ބިގަށް ފައިސާ ދިނުމުގެ ލަފާ އޭޖީ ރިވިއު ނުކުރި މައްސަލައިގައި ސުވާލު އުފައްދައިފި

އޭޖީ ރިފްއަތު މިއަދު މަޖިލީހުގެ ފްލޯގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -- ފޮޓޯ/ މަޖިލިސް

ޕަބްލިކްސާވިސް މީޑިއާ (ޕީއެސްއެމް)އިން ބިޒްނަސް އިމޭޖް ގްރޫޕް(ބިގް)އަށް 30 މިލިއަން ރުފިޔާ ދޫކުރީ ކުރީގެ ސަރުކާރުގައި އެޓާނީ ޖެނެރަލްގެ އޮފީހުން އެ ކުންފުންޏަށް ދީފައިވާ ލަފަޔަކަށް ބުރަވެ، ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވުމުން އެ ލަފާ ރިވިއު ނުކުރީ ކީއްވެގެންތޯ މަޖިލީހުގެ ތަޅުމުގައި ސުވާލު އުފައްދައިފި އެވެ.

އެޓާނީ ޖެނެރަލް، އިބްރާހިމް ރިފްއަތު މިއަދު މަޖިލީހަށް ހާޒިރުކޮށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސުވާލު ކުރެއްވީީ، ބިގްއަށް ދޭން ހުކުމްކޮށްފައިވާ 78 މިލިއަން ރުފިޔާގެ ތެރެއިން 30 މިލިއަން ރުފިޔާ ބިގްއަށް ދޫކުރުމުގައިކަން ހިނގާފައިވާ ގޮތް ސާފުކުރުމަށެވެ.

މެންބަރު ޖާބިރުގެ އެ ސުވާލާ ގުޅިގެން އެޓާނީ ޖެނެރަލް، ރިފްއަތު ވިދާޅުވީ ބިގްއަށް ފައިސާ ދޫކުރުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ދައުލަތަށް ރައްދުވާ ގޮތަށް އޮތް ހުކުމެއް ނޫން ކަމަށާއި އެހެން ކަމުން އެ މައްސަލައިގައި ކޯޓްތަކުގައި ވަކާލާތުކޮށް ޖަވާބުދާރީވާން ޖެހޭނީ، އެކަން ރައްދުވާ ކުންފުނިން ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން އެޓާނީ ޖެނެރަލްކަމާ ހަވާލުވި ފަހުން، ބިގްއަށް އެއްވެސް ފައިސާއެއް ދޫކުރަން ބަންޑާރަ ނައިބުގެ އޮފީހުން ދީފައިވާ އެއްވެސް ލަފައެއް ނޯންނާނެ ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.

އެހެން ނަމަވެސް، އޭނާ ވިދާޅުވީ އެމްއެންބީސީ އުވާލައި އެމްބީސީ އުފެއްދުމުގެ ގާނޫނު ފާސްވުމާ އެކު ޕްރައިވެޓައިޒޭޝަން ބޯޑުން އެދިގެން 22 ސެޕްޓެމްބަރު 2016 ގައި އޭރުގެ އެޓާނީ ޖެނެރަލްގެ އޮފީހުގެ އޭރުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި މިހާރުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ސޮއިކުރައްވާ ލަފާދެއްވާފައި އޮތީ، އެމްބީސީ އާއި އެމްއެންބީސީ އުވާލުމުން އެ ކުންފުނީގެ ދަރަންޏާއި ހުރިހާ ޒިންމާތަކެއް ޕީއެސްއެމްއިން ނަގަން ޖެހޭ ކަމަށް ވިދާޅުވެ އެވެ. އަދި ޕީއެސްއެމްއިން ފައިސާ ދޫކުރީ އުޝާމް ސޮއިކުރައްވާ ދެއްވި އެ ލަފާގެ މައްޗަށް ބުރަވެ ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.

"އެ ލަފާ އަރުވާފައި ވަނީ 22 ސެޕްޓެމްބަރު 2016 ގައި. އެ ބޯޑަށް ފޮނުވި ސިޓީގައި ސޮއި ކުރައްވާއި ވަނީ ޑެޕިއުޓީ އޭޖީ އަހުމަދު އުޝާމް. އެހެންވެ އެ ކުންފުންޏަށް ފައިސާ ދޫކޮށްފައި ވަނީ އަހުމަދު އުޝާމްގެ ލަފާގެ މަތިން،" ރިއްފަތު ވިދާޅުވި އެވެ.

މެންބަރު އުޝާމްއަށް ސުވާލުކުރަން ލިބުނު ފުރުސަތުގައި ރިފްއަތާ ސުވާލު ކުރެއްވީ، އޭނާގެ މަގާމު ހައިސިއްޔަތުން އޭޖީ އޮފީހުން ދީފައިވާ އެ ލަފާ ގޯސް ނަމަ، ރިވިއު ނުކުރެއްވީ ކީއްވެގެން ތޯ އެވެ. އަދި މީގެ ކުރިން އޭޖީ އޮފީހުން ދީފައިވާ އެތައް ލަފައެއް ރިފްއަތު އޭޖީ ކަމާ ހަވާލުވެ ރިވިއު ކުރެއްވި ކަން ވެސް އުޝާމްގެ ސުވާލުގައި ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް، ރިޔާސަތުން ވަނީ އުޝާމްގެ ދިފާއުގައި ވާހަކަ ނުދެއްކޭނެ ކަމަށް ވިދާޅުވެ އޭނާގެ ވާހަކަތަކަށް ހުރަސްއަޅައިފަ އެވެ.

"އަޅުގަނޑު އޭޖީ އޮފީހުގައި 10 އަހަރުވީއިރު 100 އެތައް ލަފައެއްގައި ސޮއިކުރިން. އެކަމަކު އޭގެ އެތައް ލަފައެއް ހުރީ މަނިކުފާނު އޭޖީ ކަމަށް ވަޑައިގެން ބަދަލުކޮށްފައި. ޖީއެމްއާރުގެ ޓެކްސް ދެއްކުމާއި ޓީޖީޓީގެ ލަފާވެސް މަނިކުފާނު ރިވިއު ކުރައްވާފައިވޭ. ކީއްވެތޯ މި ލަފާ ނުކުރެއްވީ؟،" އުޝާމް ސުވާލު ކުރެއްވި އެވެ.

އެކަމާ ގުޅިގެން އޭޖީ ރިފްއަތު ސީދާ އެ ސުވާލަށް ޖަވާބު ނުދެއްވާ ވިދާޅުވީ އުޝާމްގެ ސުވާލަކީ މިއަދުގެ މައުލޫއާ ގުޅޭ ސުވާލެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ބިގްއަށް ފައިސާ ދިނުމުގެ މައްސަލައަކީ ދައުލަތަށް ދައުވާ ލިބޭ މައްސަލައަކަށް ނުވާތީ، އޭޖީ އޮފީހުން ދީފައި އޮތް ލަފައެއް ރިވިއުކުރަން ޖެހޭ ހުއްޖަތެއް ނޯންނާނެ ކަމަށެވެ.

"މި މައްސަލައިގައި ރިވިއުކުރުމުގެ ސުވާލު ކުރެވޭ އިރު، މިއީކީ އެއްވެސް ހާލަތެއްގައި ދައުލަތަށް ދައުވާ ލިބޭ މައްސަލައެއް ނޫން. އެހެންވީމަ، ދައުލަތަށް ދައުވާ ލިބިފައި ނުވާ މައްސަލައެއްގައި ރިވިއުކުރުމުގެ ކަމަކާ ބެހޭ ގޮތުން އަޅުގަނޑު މަގާމާ ހަވާލުވި ފަހުން ވިސްނަން ޖެހޭ ގާނޫނީ ހުއްޖަތެއް، ސަބަބުވެރިކަމެއް ވެސް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން،" އޭޖީ ވިދާޅުވި އެވެ.

ސިވިލް ކޯޓުން ޖޫން، 7، 2016 ގައި ހުކުމް ކޮށްފައި ވަނީ އެމްއެންބީސީއާ އެކު ބިގުން ހަދާފައި އޮތް އެއްބަސްވުން އުސޫލުތަކާ ހިލާފަށް ބާތިލްކޮށްފައި ވާތީ 78 މިލިއަން ރުފިޔާ އެމްއެންބީސީއިން އެ ކުންފުންޏަށް ދެއްކުމަށެވެ. ބިގުން ދައުވާ ކުރީ އެ ކުންފުންޏަށް ލިބެން ޖެހޭ ފަސް މިލިއަން ރުފިޔާ ހޯދުމަށެވެ. އެހެން ނަމަވެސް އެ އަދަދު ހުކުމުގައި ބޮޑުވީ ޖޫރިމަނާ ފައިސާ ހިމެނުމުން އެވެ.

އެ މައްސަލަ އިސްތިއުނާފު ނުކުރުމުގެ ސަބަބުން ދައުލަތަށް ގެއްލުންތަކެއް ވެފައިވާތީ އެކަމުގައި އިހުމާލުވަނީ ކޮންބައެއްތޯ ވެސް މެންބަރުން ސުވާލު އުފެއްދެވި އެވެ. އެކަމާ ގުޅިގެން އޭޖީ ވިދާޅުވީ، ކުންފުންޏަކީ އަމިއްލައަށް ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ވަކި ގާނޫނީ ސަހުސެއް ކަމަށެވެ. އެހެން ކަމުން ޒިންމާ ނަގަން ޖެހޭނީ ކުންފުނީގެ ބޯޑާއި އެ ބޯޑްގެ ޑިރެކްޓަރުން ކަމަށް ރިފްއަތު ވިދާޅުވި އެވެ.

"ޒިންމާ އުފުލަން ޖެހޭނެ އެ ޒިންމާ ނަގަން ޖެހޭނެ ބަޔަކީ ބޯޑް ޑިރެކްޓަރުން،" އޭޖީ ވިދާޅުވި އެވެ.

comment ކޮމެންޓް