ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މައްސަލަ މާދަމާގެ ޖުޑީޝިއަލް ސާވިސަސް ކޮމިޝަން، ޖޭއެސްސީގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
އެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް ޖޭއެސްސީއިން އެޖެންޑާކުރި މައްސަލަ އެކެވެ. ފަނޑިޔާރުންގެ ފެންވަރު ނުބަލާތާ 10 އަހަރު ވަނީ ވެފަ އެވެ.
ގާނޫނު އަސާސީގެ 285 މާއްދާގެ ށ ގައި ބުނެފައިވާ ގޮތުގައި ގާނޫނޫ އަސާސީއަށް އަމަލު ކުރަން ފަށާތާ، ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ފަނޑިޔާރުންގެ ޝަރުތުތައް ފުރިހަމަވޭތޯ ޖޭއެސްސީއިން ބަލަން ޖެހެ އެވެ.
ގާނޫނު އަސާސީގެ 149 ވަނަ މާއްދާގައިވާ ގޮތުގައި ފަނޑިޔާރެއްގެ ވާޖިބާއި މަސްއޫލިއްޔަތުތައް އުފުލޭ ފަދަ ގާބިލް މީހަކަށް ވުމާ އެކު، އަހުލާގު ރަނގަޅު ބަޔަކަށް ވާންވާނެ އެވެ. އަދި މި މާއްދާގެ ނ ގައި ބުނެފައި ވަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް އައްޔަން ކުރާ ކޮންމެ މީހަކީ 30 އަހަރު ވެފައިވާ މީހަކަށް ވާންވާނެ ކަމަށެވެ. މީގެ އިތުރުން ފަނޑިޔާރުންކަން ނުވަތަ ގާނޫނީ ވަކީލްކަން ކުރުމުގައި ނުވަތަ ދެ ދާއިރާއިން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ހުރުން އަދި އިސްލާމީ ޝަރީއަތް ނުވަތަ ގާނޫނީ ދާއިރާއިން އިލްމް ލިބިފައިވާ މީހަކަށް ވާންވާނެ ކަމަށެވެ.