މާލޭގެ ހުޅަނގު އައްސޭރިން، ރަސްފަންނު ކައިރީގައި ތަރައްގީކުރާ "ކޮރަލް ބޮލެވާޑް" މިކްސްޑް ޑިވެލޮޕްމެންޓް ޕްރޮޕަޓީގައި ތަރައްގީކުރާ ފްލެޓުތަކުގެ ތެރެއިން 80 ފްލެޓަށް ބުކިންގް ހެދުމަށް ހުޅުވާލައިފި އެވެ.
ކޮރަލް ބޮލެވާޑް މަޝްރޫއު ކުރިޔަށް ގެންދަނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތް އެޅުމުގެ މަސައްކަތް ކުރާ ސިންގަޕޫރުގެ ޗަންގް ހުއާ ކޮންސްޓްރަކްޝަނުންނެވެ.
ކޮރަލް ބޮލެވާޑް މަޝްރޫއުގެ ދަށުން ރަސްފަންނު ސަރަހައްދުގައި ހަތަރު ޓަވަރެއް އަޅަ އެވެ. އެ ހުރިހާ ޓަވަރެއް ވެސް ހަދަނީ 25 ބުރިއަށެވެ. ބައެއް ޓަވަރުތަކުގައި 28 ބުރި ވެސް ހުންނާނެ ކަމަށް ކޮރަލް ބޮލެވާޑުން ބުނެ އެވެ.
"ތިން ޓަވަރެއްގައި 549 ރެޒިޑެންޝަލް ޔުނިޓު ހުންނާނެ،" ކޮރަލް ބުލެވާޑްގެ އެސިސްޓަންޓް މެނޭޖަރު ސޭލްސް އެންޑް މާކެޓިންގް އާއިޝަތު ގާހިރު ވިދާޅުވި އެވެ.
އޭގެ ތެރެއިން މިއަދު ވަނީ 80 ރެޒިޑެންޝަލް ޔުނިޓަށް ބުކިންގް ހެދުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
އެގޮތުން، އެ 80 ޔުނިޓަކީ ތިން ކޮޓަރީގެ ރެޒިޑެންޝަލް ޔުނިޓުތަކެއް ކަމަށާއި ބުކިންގް ފީއެއްގެ ގޮތުގައި 150،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ކޮރަލް ބުލެވާޑުން ބުންޏެވެ.
"ބުކިންގް ފީގެ ފަހުން 20 ޕަސަންޓު ނަގާނެ. އެ 20 ޕަސަންޓު ނަގާނީ ބުކިންގް ފީގެ 150،000 ރުފިޔާ ވެސް ކެނޑޭ ގޮތަށް،" ކޮރަލް ބޮލެވާޑުން ބުންޏެވެ.
ކޮރަލް ބޮލެވާޑުން ބުނި ގޮތުގައި، ޔުނިޓުތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެ ފަރާތަށް ގުޅައިގެން ނުވަތަ ވެބްސައިޓުން ވެސް އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ.
ކޮރަލް ބޮލެވާޑުގެ ތިން ޓަވަރުު ރެޒިޑެންޝަލް ބޭނުމަށް ބޭނުންކުރާ އިރު، ހަތަރު ވަނަ ޓަވަރު ބޭނުންކުރާނީ ކޮމާޝަލް ކަންކަމަށެވެ.
އެކުންފުނިން ބުނި ގޮތުގައި، ކޮރަލް ބޮލެވާޑުގައި ހަދާ ފްލެޓުތައް ހުންނާނެ ގޮތުގެ ރަމްޒީ ފްލެޓެއް މި އަހަރުގެ މެދެއްހާ ތަނުގައި، ރަސްފަންނު ސަރަހައްދުގައި ހުޅުވާނެ އެވެ.
"ކަސްޓަމަރުންނަށް ބުކިންގް ހެދުމުގެ ކުރިން އެތަނަށް އައިސް، ފްލެޓް ނިމުމުން ހުންނާނެ ގޮތް ބަލައިލެވޭނެ،" ކޮރަލް ބުލެވާޑުން ބުންޏެވެ.