ޕްރީސްކޫލް ފަށާ އުމުރަކީ 1.5 އަހަރުކަމަށް ކަނޑައަޅައި، ޕްރީސްކޫލް ހިންގުމުގެ ގާނޫނަށް ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ހުށަހެޅުއްވި އިސްލާހުގެ ބިލު ބަލައިނުގަތުމަށް ނިންމައި، އެ ބިލު މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ފަޒުލް ހުށަހެޅުއްވި އެ ބިލު ބޭރުކޮށްލީ، ބިލު ބަލައިގަތުމަށް ނުފެންނަކަމަށް 62 މެމްބަރުންގެ ވޯޓާއެކުއެވެ. ބިލު ބަލައިގަތުމަށް ވޯޓު ދިނީ ހަތަރު މެމްބަރުންގެ ވޯޓުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެމްބަރަކު އިންނެވިއެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގެ ދުވަސްވަރު ޕީއެސްއެމްއިން ކުރިއަށް ގެންދިޔަ މަޖިލިސް ބަހުސްގައި، "ބޭބީ ނާސަރީ ފަދަ ބިލުތައް" މަޖިލީހަށް ހުށަހަޅައިގެން ގާނޫނަށް ހައްދަވާނެކަމަށް ފަޒުލް ވިދާޅުވި އެވެ.
ޕްރީސްކޫލް ހިންގުމުގެ ގާނޫނު މިހާރު އޮތް ގޮތުން، "ޕްރީސްކޫލް" މާނަކޮށްފައިވަނީ، އުމުރުުން ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިންނަށް ޕްރީސްކޫލުގެ ތައުލީމު ދޭ ހާއްސަ ސްކޫލުތަކަށެވެ.
އެހެން ނަމަވެސް ފަޒުލް މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ، ޕްރީސްކޫލުގެ ގޮތުގައި ބެލެވޭނީ އުމުރުން އެއް އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިންނަށް ތައުލީމު ދޭ ހާއްސަ ސްކޫލުތަކުގެ ގޮތުގައި ބަލައިގަތުމަށެވެ. އަދި ޕްރީސްކޫލް ހިންގުމުގައި ދައުލަތުގެ ފުރިހަމަ ބައިވެރިވުން އޮންނަންޖެހޭކަމަށް އޮންނަ އޮތުން އުވާލަންވެސް ވަނީ ހުށަހަޅާފައެވެ.
އެ ބިލަށް ބަހުސްކުރައްވަމުން މަޖިލީހުގެ ގިނަ މެމްބަރުން ވިދާޅުވީ މިވަގުތަކީ އެފަދަ ބިލެއް ހުށަހަޅަން އެކަށީގެންވާ ވަގުތެއް ނޫން ކަމަށެވެ. އަދި އެ ބިލު ހުށަހަޅާފައިވަނީ ރަނގަޅަށް ދިރާސާނުކޮށް ކަމަށް ބުނެފައިވެއެވެ.
ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ މިހާރުވެސް އަމިއްލަ ފަރާތްތަކުން ބޭބީ ނާސަރީ ސްކޫލު ހިންގާކަމަށާއި ނަމަވެސް މިއީ މިހާރުން މިހާރަށް ކުރަންޖެހޭ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އެހެން ނަމަވެސް ތައުލީމީ ކަންކަން ހަރުދަނާކުރަން ޖެހޭކަމަށާއި މީހުން ތަމްރީނުކުރަމުން ދޭތޯ ބަލަންޖެހޭ ކަމަށްވެސް އަފީފު ވިދާޅުވިއެވެ.
މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ޕްރީސްކޫލު މިހާރުވެސް ހިންގަމުން ދަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އަދި މިހާރުވެސް އެފަދަ ތަންތަން ހިންގަނީ ބެލެނިވެރިންގެ އަތުން ބޮޑު ފީއެއް ނަގައިގެން ކަމަށެވެ. އަދި އެފދަސަ ސްކޫލުތައް ހިންގާ ކައުންސިލުތަކަށް މިހާރަށް ވުރެ ބޮޑަށް އެހީވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ބިލަށް ތާއީދުކުރައްވައި، ދަނގެތި ދާއިރާގެ މެމްބަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމް ވަނީ ރާއްޖޭގައި މިހާރު ޕްރީސްކޫލު ހިންގަނީ ވަރަށް ދަށް ފެންވަރެއްގައި ކަމަށް ވިދާޅުވެފައެވެ.
އަދި ކިޔެވުމަކަށް ވަކި އުމުރެއް ނޯންނަ ކަމަށާއި އަދި މިހާރު އެފަދަ ތުއްތު ކުދިންނަށް ކިޔަވައިދިނުމަށް ސަރުކާރުން އެކަށީގެންވާ ވަރަށް ފައިސާވެސް ލިބޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.