ތިން ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއުގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިން ރަށެއްގެ ބަނދަރުގެ މަސައްކަތްކުރުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެކަމަށް ހާއްސަކޮށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވަނީ ށ ނޫމަރާ، ނ ހެނބަދޫ އަދި ސ މީދޫ ބަނދަރު ހެދުމުގެ މަޝްރޫއުގައި ސޮއިކޮށްފަ އެވެ.

އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

އެއްބަސްވުމުގައި ސޮއިކުރައްވާ ވާހަކަފުޅު ދައްކަވަމުން ޝާނާ ވިދާޅުވީ ނޫމަރާ ބަނދަރު ހެދުމަށް 365 ދުވަހުގެ މުއްދަތެއް ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓަށް ދީފައިވާ ކަމަށެވެ. އެއީ 9.9 މިލިއަން ރުފިޔާއަށެވެ.

އެ މަޝްރޫގެ ދަށުން 48 މީޓަރު ގްރޮއިން ޖެހުމާއި، 63 މީޓަރު ބޭރު ތޮށި ޖެހުމުގެ އިތުރުން ދެ ނެރު ބައްތި ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ވާހަކަދައްކަވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޫމަރާ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަ އަބްދުﷲ ސަވާދެވެ.

ހެނބަދޫ އަދި މީދޫ ބަނދަރު ހެދުމަށް ހަވާލުކުރީ އެމްޓީސީސީއާއެވެ. އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ.

ހެނބަދޫ ބަނދަރު ހެދުމަށް 300 ދުވަސް ދީފައިވާއިރު އެ މަޝްރޫއުގެ ޖުމްލަ އަގަގީ 26.6 މިލިއަން ރުފިޔާއެވެ. މީދޫގައި ބަނދަރު ހެދުމަށް ވަނީ 365 ދުވަހުގެ މުއްދަތެއް ދީފައެވެ. އެއީ 35.4 މިލިއަން ރުފިޔާއަށެވެ.

comment ކޮމެންޓް