ސަރުކާރުގެ ވިސްނުން ހުރީ މާލޭގައި އިތުރު ހައުސިން މަޝްރޫއުތައް ކުރިއަށް ނުގެންދަން

11 ޖުލައި 2018: ދަރުމަވަންތަ ހޮސްޕިޓަލްގެ ޓެރަސް މަތިން މާލެ--ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ސަރުކާރުގެ ވިސްނުން ހުރީ މާލޭގައި އިތުރު ހައުސިން މަޝްރޫއުތައް ކުރިއަށް ނުގެންދަން ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

"ސަން"އާ ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވީ، މާލޭގައި އިތުރު އެއްވެސް ހައުސިން މަޝްރޫއެއް ނުގެންދާ ގޮތަށް މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުން ހުރީ މާލޭގައި މިހާރު ހިންގަން ނިންމާފައި ހުރި ބައެއް މަޝްރޫއުތައްވެސް ހުޅުމާލެއަށް ބަދަލު ކުރުމަށް ކަމަށެވެ.

އެކަމުގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ރަސްފަންނު ސަރަހައްދުގައި ހިންގަން ނިންމި ކޮރަލް ބްލެވާޑްގެ މަޝްރޫއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަޝްރޫއުވެސް ހުޅުމާލެއަށް ބަދަލު ކުރަން ވަނީ މަޝްވަރާ ކޮށްފަ އެވެ.

އެހެން ނަމަވެސް، އެކަމާ ގުޅޭ ގޮތުން އަދި ސަރުކާރުން އެއްވެސް ނިންމުމެއް ނިންމަފައިވާކަން އޭނާ ހާމައެއް ނުކުރައްވަ އެވެ.

'ކޮރަލް ބޮލެވާޑް' މިކްސްޑް ޑިވެލޮޕްމެންޓް ޕްރޮޕަޓީގެ 28 ބުރީގެ ހަތަރު އިމާރާތުގެ މަސައްކަތް ކުރުމަމުން ދިޔައީ ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަން އިންނެވެ.

މާލޭގައި އިތުރު ހައުސިން މަޝްރޫއުތައް ކުރިއަށް ނުގެންދަން މަޝްވަރާ ކުރެވެމުންދާ އިރު، ރައްޔިތުން މާލޭ ސަރަހައްދަށް ހިޖުރަ ކުރަން ޖެހޭ ގޮތަށް ނިޒާމު ބައްޓަންކުރާ ކަމުގެ ޝަކުވާ ރައްޔިތުން ކުރެ އެވެ. އަދި އެކަމުގެ ސަބަބުން މާލެ ތިއްޖެމުންދާ ކަމުގެ ޝަކުވާވެސް ބޮޑެވެ.

comment ކޮމެންޓް