އަޖަލު (14)

އާދަނާގެ ފަހަތުން ހައްވާދިޔެއަށް ވެސް ފުންމައިގެން ތެދުވެވުނެވެ. އޭނާއަށް ދެ އަތުން ބާރަށް އާދަނާގެ ކަނާތުގައި ހިފެހެއްޓުނެވެ. އެ ދެ އަތް ފިނިކަމުން ހީވަނީ ވަޅުފެހިކޮޅެއްހެއްނެވެ. އާދަނާގެ އަތުގައި ހުރި ތުރުތުރެއް ހައްވާދިޔެއަކަށް އިހުސާސެއް ނުކުރެވެއެވެ.

"އާދަނާ! އަހަރެން......... އަހަރެން....... ވަރަށް ބިރުގަނޭ!"

ހައްވާދިޔެގެ އަޑު ތުރުތުރުއަޅާން ފެށިއެވެ. ދެ ލޮލަށް ޖަމާވަމުން އައި ކަރުނަތިކިތައް، އެ ދެ ލޯ ދޫކޮށް ތިރިއަށް ފައިބާން ފަށައިފިއެވެ. ހައްވާދިޔެ ގެންގޮސް ކުރާ އަނިޔާ ދެކޭން ބޭނުން ނުވެގެން، އެ ކަރުނަ ތިކިތައް ފިލަން މަސައްކަތް ފެށިކަހަލައެވެ.

ހައްވާދިޔެ ބިރުގެންފައި ހުރި މިންވަރު އާދަނާއަށް އިހުސާސް ކުރެވުނެވެ. ހާސްވެ ކަންބޮޑުވެފައި ހުރި މިންވަރު ވަޒަންކުރެވުނެވެ. އާދަނާގެ ނަޒަރު ފުލުސްމީހާއާ ދިމާއަށް ހުއްޓިފައި ހުރި ނަމަވެސް، ސިކުނޑި މަސައްކަތްކުރަނީ ހައްވާދިޔެގެ ސަލާމަތަށް އަޅާނޭ ފިޔަވަޅެއް ހޯދުމުގައެވެ. ސިކުނޑި ވަރުބަލިވި އިރު ވެސް، އެ ފަދަ ކަމެއް ޚިޔާލަކަށް ނައެވެ. އެންމެފަހުން އޭނާއަށް ހައްވާދިޔެގެ އަތުގައި ހިފެހެއްޓުނެވެ. ގޮތް ހުސްވެފައި ހުރި މީހަކު ފަދައިންނެވެ. ލޮލުގެ ކޮޔަށްވުރެ ބޮޑަށް ލޯބިވާ އަނބިމީހާ، ގޮތް ނޭނގޭ ބަޔެއްގެ އަތް މައްޗަށް، ހިތުން ރުހުމުން ދޫކޮށްލާން ކެރޭނީ ކިހިނެއްހެއްޔެވެ؟

ދެ ވަނަ ފަހަރަށް ފުލުސްމީހާ ހައްވާދިޔެއަށް އިޝާރާތް ކޮށްފިއެވެ. ހައްވާދިޔެއަށް، އެންމެ ފިޔަވަޅެއް ވެސް ކުރިއަކަށް ނޭޅުނެވެ. އެ ހަރު ތަޅުންގަނޑުގައި ދެ ފައި ތަތްވެފައި ހުރި ކަހަލައެވެ. ފުލުސްމީހާގެ މޫނުމަތީން، ރުޅިވެރިކަމުގެ ހުތުރު ސިފަ ފާޅުވާން ފަށައިފިއެވެ. ދެ ލޯ ބޮޑުވެ، ދެ ބުމަ ގޮށްޖެހި، މޫނުމަތި ރަތްވެއްޖެއެވެ. ފާޑަކަށް ހައްވާދިޔެއާ ދިމާއަށް ބަލަހައްޓައިގެން ހުރެފައި، ކުރިއަށް އެޅި ދެތިން ފިޔަވަޅަކާއެކު، ހައްވާދިޔެގެ އަތުގައި ހިފައިފިއެވެ. ހަމަ އެ ސިކުންތުގައި ޖަހައިގެންފިއެވެ.

ހައްވާދިޔެއަށް ރޮއިގަނެވުނެވެ. އާދަނާއަށް ފަހަތުން ދުއްވައިގަނެވުނެވެ. އެހެންނަމަވެސް، ފުލުސްމީހާ އޭނާގެ އަތުގައި އޮތް ދަނޑިބުރީގެ ހޫނުކަން ދައްކާލުމުން، އާދަނާއަށް ޖެހުނީ ހުއްޓޭށެވެ. އެއަށްފަހު ހައްވާދިޔެ ގޮވައިގެން އޭނާ ހިނގައިގެންފިއެވެ. އެ ފަކީރު ރޮއި އާދޭސްކޮށްކޮށް ހުއްޓައެވެ. ނުދާން ގަދަހަދަހަދައި ހުއްޓައެވެ. އެމަންޒަރު ފެނިފައި އާދަނާގެ ހިތް ކަތިލެވުނެވެ. މީހަކު އައިސް އޭނާގެ ލޯބިވާ އަނބިމީހާ ފޭރިގަތްކަމުގެ ހިތި އިހުސާސް ކުރެވޭނެ ފެށުމާއެކު، ވަރަށް ކެތްކޮށްގެން ހުއްޓާ ވެސް ރޮވިއްޖެއެވެ. ދެ އަތުން ބޮލުގެ އިސްތަށިގަނޑުގައި ބާރަށް ހިފުނެވެ. އެއާއެކު އެ ހުރިތަނަށް ތިރިވެއްޖެއެވެ.

ސިފައިން ތިބި "ހޫނު" ކޮޓަރިއަށް ހައްވާދިޔެ ވައްދައިފިއެވެ. އެހެންމީހުންނާ މުޚާތަބު ކުރިގޮތާ، ހައްވާދިޔެއާ މުޚާތަބު ކުރާން ފެށިގޮތް ތަފާތެވެ. ތަންކޮޅެއް އޯގާވެރިހެން ހީވެއެވެ. އެހެންނަމަވެސް ހައްވާދިޔެއަށް ރޮވެނީއެވެ. ގިސްލެވެނީއެވެ. ބިރުން މުޅި ހަށިގަނޑު ރޫރޫ އަޅަނީއެވެ. އެ މީހުން ކުރާ އެއް ވެސް ސުވާލަކަށް އޭނާއަކަށް ސަމާލުކަމެއް ނުދެވެއެވެ. އެންމެފަހުން ސިފައިންގެ މޫނުމަތީން ފެންނާން ހުރި އޯގާވެރިކަން ފިލައި، ރުޅިވެރިކަމުގެ ނާމާން ސިފަ ފާޅުވެއްޖެއެވެ. ނަތީޖާއަކަށްވީ، އެމީހުންގެ އަތުގެ ހޫނު ހަމަލާއެއް ހައްވާދިޔެގެ ނާޒުކު ބަލިކަށި ހަށިގަނޑަށް ފުރަތަމަ ފަހަރަށް އެރުމެވެ.

ހައްވާދިޔެއަށް މާ ބާރަށް ރޮއިގަނެވުނެވެ. ވީ ތަދެއްގެ ބޮޑުކަމުންނެވެ. ގަތް ބިރެއްގެ ބޮޑުކަމުންނެވެ. ތި ކިޔާ އެއްޗެއް ނޭނގެއޭ ބުނެ، އަނިޔާ ނުކުރާން އެދި އާދޭސްކުރާން ފެށިއެވެ. އެހެންނަމަވެސް އެއިން މީހެއްގެ ދަނގަޑު ހިތަށް ކުރި އަސަރެއް ނެތެވެ. އަނެއްކާވެސް އެ ކުރާ ސުވާލެއް ތަކުރާރުކުރާން ފަށައިފިއެވެ. ކަރުބުޑުން ހަޅޭއްލަވައިގަންނަ ކޮންމެ ފަހަރަކު، ހައްވާދިޔެ ދަނީ ސިއްސައިގެންނެވެ. ހަމަލާއެއް އަތުވެދާނޭކަމުގެ ބިރަށް ޓަކައި ހުރެވެނީ ސިހިސިހިއެވެ. އެ ފަދަ ހާލެއްގައި ބަހައްޓައިގެން ނުދަންނަ ބަހަކުން ކުރާ ސުވާލު ތަކުރާރުކޮށްކޮށްފައި، ކަންކަށިމައްޗާއި ބުރަކަށި މައްޗަށް ވަރުހުރި ކުއްޓެއް އަރުވާލުމަށްފަހު، ފިރިހެން ވެރިން ވެއްދި ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރިއަށް ހައްވާދިޔެ ވައްދައި ދޮރުލައްޕައިފިއެވެ.

މި ގޮތަށް ފަހަރަކު މީހަކު ގެންގޮސް، އެ މީހުންގެ ބަހުން އެ ކުރާ ސުވާލެއްކޮށް، ޖަވާބު ނުލިބުމުން، އަނިޔާ ކުރުމަށްފަހު، އެ އެންމެން ފުލުހުންނާ ހަވާލުކޮށްފައި، ޖަޕާނު ސިފައިން އެ ތަނުން ނިކުމެއްޖެއެވެ. އެއަށްފަހު ސަފަކަށް އެތުރިލައިގެން ހިނގައިގަތީ، ޖަންގައްޔާ ދިމާއަށެވެ. ޖަންގަލީގައި އޮތް ހަނިހަނި މަގަކުން ގޮސް އޮބާލައިފިއެވެ. އޭރު އެ ދުވަހުގެ އަސުރުން އިރު ތިރިވެއްޖެއެވެ.

އަނިޔާ ލިބިފައިވާ ދިވެހީންނާ ފުލުހުން ހަވާލުކުރުމުން، ހައްޔަރުކޮށްފައި ތިބި ތަންތަނުން ނެރެ، ކުރިން ވެސް ތިބި ފެންޑާއަށް އެންމެން ވައްދައިފިއެވެ. ހައްވާދިޔެ ގެނައި އިރު އާދަނާ އިނީ ފެންޑާގެ އެއް ފަރާތު ފާރުގައި ލެނގިލައިގެން ބަލިކަށި ގޮތަކަށެވެ. ދެ ލޯ ވަނީ ރަތްވެފައެވެ. އާދަނާ އެ ހާލުގައި އިންދާ ފެނުމާއެކު، ހައްވާދިޔެއަށް ރޮވިއްޖެއެވެ. ބޭ އިޚުތިޔާރުގައި އާދަނާއާ ދިމާއަށް ދުއްވައިގަނެވުނެވެ. އެ ދިޔަގޮތަށް ގޮސް، އާދަނާގެ ގައިގައި އޮޅުލައިގަނެވުނެވެ. އާދަނާގެ ބުރަކަށީގައި ހައްވާދިޔެގެ އަތް ޖެހުމާއެކު، ތޫނު ތަދަކާއެކު އާދަނާގެ ހަށިގަނޑަށް ސިހުން އައެވެ. ދެ ލޯ މަރައިލެވުނެވެ.

އާދަނާއަށް ވީ ގޮތުން ހައްވާދިޔެއަށް އާދަނާގެ ބުރަކަށްޓަށް ބަލައިލެވުނެވެ. އެއްތެޔޮގަނޑުން ބުރަކަށި މަތީގައި އަޅުވައިލި ތަން ހުރީ ފިތް ނަގާފައެވެ. ދުޅަވެ އަރާފައެވެ. ލޭ ކޮށިފައެވެ. އެ ރަޙުމެއް ނެތް އަނިޔާގެ ނިޝާން ފެނުމާއެކު، ހައްވާދިޔެގެ ދެ ލޮލުން ކަރުނަ ހިލުނެވެ. ހިތަށް ތަދުވީ މާ ބޮޑަށެވެ. އާދަނާގެ ފެންކަޅިވެފައިވާ ދެ ލޮލަށް ބަލައިލެވުމާއެކު ރޮވިއްޖެއެވެ. އޭނާއަށް އާދަނާގެ މޭގައި ބޯ އަޅައިލެވުނެވެ. ހައްވާދިޔެ ލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނައިން އާދަނާގެ މޭމަތި ތެމޭން ފެށިއެވެ. އެ ވަގުތު އާދަނާއަށް ވެސް ރޮވިއްޖެއެވެ. ދެ ލޮލުން ކަރުނަ އޮހިގެންފިއެވެ. ހިތަށް އަރައި ފައިބަމުން ދާ އުދާސްތައް، ލަފުޒުތަކަކުން ބަޔާންކުރެވޭވަރެއް ނޫނެވެ.

އެކި މީސްމީހުންނަށް ކޮށްފައި ހުރި އަނިޔާ ރަނގަޅަށް ފެންނާންފެށީ، ފެންޑާއަށް އެ މީހުން ނެރުނީމައެވެ. އަލިވާ ހިސާބަށް ގެނައިމައެވެ. ގައިގެ އެތަން މިތަނުގައި ނުރިއްސާ އެކަކު ވެސް ނެތެވެ. އެކި މީހުންގެ ހަށިގަނޑުގެ އެކި ދިމަދިމާގައި އަނިޔާގެ އެކި ކަހަލަ ނިޝާންތައް ފެންނާން ހުއްޓެވެ. ނޫފައިގެންފައި ހުރި ތަންތަނެވެ. ރަތްއަރާފައި ހުރި ތަންތަނެވެ. ލޭކޮށިފައި ހުރި ތަންތަނެވެ. ދުޅަވެއަރާފައި ހުރި ތަންޔަނެވެ. ރެކިފުތާގެ ލޮލަށް ވެސް ވަނީ ލޭ އަރާފައެވެ. އެކަކަށް ލިބިފައިވާ އަނިޔާ އަނެކަކަށް ފެނުމާއެކު، ރޮވެއެވެ. ހިތުން ލޭ ކަރުނަ އޮހިގަނެއެވެ.

އިރު އޮއްސިއްޖެއެވެ. ދުނިޔެމަތި އަނދިރިވެއްޖެއެވެ. އޮޑީގައި ބޭތިއްބި މުހައްމަދާއި މާބޭގެ ފުޅުގެ ޚަބަރެއް ނުވެއެވެ. އެ މީހުން ދުނިޔޭގައި ތިބިކަމެއް، ނުވަތަ ނެތް ކަމެއްވެސް ނޭނގެއެވެ. އެހެންކަމުން އަހުމަދުދީދީ ފުލުހުންގެ ކިބައިން އެދުނީ، އެ ދެ މީހުން އެ ތަނަށް ގެނެސް ދިނުމަށެވެ. އިރު އޮއްސި އަނދިރިވާއިރު، އޮޑީގައި ބައިތިއްބައިގެން ތިބެން ހިތަށް ކެތް ނުވާނެތީއެވެ.

އެ ދެ މީހުން އެ ތަނަށް ގެނައީ އެރޭ ނުވައެއް ވެސް ޖެހިފަހުންނެވެ. އެ ހުރިހައި ވަގުތެއް އެ މީހުން ހޭދަކުރީ އޮޑީގައެވެ. ނަޞީބަކުން އެމީހުންނަކަށް އެއްވެސް ކަމެއް ދިމައެއް ނުވެއެވެ. އަނިޔާއަކާ ވެސް ކުރިމައްޗެއް ނުވެއެވެ. ﷲގެ ރަޙުމަތްފުޅު ތަނަވަހީއެވެ.

އެންމެން ކައި ނިމުމުން ފުލުހުން އައިސް އެ ތަނުގައި ސާންތި އަޅައިދިނެވެ. ނިދަން ޖެހުނީ އެ ފެންޑާމަތީގައެވެ. ވަރުބަލިވެ، ލޮޑުވެފައި ތިބިލެއް ބޮޑުކަމުން، އެންމެންވެސް އެ ތަނުގައި ޖައްސައިލިއެވެ. ނިދޭތޯއެވެ. ނިދައިލުމުން ހިތަށާއި ހައްޓަށް ކޮންމެވެސްވަރެއްގެ ލުޔެއް ލިބޭނެތީއެވެ. އެހެންނަމަވެސް އެކަކަށް ވެސް ނިދޭ ގޮތެއް ނުވެއެވެ. ލޮލަށް ނިދި އަޔަސް، ހަށިގަނޑު ކިތަންމެ ވަރުބައްޔަސް، ނިންޖަށް ލޯ މަރުހަބާ ކިޔާގޮތް ނުވިއެވެ. މިނިވަންކަން ގެއްލި، އަޅުވެތިކަމުގެ ރަހަ އަރުގައި ހިފަންފެށުމުންނެވެ. ކުރި އަނިޔާގެ ސަބަބުން ހަށިގަނޑުގައި އަޅާ ވޭން ވެސް ކުޑައެއް ނޫނެވެ. އެހެންކަމުން ކޮންމެ މީހަކަށް ވެސް ފުރޮޅިފުރޮޅި އޮވެވުނީއެވެ. އެ އަނދިރީގެ ތެރެއިން އިރުއިރުކޮޅުން އިވޭ އަޑަކީ، ކޮންމެވެސް މީހެއްގެ ކުކުރުމުގެ އަޑެވެ. މަޑުމަޑު ރުއިމެއްގެ އަޑެވެ. ގިސްލުމެއްގެ އަޑެވެ. އިރުއެރީ މި ފަދަ ހާލެއްގައި އުޅެއުޅެ ތިއްބައެވެ.

ހެނދުނު ހަތެއް ޖެހިތަނާ ފުލުހުން އައިސް، އެންމެން ދަމާ ނަގައިފިއެވެ. ފުރަތަމަ ގެންދިޔައީ ހެނދުނުގެ ނާސްތާއަށެވެ. ކޮންމެ މީހަކު ވެސް ހިތްވަރުކޮށްފައި އެ ހުރި އެއްޗަކުން ނާސްތާ ކުރިއެވެ. ރަހައަކުން ރަހައެއް ނުލިނަމަވެސް، ބަނޑަށް އެނގުންވާ ވަރަށް ކެއެވެ. ނާސްތާކޮށް ނިންމާލުމުން ފުލުހުންގެ ތިން މީހުން އައިސް، އެ މީހުން ގޮވައިގެން ހިނގައިގެންފިއެވެ. ވާން އުޅޭ ގޮތެއް އަދި ނޭނގެއެވެ. ކުރަން އުޅޭ ކަމެއް ވެސް ނޭނގެއެވެ. އެނގެނީ ކޮންމެވެސް ތަނަކަށް ގެންދާކަމެވެ.

އެ މީހުން ގޮވައިގެން ފުލުހުން ގޮސް ފޭބީ، އޮޑި އޮތް ދިމާ އަތިރިމައްޗަށެވެ. އެއަށްފަހު، ފުލުހުން، އެ މީހުންނަށް އެންގީ، އޮޑިއަށް އެރުމަށެވެ. އެ މީހުންގެ ފަހަތުން، ތިން ފުލުހުން ވެސް އޮޑިއަށް އަރައިފިއެވެ. އެހައިތަނުން ދަތުރަށް ފެށިއްޖެއެވެ. މި ފަހަރު ވެސް ހުންގާނުގައި ހުރީ އަހުމަދުދީދީއެވެ. އެހެންނަމަވެސް އާރުކާޓީންނަކީ ފުލުހުންގެ ތިން މީހުންނެވެ. ދަތުރުކުރަން ޖެހުނީ އެމީހުން ދެއްކި މިޞްރާބަކަށެވެ.

ދުވަހަކީ ކަނޑުމަޑު ދުވަހެކެވެ. އުޑުމަތި ބަނަކޮށް އޮތެއްކަމަކު ވާރެއެއް ނުވެހެއެވެ. ހެޔޮވަރު ވަރަކަށް ވައިރޯޅި ވަމުން އަންނާތީ، އޮޑި ވަރަށް ހަރު ދުވެލީގައި ދުވަމުން ދެއެވެ.

އޮޑީގައި ތިބި އިރު، އެކަކު އަނެކަކާ ވާހަކަ ދެއްކުމެއް ނެތެވެ. ކޮންމެ މީހަކުވެސް، ޖެހުނު ތަނެއްގައި އިށީނދެ ނުވަތަ އޮށޯވެ ތިބީއެވެ. ބިރުވެރިކަމެއްގެ ތެރޭގައި ރަނގަޅަށް ހައްޔަރުވެފައެވެ. ވާން އުޅޭގޮތެއް ނޭނގިފައެވެ. މި ގެންދަނީ ކޮންތަނަކަށްބާވައެވެ؟ ހަދާން މި އުޅެނީ ކިހިނެއް ބާވައެވެ؟ ކޮންމެ ގޮތެއް ވިޔަސް ކަށަވަރުވާ ކަމަކީ މި ހާރު މި ތިބީ ޖަޕާނުންގެ އަތްދަށުގައި ރަނގަޅަށް ހައްޔަރުވެފައި ކަމެވެ.

މި ބިރުވެރި ވަސްވާސް ހިތަށް ވެރިވުމާއެކު، ކޮންމެ މީހެއްގެ ހިތް ވެސް މާ ބާރަށް ތެޅިގަނެއެވެ. ނަފުސު އިންތިހާއަށް މާޔޫސްކޮށްލައެވެ. ދެ ލޯ ކަރުނުން ތެންމާލައެވެ. އެހެންނަމަވެސް ކުރެވޭނެ ކަމެއް ނެތެވެ. ގެންދިޔަ ތަނަކަށް ދިޔުން ނޫން ގޮތެއް ނެތެވެ. އަމިއްލަ ބާރެއް، އަމިއްލަ އިޚުތިޔާރެއް ނެތެވެ. އޮޑީގެ ހުންގާނުގައި އަހުމަދުދީދީ ހުއްޓެއް ކަމަކު، ރިމޯޓު އޮތީ އެހެން ބަޔެއްގެ އަތުގައެވެ. ދުއްވަމުން ދިޔައީ އެ މީހުން ދެއްކި މިސްރާބަކަށެވެ.

(ނުނިމޭ...)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު