އަބްދުﷲ ދީދީ ޖޭއެސްސީގެ ފަސް މެމްބަރަކާ ދެކޮޅަށް ފުލުހަށް މައްސަލައެއް ހުށަހަޅައިފި

ފަނޑިޔާރު އަބްދުﷲ ދީދީ --

ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ފަސް މެމްބަރަކާ ދެކޮޅަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފުލުހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ފުލުހުން ބުނީ ފަނޑިޔާރު އަބްދުﷲ ދީދީ މިރޭ ފުލުސް އޮފީހަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައަކީ ކޮން މައްސަލައެއް ކަމެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް އެ މައްސަލަ އަކީ ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ފަސް މެމްބަރަކާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައެއް ކަމަށް ފުލުހުން ބުންޏެވެ.

"ފުލުހުން ދަނީ އެމައްސަލައަކީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ޖެހޭ ބާވަތުގެ މައްސަލައެއްތޯ ބެލުމަށް މައްސަލަ ދިރާސާކޮށް ބަލަންޖެހޭ ކަންކަން ބަލަމުން." ފުލުހުން ބުންޏެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ވޭތުވެ ދިޔަ ހަފްތާގައި ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ސަސްޕެންޑް ކޮށްފައިވަނީ އެ ދީދީގެ ކޮރަޕްޝަނުގެ މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ. އެ ނިންމުމަށް އަމަލު ނުކުރުމަށް އަންގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުނެވެ. އެ އަމުރު ނެރުނީ ފަނޑިޔާރު ދީދީ އެކޯޓަށް ހުށަޅުއްވީ ދުސްތޫރީ މައްސަލައަކާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ އެ އަމުރާ ގުޅިގެން ފަނޑިޔާރު އަބްދުﷲ ދީދީ މިއަދު މަސައްކަތަށްވެސް ނުކުންނެވި އެވެ. އެހެންނަމަވެސް ޖޭއެސްސީއިން އަންގާފައި ވަނީ އެ އަމުރަށް އަމަލު ނުކުރުމަށެވެ.

comment ކޮމެންޓް