ވޭތުވެ ދިޔަ ހަފްތާގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކޮށްފަ އެވެ. ސަސްޕެންޑް ކޮށްފައި ވަނީ ދީދީގެ ކޮރަޕްޝަނުގެ މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ.
ކޮރަޕްޝަނުގެ ފައިސާ އަބްދުﷲ ދީދީ ނެންގެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް އިއްވުމަށް ކަމަށް އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލާގައި ބުނެފައިވެ އެވެ. އެ މައްސަލަ ހުށަހެޅުއްވީ ވެސް މިހާރު ޖޭއެސްސީގައި ވެސް އިންނަވާ މަޖިލީހުގެ ރައީސް ނަޝީދު އެވެ.
ފަނޑިޔާރަކާ މެދު ޖުޑިޝަލް ސާވިސް ކޮމިޝަނުން ފިޔަވަޅެއް އެޅުން ނުވަތަ ސަސްޕެންޑް ކުރާ ނަމަވެސް އަމަލު ކުރަން ޖެހޭ ގޮތް ފަނޑިޔާރުންގެ ގާނޫނުގައި އަދި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.
ފަނޑިޔާރުންގެ ގާނޫނު 37 ވަނަ މާއްދާގެ (ރ)
- ޖުޑިޝަލްސާވިސް ކޮމިޝަނަށް ހުށަހެޅޭ ފަނޑިޔާރެއްގެ މައްސަލައެއް ތަހުގީގުކުރާ އިރު، އެ ފަނޑިޔާރަކު މައްސަލާގައި ބުނާ އެއްޗެއް ހޯދުމަށް އަޑުއެހުމެއް ބޭއްވުމަށް ފަހު، މައްސަލައިގެ ބާވަތަށާއި ފަނޑިޔާރު މައްސަލާގައި ބުނާ އެއްޗަކަށް ރިއާޔަތްކޮށް އެ ފަނޑިޔާރަކު ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމުގެ އިހުތިޔާރު އެ ކޮމިޝަނަށް ލިބިގެންވެ އެވެ. މިގޮތަށް ފަނޑިޔާރަކު ހުންނަ ހުރުމުގައި ވެސް އެ ފަނޑިޔާރެއްގެ މުސާރަ އާއި އިނާޔަތްތަކުން މަހުރޫމެއް ނުކުރެވޭނެ އެވެ.
ފަނޑިޔާރުންގެ ގާނޫނުގެ 37 ވަނަ މާއްދާގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް ނިމިދިޔަ ހަފްތާގައި ފަނޑިޔާރު ދީދީގެ މައްސަލަ ބަލައި ސަސްޕެންޑް ކުރިއިރު ޖޭއެސްސީއަށް ދީދީ ހާޒިރުކޮށްފައެއް ނުވެ އެވެ. އެހެންވީމާ ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރުމުގައި ޖޭއެސްސީ އިން އަމަލުކުރީ ގާނޫނާ އެއްގޮތަށް ކަމަށް ބެލެވިދާނެ ހެއްޔެވެ. ގިނަ ސުވާލުތަކެއް އެކަމުގައި އެބަހުއްޓެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން --- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވާ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރު އަބްދުﷲ ދީދީ ހާޒިރުނުކޮށް ސަސްޕެންޑް ކުރި މައްސަލާގައި ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއާ ސުވާލު ކުރަން ޖެހޭ ކަމަށެވެ.
"ކީއްވެގެންތޯ ޖުޑިޝަލް ސާވިސް ކޮމިޝަނުން އެގޮތަށް އެ ޕްރޮސެސް ބަރާބަރަށް ފޮލޯ ނުކުރީ. އެބޭފުޅުންގެ ސަބަބެއް އޮވެދާނެ. އަޅުގަނޑުމެންނަށް އެބައެނގޭ ވަގުތުން ފިޔަވަޅު ނާޅައިފި ކަމަށް ވާނަމަ ސުޕްރީމް ކޯޓުގެ ނިންމުންތަކަށާއި އަދި މުޅި ޖުޑިޝަރީގެ ފެނުމަށް ނުވަތަ ތަސައްވަރަށް ކިލަނބު ކަމެއް އަންނާނެ ހާލަތުގައި ފަނޑިޔާރަކު ސަސްޕެންޑް ކުރަން ޖެހިދާނެ. އެހެން ނަމަވެސް އެހެންވެގެންތޯ ސަސްޕެންޑް ކުރެއްވީ. އެ ރީޒަން އަޅުގަނޑަށް ހީވަނީ ރައްޔިތުންނަށް އެބަޖެހޭހެން ރައްޔިތުންނަށް އެނގެން." ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު އަލީ ހުސައިން ވިދާޅުވި އެވެ.
އަލީ ހުސައިން ވިދާޅުވީ އެންމެންނަށް ވެސް އިންސާފު ލިބެންޖެހޭނެ ކަމަށެވެ. އެހެންވީމާ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅިޔަސް އިންސާފު ލިބެންޖެހޭނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. އަދި ވިދާޅުވީ "އަޅުގަނޑުމެން ވެސް ބޭނުން ވަނީ އިންސާފުގެ ތެރެއިން ކަންތައްތައް ކުރަން." ކަމަށެވެ.
މެމްބަރު އަލީ ހުސައިންގެ ކަންބޮޑުވުމަކީ ޖުޑިޝަލް ސާވިސް ކޮމިޝަނުން މައްސަލަ ނުބެލުމެއް ނޫނެވެ. އަދި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމެއް ވެސް ނޫނެވެ. ކަންބޮޑުވުމަކީ މައްސަލަ ބަލާ އިރު ޑިއު ޕްރޮސްސް ފޮލޯ ނުކުރުމެވެ. ގާނޫނެއްގައި ވަކިގޮތަކަށް ބަޔާންކޮށްފައި ވަނިކޮށް އެ ގަނޫނީ ބާރު ފުނޑާލުމަށް ފަހު މައްސަލަތައް ބަލާ ކަމުގެ ޝަކުވާ އަކީ އެމްޑީޕީއިން ވޭތުވެ ދިޔަ ފަސް އަހަރު އެންމެ ބޮޑަށް ކުރި ޝަކުވާ އެވެ.
މިހާރު ޖޭއެސްސީގައި ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރައްވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވަނީ މީގެ އަހަރެއް ކުރިން އެ ވާހަކައަށް ބާރު ލިބޭ ވާހަކަތަކެއް ދައްކަވައިފަ އެވެ. އެއީ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޖިނާއީ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކުރުމުން އެ ފަނޑިޔާރު ސަސްޕެންޑް ކުރުމަށް ޖޭއެސްސީ އިން ނިންމި ނިންމުމާ ގުޅިގެންނެވެ. އޭރު ހިސާން ވިދާޅުވެފައި ވަނީ ވަކިތަނަކުން މައްސަލަ ބަލާތީ ކަމަށް ބުނެ ފަނޑިޔާރަކު ސަސްޕެންޑް ކުރުމުގެ ބާރު ގާނޫނުތަކުން ޖޭއެސްސީއަށް ލިބިފައި ނުވާ ކަމަށެވެ.
އަދި ވިދާޅުވެފައި ވަނީ ޖޭއެސްސީ އިން އަމަލު ކުރަން ޖެހޭ އިޖުރާއަތަކަކާއި ގާނޫނުތަކެއް އޮންނަ ކަމަށް ވެސް ހިސާން އޭރު ވިދާޅުވެފައިވެ އެވެ. އަދި އެންމެ އަސާސީ ސިފައަކީ ފަނޑިޔާރަކާ މެދު މައްސަލައެއްގެ ތުހުމަތު ކުރެވޭ ނަމަ އެ ފަނޑިޔާރަކާ ސުވާލު ކުރެވި އޭނާގެ ބަހެއް ހޯދުމަށް ފަހު ފިޔަވަޅު އެޅުން ކަމަށް ވެސް ހިސާން އޭރު ވިދާޅުވި އެވެ.
ވޭތުވެ ދިޔަ ހަފްތާގައި ޖުޑިޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ނިންމި އިރު ސުވާލެއް ނުކުރެ އެވެ. އެކަން އެގޮތަށް ހިނގި އިރު އެ ކޮމިޝަނުގައި ހިސާން ވެސް އިންނެވި އެވެ. އަދި ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރެވިގެން ދިޔައީ ހިސާންގެ ވެސް ވޯޓާ އެކު އެވެ.

ޖޫން 14، 2019 : ޖޭއެސްސީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގަވައިދުގެ 42 ވަނަ މާއްދާގައި ބުނެފައި ވަނީ ފަނޑިޔާރެއްގެ މައްސަލަ ރަސްމީ އިދާރާއަކުން ތަހުގީގުކުރަން ފަށައިފި ނަމަ އެ ފަނޑިޔާރަކާ މެދު އަމަލުކުރާނެ ގޮތް 48 ގަޑިއިރު ތެރޭގައި އެ ކޮމިޝަނުން ނިންމަން ޖެހޭނެ އެވެ.
ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމި ނިންމުން ރަނގަޅު ކަމަށެވެ. އެއީ ސުލޫކީ މައްސަލައެއް ނޫން ކަމަށާއި ޖިނާއީ މައްސަލައެއް ކަމަށް ހަލީމް ވިދާޅުވި އެވެ. ޖޭއެސްސީގެ ގަވައިދުގެ 42 ވަނަ މާއްދާގައި ފަނޑިޔާރެއްގެ މައްސަލަ ރަސްމީ އިދާރާއަކުން ތަހުގީގު ކުރަން ފަށައިފި ނަމަ 48 ގަޑިއިރު ތެރޭގައި އެ ފަނޑިޔާރަކާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ބުނެފައިވާ ބުނުމަށް ބަލައި ސަސްޕެންޑް ކުރަން ނިންމި ދާނެ ކަމަށް ހަލީމް ވިދާޅުވި އެވެ. އަދި އެހާލަތުގައި ފަނޑިޔާރުންގެ ގާނޫނުގެ 37 ވަނަ މާއްދާގައި ބުނާ ގޮތަށް އެ ފަނޑިޔާރުގެ ބަސް ހޯދަން ނުޖެހޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ.
"ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމި ނިންމުން ރަނގަޅު. އެއީ ސުލޫކީ މައްސަލައެއް ނޫން. އެއީ ޖިނާއީ މައްސަލައެއް އިދާރާއަކުން ބަލަމުން ދާތީ އެކަމާ މެދު އެ ގޮތެއް ނިންމީ." ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ވިދާޅުވި އެވެ.
ދެން އުފެދޭ ސުވާލަކީ ގާނޫނެއްގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ވަނިކޮށް ގަވައިދަކުން އެ ބާރު ފުޑާލަން ލިބޭ ބާރެއް ބޭނުންކުރެވިދާނެތޯ އެވެ. އެއީ ޖަވާބު ލިބެން ޖެހޭ ސުވާލެކެވެ. ޖުޑިޝަރީ އިސްލާހު ކުރުމަކީ އެމްޑީޕީ އިން އެންމެ ބޮޑަށް ކެމްޕެއިނުތަކުގައި ދެއްކި އެއް ވާހަކަ އެވެ. އަދި ޖުޑިޝަރީ އިސްލާހު ކުރާއިރު ޑިއު ޕްރޮސެސް ފޮލޯ ކުރާނެ ކަމަށް ވެސް އެމްޑީޕީ އިން ދިޔައީ ބުނަމުންނެވެ. ގާނޫނުތައް މުގުރާފައި އެއްވެސް ކަމެއް ނުކުރާނެ ކަމަށް ވެސް ބުންޏެވެ. ޖޭއެސްސީގައި އެމްޑީޕީގެ މެމްބަރުން ތިބެ މިފަހަރު އަމަލު ކުރީ ގާނޫނާ އެއްގޮތަށްތޯ ކުރެވޭ ސުވާލަށް އެ މެމްބަރުން ޖަވާބެއް ދޭން ޖެހެ އެވެ.