މަޖިލީހުގެ ނިންމުން ގާނޫނު އަސާސީއާ ހިލާފު: ޑީޖޭއޭ

ިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން މަޑު ޖައްސާލަން އެ ކޯޓުން ނެރުނު އަމުރާ ހިލާފަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނިންމާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ބުނެ ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރަކީ ގާނޫނު އަސާސީއާ ހިލާފު އަމުރެއް ކަމަށް މަޖިލީހުގެ ތަޅުމުން މިއަދު ފާސް ކުރި ފާސް ކުރުމަކީ ގާނޫނު އަސާސީއާ ހިލާފަށް ކުރި ކަމެއް ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޖޭއެސްސީ ހާޒިރުކޮށް ހޯދި މައުލޫމާތުތަކުގެ މައްޗަށް އެކުލަވާލި ރިޕޯޓްގެ ބަހުސްގެ މަރުހަލާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ އިއްޔެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ވެސް ގާނޫނު އަސާސީއާ ހިލާފު އަމުރެއް ކަމަށް ކަނޑައެޅުމަށް އެ ރިޕޯޓްގައި ހިމެނުމަށް ހުށަހަޅައިފަ އެވެ. އެ ހުށަހެޅުން ހިމަނައިގެން މިއަދު ވަނީ ރިޕޯޓު ފާސްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ކަނޑައެޅުމުގެ އިހްތިސާސް މަޖިލީހަށް ލިބިގެންވޭތޯ ދެންނެވުމުން، މިއަދު ޑީޖޭއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ސުވާލު ކުރުމުން، ޖުޑިޝަލް އެކެޑެމީގެ ޗާންސެލަރު އަހުމަދު މާޖިދު ވަނީ ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) ފާހަގަ ކުރައްވައިފަ އެވެ. އަދި އެ މާއްދާއަށް ބާރު ދިނުމަށް، ގާނޫނު އަސާސީގެ 268 ވަނަ މާއްދާ ފާހަގަކުރައްވައިފަ އެވެ.

  • 145 ވަނަ މާއްދާގެ (ނ): ގާނޫނު އަސާސީއާއި ގާނޫނު މާނަކުރުމުގައި އަދި ޝަރީއަތުން ބަލާ އެ ނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ.
  • 268 ވަނަ މާއްދާ: ދިވެހިރާއްޖޭގައި ހަދާ އެންމެހައި ގާނޫނުތައް ހަދާންވާނީ މި ގާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތީންނެވެ. މި ގާނޫނު އަސާސީއިން ލާޒިމު ކުރާ އެންމެހާ ކަންކަން ފުރިހަމަ ކުރާންވާނެ އެވެ. މި ގާނޫނު އަސާސީއާ ހިލާފުވާ ގޮތަށް ހަދާ ކޮންމެ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް ވާނީ ބާތިލު އެއްޗަކަށެވެ. އަދި އެފަދަ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެ އެވެ. މި ގާނޫނު އަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު ކަމެކެވެ.

"ގާނޫނު އަސާސީގެ މާއްދާތަކުން އެބަ އެނގޭ، ގާނޫނު އަސާސީ ތަސައްވަރު ކުރާ ދުސްތޫރީ ގާނޫނީ ނިޒާމަކީ ކޮބައިކަން. ގާނޫނު އަސާސީ އިން ދައުލަތުގެ ބާރުތައް ގުނަވަންތަކަށް ބެހިފައިވާ ގޮތް އަޅުގަނޑު މި ދެންނެވި ދެ މާއްދާއިންވެސް ސާފު ވެގެން އެބަ ދޭ،" މާޖިދު ވިދާޅުވި އެވެ.

"ގާނޫނު އަސާސީގައި ބުނާ ބުނުމަކާ ހިލާފަށް ކުރާ ކޮންމެ ކަމަކީ، އެއީ ކޮންމެ ބަޔަކު ކުރާ ކަމަކަށް ވިއަސް، ވާނީ ބާތިލު ކަމަކަށް،" މަޖިލީހުގެ ނިންމުން ބާތިލުތޯ ސުވާލުކުރުމުން މާޖިދު ވިދާޅުވި އެވެ.

މިއަދު "ސަން"އިން ވަކިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މާޖިދު ވިދާޅުވީ، މަޖިލީހުގެ ނިންމުން ގާނޫނު އަސާސީއާ ހިލާފު ކަމަށެވެ.

މަޖިލީހުން މިއަދު ވަނީ ޖުޑިޝަރީ ކޮމިޓީ އިން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓް ވެސް ފާސްކޮށްފަ އެވެ. އެ ރިޕޯޓްގައި ވަނީ، ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ގޮންޖަހައި ޖޭއެސްސީ އިން ނިންމި ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށެވެ. އަދި ދައުލަތުގެ އެހެން މުއައްސަސާތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ނުވަނުމަށް އެ ކޯޓަށް ރައްޔިތުންގެ މަޖިލީހުން އިލްތިމާސް ކުރުމެވެ.

comment ކޮމެންޓް