ތަރައްގީއަށް ރާއްޖޭގެ ވެށި ގުރުބާނެއް ނުކުރާނަން: ރައީސް

ޕާޓްނާޝިޕް ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ކުޑަ ދުވަސްކޮޅެއްގެ ތެރޭ ގެއްލިގެންދާ ތަރައްގީއަކަށް ޓަކައި ރާއްޖޭގެ ވެށި ގުރުބާން ނުކުރާނެ ކަމަށާއި ރާއްޖެ ތަރައްގީ ކުރާނީ ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މއިަދު ކުރުނބާ މޯލްޑިވްސްގައި ފެށި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ފައްޓަވާދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ޖަޒީރާ ރާއްޖެއެއް ބިނާކުރުމުގެ ވައުދާއެކު ކަމަށާއި، ޖަޒީރާ ގައުމެއްގެ ގޮތުގައި އުފެދިފައި އޮތް ރާއްޖެ ތަރައްގީ ކުރުމުގައި ރާއްޖެ އުފެދިފައިވާ ގޮތް މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.

"ރާއްޖެ ދެމިއޮތުމަށް އެންމެ މުހިއްމު އެއްކަމަކީ، ތަރައްގީ ގެންނައިރު، ލިބެންހުރި ވަސީލަތްތަކާއެކު ތަރައްގީ ގެނައުން. ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެވޭނީ އޭރުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ ޒުވާނުން ކަމަށެވެ. ތަރައްގީ އާއި ކުރިއެރުމަށް ފެންބޮވައިގަނެފައިވާ ޒުވާން އާބާދީއެއް އޮތް ރާއްޖޭގެ، ގުދުތަރީ ވެއްޓާއި ވަސީލަތްތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭ ގެއްލިގެން ދާ ތަރައްގީއަށް ބޭނުން ކުރެވެން ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މި ސަރުކާރުގެ މެނިފެސްޓޯ އަކީ އެ ކަންތަކަށް އިސްކަންދީގެން އެކުލަވާލާފައިވާ މެނިފެސްޓޯއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖެ އާއި މުޅި ދުނިޔެއަށްވެސް ދަސްވެގެން މިދާ ފިލާވަޅަކީ ކުރު މުއްދަތުން ގެއްލިގެންދާ ތަރައްގީ އަށް އަޅުގަނޑުމެންގެ ގުދުރަތީ ވެއްޓާއި ހުރިހާ ވަސީލަތްތަކެއް ގުރުބާން ނުކުރެވޭނެކަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖެއަށް ތަރައްގީ އައިސްފައިވަނީ އެ ތަރައްގީގެ ފޮނި މީރުކަން މުޅި ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް ނޫން ކަން ފާހަގަ ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ބަރޯސާވަނީ ގައުމުގެ ގުދުރަތީ ރީތިކަމުގެ މައްޗަށް ކަމަށާއި ނަމަވެސް، އެކަމަށްވެސް ދިވެހިން އިހުމާލު ވެފައިވާ ކަމަށެވެ.

ރާއްޖެއިން މިހާރު އެންމެ އިސްކަންދޭ ކަންތައްތަކަކީ ތެލަށް ކުރާ ބަރޯސާ ކުޑަކޮށް، ކުނިމެނޭޖު ކުރުމުގެ ވަސީލަތްތައް ގާއިމުކޮށް ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ ގައުމު ތަރައްގީ ކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"މާލެ ސަރަހައްދުގައި އުޅޭ މީހުންނަށް ލިބޭ ވަސީލަތްތަކާއި އެ ތަރައްގީ އެހެން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެންޖެހޭ. މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު އެންމެ އަސާސީ ކަންތަކަށްވެސް ރަށްރަށުގެ މީހުން ޖެހުނީ ރާއްޖެ އަންނަން. އެއާއެކު މާލެ އަށް ދިމާވީ އިޖުތިމާއީ ގިނަ މައްސަލަތަކެއް. އެކަންތައް ހައްލު ކުރެވެން އަންނަނީ ލާމަރުކަޒީ ކޮށްގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަށްރަށަށް ބޭނުންވާ ތަރައްގީ ގެނެސްގެން ނޫނީ މާލެ އަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތައްވެސް ހައްލު ނުކުރެވޭނެ ކަމަށެވެ. އަތޮޅުތެރެ ތަރައްގީ ކުރާނީ އެ ތަންތަނުގެ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށާއި، މިހާރުވެސް ކައުންސިލްތަކާއެކު އެ މަސައްކަތް ފެށިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެ ތަރައްގީ ކުރުމުގައި އެކުވެރި ގައުމުތަކާޢި ޖަމްއިއްޔާ ތަކުގެ އެހީ އާއި ބައިވެރިވުން ބޭނުންކަމަށް ވިދާޅުވެ، ރައީސް ސޯލިހު ވިދާޅުވީ މިހާރުވެސް ގިނަ ގައުމުތަކަކާއެކު ރާއްޖޭގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދަމުންދާ ކަމަށެވެ.

މިއަދު ކުރުނބާ މޯލްޑިވްސްގައި ފެށި ފޯރަމް އަކީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ކަންތައް ޑިވެލޮޕްމެންޓް ޕާޓްނަރުންނާ ހިއްސާކުރުމަށް ބާއްވާ ފޯރަމެކެވެ، މާދަމާގެ ނިޔަލަށް ބާއްވާ މި ފޯރަމުގައި 60 އަށް ވުރެ ގިނަ ވަފުދުން ބައިވެރިވެއެވެ.

comment ކޮމެންޓް