ބިދޭސީންނަށް ފަސޭހަ ކަމާ އެކު ކުރިކެޓު ބެލޭނެ ގޮތް ޔޫތު މިނިސްޓަރީއިން ފަހި ކޮށްދީފި

ކުރިކެޓު ބެލުމަށް ޓަކައި މާލޭ އިޖްތިމާޢީ މަރުކަޒު (ސޯޝަލް ސެންޓަރ)ގައި ހުރި ބޮޑު ސްކްރީނުގައި މެޗު އަޅުވާފައި --- ފޮޓޯ/ ޔޫތް މިނިސްޓަރީ

މިހާރު ކުރިއަށްދާ އައިސީސީ ކުރިކެޓު މުބާރާތުގެ ފޯރި މުޅި ދުނިޔޭގައި ވެސް ހިއްޕާލާފައިވާ އިރު ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން ވެސް ދަނީ އެމީހުން ނިސްބަތްވާ ގައުމުތަކަށް ސަޕޯޓް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ހާއްސަކޮށް ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ބިދޭސީއިންނަކީ އިންޑިއާއާއި ބަންގްލަދޭޝްގެ ރައްޔިތުންނަށް ވެފައި އެ މީހުންނަކީ ކުރިކެޓަށް މަރުދޭ ބަޔަކަށްވީ އިރު އެމީހުންނަށް އެ މީހުންގެ ގައުމީޓީމު ކުޅޭ މެޗުތައް ބެލުން ވަނީ ތުރާލަކަށް ވެފަ އެވެ. ދުވަސް އެއްކޮށް މަސައްކަތުގައު އުޅުމަށް ފަހު ވެސް އަމިއްލަ ގައުމު ދުނިޔޭގެ އެންމެ މަތީ ފަންތީގައި ކުރިކެޓު ކުޅޭތަން ބަލާލަން ލިބުމަކީ އެ ވެރިންނަށް ލިބޭ އެންމެ ބޮޑު އުފަލެވެ.

ކެފޭ ހޮޓާ ތަކުގައި އަޅުވާފައި ހުންނަ ޓީވީ ތަކުން ކުރިކެޓު ބެލުމަށް މާލޭ މަގުތައް މަތީ ބިދޭސީއިން އެތުރިލައިގެން ތިބޭ މަންޒަރު --- ފޮޓޯ/ ޔޫތް މިނިސްޓަރީ

ނަމަވެސް އެމީހުން ދިރިއުޅެމުންދާ ތަންތާގައި ޓީވީއެއް ގިނަ ފަހަރު ނުހުރެ އެވެ. ކޮޓަރިއެއް ތެރޭގައި 12-10 މީހުން އުޅޭ އިރު އެ މީހުންގެ މަގުސަދަކީ ވީހާވެސް ކުޑަ ހަރަދަކާ އެކު ދިރިއުޅެ، ގިނަ ލާރިއެއް އެއްކުރުމެވެ.

ކަން މިހެން އޮތް ނަމަވެސް ކޮންމެ ހާލަކުން ވެސް މެޗު ބެލުމަށް ޓަކައި އެމީހުން މަގުތަކަށް ނުކުމެ ކެފޭ ހޮޓާތަކާއި ބޯކޮށާ ތަންތާގައި އަޅުވާފައި ހުންނަ ޓީވީތައް ގާތު އެތުރިލައިގެން ތިބެ އެވެ. އޭގެ ސަބަބުން ހިނގާ ބިނގާ އުޅޭ އެހެން ފަރާތްތަކަށް ވެސް ގިނަ ފަހަރު އޮންނަނީ އެކަމުގެ ސަބަބުން އުނދަގޫ ވެފަ އެވެ.

މިކަންތައް މިހާރު ވަނީ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފުގެ ސަމާލުކަމަށް އައިސްފަ އެވެ. އަދި އެކަން ހައްލު ކުރުމަށް ޓަކައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާއާ ދެމެދު މަޝްވަރާކޮށް މާލޭގައި ބޮޑު ސްކްރީނެއް ބަހައްޓާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެކަމަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ޓަކައި މާލޭ އިޖްތިމާޢީ މަރުކަޒު (ސޯޝަލް ސެންޓަރ) އަދި ކުޅިވަރު އެކުވެނީގައި ބެހެއްޓިފައިވާ ބޮޑު ސްކްރީން މެދުވެރިކޮށް ކުރިކެޓު މެޗުތައް ބަލަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާ އެކު މެޗުތައް ބެލުމުގެ އިންތިޒާމް ޔޫތު މިނިސްޓްރީން ވަނީ ހަމަޖައްސައިދީފަ އެވެ.

މީގެ އިތުރުން މާލޭގައި ހުރި އެމްބަސީތަކާއެކު ވެސް ވަރަށް ގާތުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް