ފްލެޓްތަކަށް މިލިއަނުން ފައިސާ ނަގާފައި، ކޮރަލް ބޮލެވާޑް "ފިލައިފި"

ކޮރަލް ބޮލްވާޑް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑްއިން ރަސްފަންނު ސަރަހައްދުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޓަވަރުތަކުގެ ނަމޫނާއެއް --

ރަސްފަންނު ސަރަހައްދުގައި، ސީފްރޮންޓަށް ވާ ގޮތަށް، 28 ބުރީގެ ހަތަރު ޓަވަރު ހަދައި، 500 އެއްހާ ލަގްޒަރީ އެޕާޓްމަންޓް ހެދުމުގެ މަޝްރޫއެއް ކޮރަލް ބޮލެވާޑުން ފެށީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިދިޔަ އަހަރުގެ ޖުލައިގެ ތެރޭގަ އެވެ. ރަސްފަނު ސަރަހައްދުން މަގުގެ އެއްބައިވެސް ހިމެނޭ ގޮތުން ބޮޑު ބައެއް ބަންދުކޮށް އެ ޓަވަރުތަކުުގެ މަސައްކަތް ފަށައި، 80 ފްލެޓެއް ބުކިންއަށް ހުޅުވާލި އެވެ. އެއާ އެކު އެތައް ބަޔަކު އެތައް މިލިއަން ރުފިޔާއެއް ޑައުންޕޭމަންޓަށް ދައްކައި ފްލެޓްތައް ބުކްކުރި އެވެ.

ނަމަވެސް ސަރުކާރު ބަދަލުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ފްލެޓް އެޅުމުގެ އެއްވެސް މަޝްރޫއެއް މާލޭގައި ކުރިއަަށް ނުގެންދިޔުމަށެވެ. ސިޔާސަތަށް އައި މި ބޮޑު ބަދަލާ އެކު 220 މިލިއަން ޑޮލަރުގެ ކޮރަލް ބޮލެވާޑްގެ އެޕާޓްމަންޓް ޓަވަރުތައް ވެސް ހުޅުމާލެއަށް ބަދަލު ކުރަން އެންގި އެވެ. އެއާ އެކު، އެ މަޝްރޫއު ކުރިން ރޭވިފައިވާ ގޮތަށް ކުރިއަށް ނުގޮސް، މަސައްކަތް ވެސް ހުއްޓި ފައިސާ ދެއްކި މީހުންނަށް ފައިސާވެސް އަދި އެޕާޓްމަންޓް ވެސް ލިބޭނެ ކަމާ މެދު އެންމެ ފަހުން މި ވަނީ ސުވާލު އުފެދިފަ އެވެ.

އެ ފްލެޓްތަކަށް ފައިސާ ދެއްކި ބައެއް މީހުން "ސަން"އަށް ބުނީ، އެ މަޝްރޫއު މާލޭގައި ނުހިންގަމުން ނިންމުމުން އެމީހުން ކުންފުންޏަށް ދެއްކި ފައިސާ އަނބުރާ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި ކަމަށެވެ. ފައިސާ ހޯދުމަށް އެ ކުންފުނީގެ އޮފީހަށް ގުޅި ނަމަވެސް، ނަމްބަރުތަކަށް ނުވެސް ގުޅެ އެވެ. އަދި އޮފީސް ވެސް ހުންނަނީ ބަންދުކޮށްފައި ކަމަށް އެ މީހުން ބުންޏެވެ.

ރަސްފަންނުގައި އިމާރާތް ކުރާ 28 ބުރީގެ ހަތަރު ޓަވަރުގެ ބިންގާ ރައީސް އަޅުއްވައި ދެއްވުމަށްފަހު ނަމޫނާ އިމާރާތް ބައްލަވާލައްވަނީ ---- ފޮޓޯ: ރައީސް އޮފީސް

"އަހަރުމެން އެގްރީމަންޓްގައި ސޮއި ކުރީ މާލޭ ރަސްފަނުން ސަރަހައްދަށް އެޕާޓްމްންޓް ގަތުމަށް. އިތުރުތަނަކުން ގަންނާކަށް ނޫން. އެ އެޕާޓްމަންޓް މިހާރު ރަސްފަނުން ސަރަހައްދުގައި ނާޅަން ނިންމުމުން ކުންފުނިން ފައިސާ އަނބުރާ ދޭން ޖެހޭ. އެކަމަކު، ކުންފުނީގެ އެއްވެސް މީހަކަށް ނުވެސް ގުޅޭ މިހާރު،" އެޕާޓްމަންޓް ގަތް މީހަކު ބުންޏެވެ.

"ސަން"އަށް ލިބިފައި ހުރި ބައެއް ލިޔެކިޔުންތަކަށް ބަލާއިރު، ކޮރަލް ބޮލެވާޑް ކުންފުނިން ވަނީ ފްލެޓްތަކުގެ ޑައުން ޕޭމަންޓަށް ބައެއް މީހުންގެ އަތުން 74،000 ޑޮރަލު (1.1 މިލިއަން ރުފިޔާ) އާއި 150،000 ޑޮލަރު (2.3 މިލިއަން ރުފިޔާ) އާ ދެމެދު އަދަދުން ފައިސާ ނަގައި ފްލެޓް އެގްރިމަންޓްތައް ވެސް އެކުލަވާލައިފަ އެވެ.

އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީންވެސް ހިމެނެ އެވެ.

ރަސްފަނުނުގައި ހަދާފައި ހުރި ކޮރަލް ބޮލެވާޑް އެޕާޓްމަންޓްތަކުގެ އޮފީސް ހުރިތަން. -- ސަން ފޮޓޯ

ފައިސާ ދެއްކި އެހެން މީހަކު "ސަން"އަށް ބުނީ، ފައިސާ ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ފުލުހުންގެ އިދާރާއަށް ދިޔަ ނަމަވެސް، އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ލަފާދީފައިވާ ކަމަށެވެ. އެހެން ކަމުން އެ ފައިސާ ހޯދުމަށް މިހަފްތާގައި މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެމީހުން ފައިސާ ނަގައިގެން ފިލައިފި. އަހަރުން މި މައްސަލަ ފުލުުުހުންނަށް ހުށަހެޅުމުން ފުލުހުން ބުނީ މައްސަލަ ކޯޓަށް ލާން. މިހާރު ކޯޓަށް ވެސް ލައިފިން އެ ފައިސާ ހޯދަން،" އެޕާޓްމަންޓް ގަތް މީހަކު ބުންޏެވެ.

މި ތުހުމަތުތަކާ ގުޅިގެން، ކޮރަލް ބޮލެވާޑް ކުންފުންޏާ ގުޅުމަށް މަސައްކަތް ކުރި ނަމަވެސް އެ ކުންފުނީގެ ނަމްބަރުތައް ވެސް ހުރީ މިހާރު ޑިސްކަނެކްޓްކޮށްފަ އެވެ. ސަންގެ ނޫސްވެރިން އެ އޮފީސް ހުރި އެޑްރެހަށް ދިޔައިރު އެތަން ވެސް ހުރީ ބަންދުކޮށްފަ އެވެ. އެހެންވެ، އެ ކުންފުންޏާ ގުޅުމަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

މީގެ އިތުރުން، އެ ފްލެޓްތައް އަޅަން ބަންދުކުރި ބިމުގެ ތެރެއިން ރަސްފަނު ކުރިމަތިން އޮންނަ ބޭރު މަގު ވެސް ހުޅިވިތާ މިހާރު ވަނީ މަސްތަކެއްވެފަ އެވެ.

https://sun.mv/102234

މީގެ ކުރިން ހައުސިން މިނިސްޓްރީން ބުނީ، ހުޅުމާލެއިން އެ މަޝްރޫއު ހިންގުމަށް ބިންދޭނެ ތަނަކާ މެދު، ހައުސިން ޑީވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް "ސަން"އަށް ވިދާޅުވީ، އެ މަޝްރޫއަށް ބިންދޭނެ ތަނެއް އަދި ވެސް ކަނޑައަޅާފައި ނުވާ ކަމަށެވެ. އެހެންވެ، އެ މަޝްރޫއުގެ ކުރިމަގާ މެދު މި ވަނީ ސުވާލު އުފެދިފަ އެވެ.

ކޮރަލް ބޮލްވާޑް ކުންފުންޏަކީ އަކީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ހެދި، ސިންގަޕޫރުގެ ޗަންގް ހުއާ ކޮންސްޓްރަކްޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ، އދ. އަތޮޅުގައި ރެޑިސަން ބްލޫ ރިޒޯޓް މޯލްޑިވްސް ގެ ނަމުގައި ރިސޯޓެއްވެސް ތަރައްގީ ކުރަމުންނެވެ.

ކޮރަލް ބޮލެވާޑްގެ ޓަވަރުތައް ރަސްފަންނު ސަރަހައްދުގައި ތަރައްގީ ކުރަން ނިންމާފައި އޮތީ، އެންމެ މަތީ ފެންވަރުގަ އެވެ. އަދި އެ ޓަވަރުތަކުގައި ކޮމާޝަލް ސްޕޭސްތައް ވެސް ހެދުމަށް އޮތީ ރާވައިފަ އެވެ.

https://sun.mv/114048

comment ކޮމެންޓް