އަޖަލު (12)

އެއީ މާ ބޮޑު ފަޅެއް ނޫނެވެ. އެހެންކަމުން އޮޑި ގޮނޑުކޮށްލާކަށް ގިނަ ވަގުތެއް ނުނެގިއެވެ. ގޮނޑުދޮށާ އޮޑި ކައިރިކޮށް، ނަގިލި ލައިގެން ތިބީ، ވައިރޯޅި މަޑުވެ، ރިޔާ ނެގޭނޭ އިރެއްގެ އިންތިޒާރުގަވެ. އޭރު އެ ދުވަހުގެ އިރު ދަމަކަށް އަރައިފާނޭ ކަމަށް ލަފާކުރެވެއެވެ.

މި ރަށަކީ މީގެ ކުރިން ފެނުނު ހުރިހާ ރަށަކަށްވުރެ ވެސް ބޮޑު ރަށެކެވެ. ބިންގަނޑު އުސް، ގަސް ބޯ ރަށެކެވެ. އެ ރަށު ފަޅުތެރޭގައި އޮޑި އަޅާލައިގެން ތިބޭތާ ފަނަރަ ވަރަކަށް މިނެޓު ވީއިރު، ދިރޭ ފުރާނައެއްހައި މިންވަރު ވެސް އެ ރަށުން ނުފެނެއެވެ. ކުރީން ދެވުނު ބައެއް ރަށްރަށުން ދިމާވި ބައެއް ކަހަލަ ކަންކަން ހަނދާންވުމުން، މޭޖެހޭގޮތް ވެސް ވާން ފަށައިފިއެވެ. މި ފަހަރު އެގޮތަށް މިނިކާވަގެއް، ސިންގާއެއް ފަދަ އެއްޗެއް ގޮނޑުދޮށަށް ފައިބައިފި ނަމަ، ސަލާމަތްވާން ކުރެވޭނެ މާ ބޮޑުކަމެއް ނޯންނާނެއެވެ.

"ހާދަ ބޮޑަށް އެބަ ހީކަރުވައޭ؟ ދެން ކެތެއް ނުވާނެ!"

ހައްވާދިޔެއެކޭ ރޯމަހެކޭ އެއް ފަދައެވެ. ތުރުތުރުއަޅަނީއެވެ. ހީކަރުވައިގެން ގޮސް ފުނޑުފުނޑުވަނީއެވެ. އާދަނާއަށް އެކަން އެނގެއެވެ. އޭނާ އިނީ ކުރާނެކަމެއް ނެތި، ގޮތް ހުސްވެފައެވެ. ހައްވާދިޔެގެ ހަތަރެސްފަޔަށް ހޫނުކުރެވޭތޯ އޭނާ މަސައްކަތްކުރިއެވެ. އެހެންނަމަވެސް އޭނާގެ އަތަކީ ވެސް މި ވަގުތު ގަނޑުފެންގަނޑެކެވެ. ގިނައިރު ކޭތުމުން އެ ދެމެދުން ހޫނުކަމުގެ ކަންފުޅެއްގެ އަސަރު އިހުސާސްވާހެން ހީވެއެވެ. މި ކަން ކުރާން ފެށުމުން، މަޑުމަޑުން ހައްވާދިޔެ ހަމައަކަށް އެޅޭން ފަށައިފިއެވެ.

ބައިގަޑިއެއްހައި އިރު ފަހުން، ރަށުގެ އިރުމަތީ ކޮޅުން، ތިން މީހަކު އަންނަތަން ފެނިއްޖެއެވެ. އެ މީހުން އައީ ރާޅުފެނުގައި ހިނގަމުންނެވެ. އެކަކުގެ ކޮނޑުގައި އެއްޗެއް އޮތެވެ. ތަންކޮޅެއް ކައިރިވުމުން، އެއީ މަސްހިފާ ކަހަލަ ދަލެއްކަން އެނގިއްޖެއެވެ. ސޯޓަކާއި ޓީޝާޓެއް ލައިގެން ތިބި އެ ތިން މީހުންނަކީ، މަސްހިފަން ނިކުމެ އުޅޭ ތިން މީހުންކަން، އެ މީހުންގެ ހަރަކާތުންނާއި ތިބި ގޮތުން އެނގެއެވެ.

އެ މީހުންނަށް އޮޑި ފެނުމާއެކު، ހިނގުން ހަލުއި ކޮށްލައިފިއެވެ. ސީދާ އޮޑިއާ ދިމާއަށް މިޞްރާބު ޖަހައިފިއެވެ. އެ ހިނގުމުގައި ހަރުގޮތެއް ހުއްޓެވެ. އެއައި ގޮތަށް އައިސް ފުރަތަމަވެސް އެންގީ އޮޑި އައްދޮށް ކުރުމަށެވެ. ކިޔަމަންވުން ނޫން ގޮތެއް ނެތެވެ. އަހުމަދުދީދީގެ އެންގުމަށް، ފިޔޯރީއާދަނާ ދިޔައީ ގެނބުރު ވަލަށެވެ. އަލިފުތާ ދިޔައީ ފުށަތު ވަލަށެވެ. ގެނބުރު ވަލަށް ދޫދެމުން، އައްދޮށުވަލަށް ދަމަން ފެށުމާއެކު، އޮޑި އައްދޮށް ވެއްޖެއެވެ. އެ ތިން މީހުން އެއްގަމުގައި ތިއްބެވެ. އޮޑިއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އޮޑި ކައިރިވުމާއެކު އެންމެންގެ މޫނަށް ވަކިވަކީން ބަލާންފެށިއެވެ.

އެންމެން އޮޑިން ފައިބާން އެ މީހުން އަމުރުކުރިއެވެ. އަތުގެ ހަރުކަށި އިޝާރާތުންނެވެ. ފަހަރަކު މީހަކު އޮޑިން ފައިބާން ފަށައިފިއެވެ. ބިރުން ތިބެއެވެ. މިއީ މާރަނގަޅު ބަޔެއް ހެނެއް ހިއެއް ނުވެއެވެ. އެމީހުންގެ ބެލުމާއި ހަރަކާތުގައި އެއްވެސް ކަހަލަ އޯގާވެރިކަމެއް ހަމްދަރުދީއެއް ނެތެވެ. އޭގެ ބަދަލުގައި ފެންނަނީ ހަރުކަށިކަމެވެ. ރުޅިވެރިކަމެވެ. ރަހުމުކުޑަކަމުގެ އަލާމާތްތަކެވެ.

ފަހަރަކު މީހަކު ފައިބަމުން ގޮސް، ހަތް ވަނައަށް ފޭބީ އަދަނާއެވެ. ހައްވާދިޔެ ފޭބީ، އާދަނާގެ އަތްދަނޑިމަތީގައެވެ. ހައްވާދިޔެ ގެނެސް އެއްގަމުގައި ބެހެއްޓުމާއެކު، އެ ތިން މީހުން ހައްވާދިޔެއާ ދިމާއަށް ބަލާންފެށިއެވެ. ހާންތިވެފައި ތިބި މިނިކާވަގުތަކެއް ފަދައިންނެވެ. އާދަނާއަށް މިކަން ފާހަގަކުރެވުމާއެކު، ހައްވާދިޔެގެ އަތުގައި ބާރަށް ހިފެހެއްޓުނެވެ. ބޭއިޚުތިޔާރުގައެވެ. ހައްވާދިޔެއަށް ޖެހިލެވުނީ، އާދަނާގެ ފުރަގަހަށެވެ. ހިތުގެ ތެޅުން އިހުސާސްވާހައި ކައިރިއަށް ޖެހިލެވުނެވެ. އޭނާ މި ވަގުތު ބޭނުންވަނީ އާދަނާގެ ހަށިގަނޑުގެ ތެރޭގައި ބޮނދާށެވެ.

އޮޑީގައި ތިބި އެގާރަ މީހުން ފައިބާ ހަމަޖެހުމާއެކު، އެ ތިން މީހުން ކުރިއަށް ޖެހިލައި، ސުވާލު ކުރާން ފަށައިފިއެވެ. އެ މީހުން ވާހަކަ ދައްކަނީ ކޮން ބަހަކުން ކަމެއް، އެއިން އެކަކަށް ވެސް ނޭނގެއެވެ. ކިޔާ އެއްޗެއް ރޭކާނުލައެވެ. އެއް ސުވާލެއް ތިން ހަތަރު ފަހަރު ތަކުރާރު ވެސް ކުރެއެވެ. ވަރަށް ގިނަ ސުވާލުތައް ކުރިއެވެ. އެއިން އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބުމުން، އޮޑި ބަލަހައްޓަން އެޅެފުތާގެ މުހައްމަދާއި މާބޭގެ ފުޅާއި ދެ ޒުވާނުން ބައިތިއްބާފައި، އަނެއް ނުވަ މީހުން ގޮވައިގެން، އެ މީހުން ހިނގައިގަތީ އެއްގަމަށެވެ.

އެއްގަމަށް އެރުމަށް ޓަކައި ހިނގައިގަތްއިރު، އެ ނުވަ މީހުންގެ ތެރޭގައި ޢާންމުވެފައި ވަނީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމެވެ. ކަންތައްތައް މިއަންނަނީ ގޯސްވަމުން ކަމުގައި ކޮންމެ މީހެއްގެ ހިތްވެސް ބުނާން ފަށައިފިއެވެ. ހާސްވެ ކަންބޮޑުވެފައި ތިބިލެއް ބޮޑުކަމުން، އެއްވެސް މީހަކަށް އަނގައިން ބުނާކަށް ނުކެރުނެވެ. ކުރިން ދިޔަ ރަށުން ދިމާވި އިންޑިޔާ މީހުން ދެއްކި ވާހަކަތައް ހަނދާން ވުމުން، ހިތަށް ވެރިވެފައިވާ ބިރުވެރިކަން ވަކީން ބޮޑުވިއެވެ. ޖަޕާނުސިފައިންގެ ބާރުގެ ދަށުގައި އޮތް ރަށަކީ މިއީ ބާވައެވެ؟

އެއްގަމަށް އެރުމަށްޓަކައި، އެ މީހުންނަށް އެޅުނީ ދެތިން ފިޔަވަޅެކެވެ. އިތުރު ފަސްމީހަކު އެތަނަށް އަތުވެއްޖެއެވެ. މިހާރު އެ މީހުންގެ އަށް މީހުން ހަމަވީއެވެ. އެ އަށް މީހުން، ނުވަ ދިވެހީން ގޮވައިގެން އެއްގަމަށް އަރައިފިއެވެ.

މިއީ ވެސް ގަސް ގިނަ ރަށެވެ. ހޭޅި ބޮލެވެ. ދުވަހަކު ނުދެކޭ ޒާތްޒާތުގެ ގަސްތައް ވެސް ބައިވަރެވެ. މަގުގެ ދެ ފަރާތުގައި ބޮޑެތި ގަސްގަހާއި ކުދި ގަސްތައް ޖެހި ފިތިގެން ފުނިފުންޏަށް ތިއްބެވެ. ވާރޭ ވެހުމުގެ ސަބަބުން، ބިންގަނޑާއި ގަސްތައް ވަނީ ތެމި ފޯވެފައެވެ. ބައެއް ގަސްގަހުގެ ފަތްތަކުގެ ކުރިން، މިހާރުވެސް ފެންތިކި ޖަހައެވެ. މި ނުވަ ދިވެހީންނަށް ކުރިމަތިވެފައިވާ ނިކަމެތި ހާލުގެ މައްޗަށް ހިތާމަކޮށް، އެ ގަސްތައް ކަރުނަ އަޅާ ކަހަލައެވެ.

ހިނގަމުން ދިޔަ ހަނި މަގުގައި ހެދިފައި ހުރި ބައެއް ފެންގަނޑުގަނޑުން ނެއްޓެމުން، އަނެއްބައި ފެންގަނޑުގަނޑަށް އެރިގެން، ނުވަ މީހުން ކުރިއަށް ދިޔައެވެ. އެ މީހުންގެ މައްޗަށް އަމުރު ހިންގާން ތިބި އަށް މީހުންގެ ފަހަތުންނެވެ. އެ މީހުން ކުރީގައި ތިއްބެއްކަމަކު، މިނެޓަކު ތިން ހަތަރު ފަހަރު އެނބުރި ފަހަތަށް ނުބަލައި ހަމަ އެކަކު ވެސް ނެތެވެ.

ގާތްގަނޑަކަށް ދިހަވަރަކަށް މިނެޓް ހިނގުނުފަހުން، މީހުން އުޅޭ ސަރަޙައްދަށް ދެވިއްޖެއެވެ. އޭރު އެންމެން ވެސް ތިބީ، ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ހައިވެގެން ގޮސް، ހާންތިވާން ކައިރިވެފައެވެ. ކުރީ ރޭ ނުނިދާ ތިބުމުގެ ސަބަބުންނާއި އެއްޗެއް ނުކައި ތިބުމުގެ ސަބަބުން، ވަރަށް ބޮޑަށް ބަލިވާގޮތް ވެފައެވެ.

ރަށުގެ މީހުން އުޅޭ ހިސާބަށް ދެވުމާއެކު، އެ މީހުންނަށް ލިބުނު ސިހުން ވަރަށް ބޮޑުވެއްޖެއެވެ. އައި ނައި ދިމާއެއް ނޭނގި، ކުއްލިއަކަށް އައިސް އެމީހުން ވަށައިލީ ބޮޑު ބައިގަނޑެކެވެ. ވިއްސަކަށް ފަންސަވީހަކަށް މީހުން ތިއްބެވެ. އެ މީހުން އެންމެ އެއްގޮތީ އިންޑިޔާ ހިސާބުގެ ބަޔަކާއެވެ. ވާހަކަ ދައްކަނީ އުރުދޫ ނުވަތަ ހިންދީ ބަހުންނެވެ. އެ މީހުންގެ ފަރާތަކުން އެއްވެސް ކަހަލަ ނުރައްކަލެއް ނާދެވެ. އެ މީހުން ދެއްކި ވާހަކަތަކުން އެނގުނީ، މި ރަށުގައި ވެރިކަން ކުރަނީ، ޖަޕާނު ސިފައިންކަމެވެ. ޖަޕާނު ސިފައިންގެ އަތް ދަށުވެއްޖެ ނަމަ، ސަލާމަތްވުމުގެ އެއްވެސް އުއްމީދެއް ނެތްކަން، އެމީހުންގެ ވާހަކަތަކުން ދޭހަވިއެވެ.

އަނެއްކާވެސް އެއްކަހަލަ އަށް މީހުން، ދިވެހީންގެ ނުވަ މީހުން ގޮވައިގެން ހިނގައިގެންފިއެވެ. ވާން އުޅޭ ގޮތެއް އެކަކަށް ވެސް ނޭނގެއެވެ. ކޮންމެ މީހެއްގެ ވެސް ހިތް ތެޅެމުންދެއެވެ. ބިރުވެރިކަމާއި ނުރައްކާތެރިކަން ވަނީ ހަފަރާތުން ވަށާލައިފައެވެ. ޔަޤީންވާ ކަމަކީ، މިއީ ޖަޕާނުންގެ އަތްދަށުގައި އޮތް ރަށެއް ކަމެވެ. ބާރު ހިންގަނީ ޖަޕާނު ސިފައިންކަމެވެ. އެ މީހުންގެ ވެރީންނަށް މިއަދު އެ ތިބަ އަށް މީހުންނަކީ، ޖަޕާނު ސިފައިން ނޫން ނަމަވެސް، އެހައި ހިތް ސާފު ބަޔެއް ނޫންކަމެވެ. އެ މީހުންގެ ބެލުންތަކާއި ޢަމަލުތަކުގައި ހަމްދަރުދީއެއް ނެތެވެ. އެހެންނަމަވެސް ދުޢާއަކީ ދެރަ ގޮތެއް ނުވުމެވެ.

ކަންތައް ދިމާވީ ހީކުރި ގޮތަކަށެވެ. އެހެންނަމަވެސް ހީކުރި ގޮތަކަށް ނޫނެވެ. އެ މީހުން ގޮވައިގެން ގެންގޮސް ވެއްދީ ފުލުސް އޮފީހަށެވެ. ހަވާލުކުރީ ފުލުހުންނާއެވެ. އެހެންނަމަވެސް އެއީ ޖަޕާނު ފުލުހުންނެއް ނޫނެވެ. އެރަށުގެ ފުލުހުންނެވެ. އެ ފުލުސް އޮފީހަކީ ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުރި، ދެރަވަރު ތަނެކެވެ. އޮފީހަކަށްވުރެ ބޮޑަށް ވައްތަކީ ގެއަކާއެވެ. ބާ ގެގަނޑަކާއެވެ. އެތަން ހުރީ، މީހުން އާބާދުވެފައި އޮތް ސަރަހައްދުގެ އެއްކޮޅުގައެވެ. އެތަނުގެ ބިތްދޮށަށް އޮތީ ޖަންގައްޔެކެވެ. ކުދި ގަސްގަހާއި ބިޔަ ގަސްތަކުން ފުރިފައިވާ ބޯ ޖަންގައްޔެކެވެ.

ފުލުސް އޮފީހާ ޖެހިގެން ކަހަލަ ގޮތަކަށް ބާ ގެގަނޑެއް ހުއްޓެވެ. އެ ގޭގެ ބޭރުގައި ވަރަށް ބޮޑު ފެންޑާއެއް އޮތެވެ. ފުލުހުން އެ މީހުންނާ ހަވާލުވުމަށްފަހު، ބޭތިއްބީ އެ ފެންޑާގައެވެ. ހީކަރުވައިގެންފައި ތިބިލެއް ބޮޑުކަމުން، ކޮންމެ މީހަކުވެސް ފާޑަކަށް ތުރުތުރު އަޅައެވެ. އެހެންކަމުން އެންމެ ފުރަތަމަވެސް ގެނައީ އަލިފާނެވެ. ގަސްލަކުޑި އަންދައިގެން އުފައްދާފައި ހުރި އަލިފާނެވެ.

އަލިފާނުގެ ހޫނުކަން އިހުސާސްވާން ފެށުމުން، ކޮންމެވެސް ވަރެއްގެ ލުއިކަމެއް އެންމެންގެ ހަށިގަނޑަށް ވެސް ލިބިއްޖެއެވެ. ވެފައިވާ ބަނޑުހައިކަމަށް ބަދަލެއް ނައިކަމުގައި ވިޔަސް، ތަންދޮރު ވަކިވާވަރު ވެއްޖެއެވެ. ރަށުގެ އެތައް ބަޔަކު، އެތަނަށް އެއްވެ، ކުޅިބަލާން ތިބިކަން ވެސް އެނގިއްޖެއެވެ.

އެގޮތުގައި މާގިނައިރު ތިބޭކަށް އެ މީހުންނަކަށް ނުޖެހުނެވެ. އިރުކޮޅަކުން ހޫނުފެނާއި ގޫޑުހަކުރު ހިފައިގެން ފުލުހުންގެ މީހަކު އަތުވެއްޖެއެވެ. އެންމެން އަވަސްވެގަތީ އެއިން ސައި ހަދާށެވެ. ސައިތަށި ބޮއި ހަމަޖެހިލުމާއެކު، އިރުކޮޅަކުން ކާން ގެނެސްދީފިއެވެ. ކޮންމެ މީހަކަށް ފެންބަތް ގުޅައަކާއި ލޮނުފޮދެކެވެ. ބާވަތެއްގެ ފަތް ބޮނޑިއެއް ވެސް އޮތެވެ.

ބަނޑުހައިވެ ހާންތިވެފައި ތިބި ބަޔަކަށް، މިވަރުގެ ކެއުމެއް ވެސް، މީރު ބިރިޔާނީ ގަނޑަކަށްވުރެ ދެރައެއް ނުވާނެތާއެވެ. ލޮނުފޮދު އަޅައިގެން އެ ބަތްގުޅަ ހުސްވާންދެން ކޮންމެ މީހަކުވެސް ކެއެވެ. ކައިނިމި ހަމަޖެހިލުމުން، އެންމެން ވެސް ބޭނުންވީ، ވީ އެންމެ އަވަހަކަށް އޮޑިއަށް ދިއުމަށެވެ. އެޅެފުތާގެ މުހައްމަދާއި މާބޭގެ ފުޅުގެ ހާލެއް ވެސް ނޭނގެއެވެ. އަނެއްކޮޅުން ޖަޕާނުގެ ވެރިކަން ހިނގަމުން އަންނަ ރަށެއްގައި މިގޮތަށް ތިބުމަކީ، ރައްކާތެރިކަމެއް ވެސް ނޫނެވެ.

ފުލުހަކު އަތުވެއްޖެނަމަ، އޮޑިއަށް ދާން ބޭނުންވާ ވާހަކަ ބުނަން އަހުމަދުދީދީ އިނީ ނިންމައިގެންނެވެ. އެހެން އިންދާ ދެތިން ފުލުހަކު އެތަނަށް އަތުވެއްޖެއެވެ. އެއްޗެއް ބުނެވޭވަރު ނުވެގެން އުޅެނިކޮށް، ކުއްލިއަކަށް ފެނުނީ، އެތަނަށް އެއްވެފައި ތިބި އާންމުންގެ މީހުންތައް ކެވިއަރައިގަތް ތަނެވެ. އިސާހިތަކު އެ މީހަކަށް ޖެހުނު ދިމާއަކަށް އެ މީހަކު ދުވެ ރައްކާވެއްޖެއެވެ.

"ކިހިނެއްވީ؟ ކީއްވެ އެންމެން އެ....."

ހައްވާދިޔެއަށް ޖުމުލަ ފުރިހަމަ ކުރާނެ ފުރުޞަތެއް ނުލިބުނެވެ. ކުއްލިއަކަށް ފެނުނީ ސިފައިންގެ ލަޝްކަރެއް އައިސް އެތަނަށް ވަދެގަތް ތަނެވެ. ސަތޭކަ ވަރަކަށް ސިފައިންގެ ފައުޖެކެވެ. އެއީ ޖަޕާނު ސިފައިން ކަމާމެދަކު ޝައްކެއްނެތެވެ. މި މީހުން ފެނުމާއެކު، އެންމެންނަށް ވެސް ލިބުނީ ވަރަށް ބޮޑު ސިހުމެކެވެ. ކޮންމެ މީހެއްގެ ވެސް ހިތް ތެޅިގަތީ، މޭ އިރާލާފައި ނިކުންނަހައި ބާރަށެވެ. އެ މީހުން އައިސް ވަދެގަތީ، ކޮންދިމާއަކުން ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ފެނުނީ އައިސް ވަދެގަތްތަނެވެ. ލަފާކުރެވެނީ ފުލުސް އޮފީހުގެ ބިތްދޮށުގައި އޮތް ޖަންގަލީގެ ތެރެއިން ނިކުމެގެން އައީކަމަށެވެ.

(ނުނިމޭ...)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު