށް މީރު އެއްޗަކަށެވެ. އެއީ މީގެ ކުރިން އެއިން އެކަކު ވެސް، ކޭ ބާވަތަކު މޭވާއެއް ނޫނެވެ. ކިޔާ ނަމެއް އެނގޭ މީހަކު ވެސް ނެތެވެ.

އިރު އޮއްސި އަނދިރި ވެއްޖެއެވެ. އެހެންކަމުން އެންމެން ވެސް ގަސްދުކުރީ ނަމާދުކޮށް، ކައިގެން ނިދާލުމަށެވެ. މާދަމާ ހެނދުނު ތެދުވެ، ރަށް ވަށައިގެން ދުއްވައި، މީހެއްގެ ނުވަތަ ބަޔެއްގެ ހިލަމެއްވޭތޯ މަސައްކަތް ފެށުމަށް ޓަކައެވެ. މި ރޭ ދެން ކުރެވޭނެ އިތުރުކަމެއް ވެސް ނެތީމައެވެ.

(ނުނިމޭ...)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު