ޒައިނާއާއި ސޮފްވާން ވަކިކުރަން ބްރޯޑްކޮމްއިން ކޮމިޓީއަށް ހުށަހަޅައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސާ ފާތިމަތު ޒައިނާ (ކ) އަދި އެ ކޮމިޝަނުގެ މެމްބަރު އަދި ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން (ވ) ---

ބްރޯޑްކާސްޓިން ކޮމިޝަނުން އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން އާއި މިހާރުގެ ނައިބު ރައީސް ފާތިމަތު ޒައިނާ ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މިއަދު ބްރޯޑްކޮމްގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކޮށް، އެ މެމްބަރުންގެ ހާޒިރުގައި އެކަން ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. އެ ހުށަހެޅުމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވަނީ ތާއީދު ކުރައްވައިފައެވެ.

ބްރޯޑްކޮމް މިއަދު ހާޒިރުކޮށް ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ބޭއްވި ކެމްޕޭން ޖަލްސާއެއް ޒައިނާ ހުށަހެޅުއްވި މައްސަލައާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. 2017 ވަނަ އަހަރު ތެރޭގައި ހަމަ އެ މައްސަލައާ ގުޅިގެން ޒައިނާ ވަކިކޮށްދިނުމަށް އެދި އޭރުގެ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި އެވެ.

މިއަދު ޒައިނާ ވިދާޅުވެފައި ވަނީ އެ ޖަލްސާއަކީ އިސް ރަށްވެހިންނަށް ބޭއްވި ޖަލްސާއެއް ކަމަށާއި އެއީ ސިޔާސީ ޖަލްސާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޒައިނާ ބްރޯޑްކޮމްގެ ނައިބު ރައީސް ކަމަށް އައްޔަން ކުރީ، އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުރި ސޮފްވާން އިސްތިއުފާ ދެއްވުމުން، މި މަހުގެ 17 ވަނަ ދުވަހު އެވެ.

ސޮފްވާންވެސް ކޮމިޝަނުގެ މެމްބަރު ކަމުން ވަކި ކުރަން ނިންމާފައިވާއިރު އޭނާ މަސައްކަތަށް ނުނިކުންނަވައި މުސާރަ ނަންގަވާތާ އެތައް މަހެއް ވެއްޖެ އެވެ.

ސޮފްވާންގެ މައްޗަށް ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު ރަހީނު ކުރުމުގެ ތުހުމަތުވެސް ކުރެވެއެވެ. އެކަމާ ގުޅޭ ގޮތުން ޝަހީބާއި ކޮމިޝަނުގެ އެހެން މެމްބަރުންވެސް ވަނީ ކޮމިޓީގައި ވާހަކަފުޅު ދައްކަވައިފައެވެ.

comment ކޮމެންޓް