ޕާޓްނާޝިޕް ފޯރަމް ނިމޭއިރު އެހީގެ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރާނެ

ފޮރިން މިނިސްޓްރީ އިން މިޔަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝާން އިލްޔާސް

މާދަމާ ފަށާ ހަތަރުވަނަ ޕާޓްނާޝިޕް ފޯރަމް ނިމޭއިރު ރާއްޖެއަށް އެހީ ދިނުމުގެ ގިނަ އެއްބަސްވުންތަކެއްގައި ބޭރުގެ ފަރާތްތަކާއެކު ސޮއިކުރެވޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މާދަމާ ކުރުނބާ މޯލްޑިވްސްގައި ފަށާ ޕާޓްނާޝިޕް ފޯރަމް އާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ފޯރަމް ނިމޭއިރު ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެވޭނެ ކަމަށެވެ.

"ޖަޕާނު ސަރުކާރުންދޭ 500 މިލިއަން ޖަޕަނީޒް ޔެން (4.6 މިލިއަން ޑޮލަރު) ގެ އެއްބަސްވުމެއްގައި ސޮއިކުރެވޭނެ. އެއީ ރާއްޖޭގެ އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީ އަށް އެހީވުމަށް. އެމެރިކާ ސަރުކާރުންދޭ ޑިވެލޮޕްމެންޓް އޮބްޖެކްޓިވް އެސިސްޓެންސް ގްރާންޓުގެ ދަށުން ދޭން ނިންމާފައިވާ ތިން މިލިއަން ޑޮލަރުގެ އެހީ 11 މިލިއަން ޑޮލަރަށް އިތުރުކޮށްދޭން ވަނީ ނިންމާފައި. ޖޯޖިއާ އާއި ރާއްޖެ އާ ދެމެދު ބައިލެޓްރަލް އެއްބަސްވުމެއްގައި ސޮއިކުރެވޭނެ. އަދި ދެ ގައުމުގެ ދެމެދު ޓޫރިޒަމް ދާއިރާ އިން އިތުރަށް ގުޅުންބަދަހި ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މި އެއްބަސްވުންތަކުގެ އިތުރުން ރާއްޖެގައި ގްރީން ހައުސް އެމިޝަން އިތުރުވަމުންދާ ގޮތާ ބެހޭގޮތުން ކުރެވޭ މަސައްކަތަށް ޔޫރަޕިއަން ޔޫނިއަން އިން ދޭ ފަސް މިލިއަން ޔޫރޯގެ އެހީ ދިނުމުގެ އެއްބަސްވުމަކާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް ދޭ ރާއްޖެ އަށް ދޭ 10 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އެއްބަސްވުންތަކުގެ އިތުރުންވެސް، ފޯރަމު ނިމޭއިރު އިތުރު އެއްބަސްވުންތަކުގައި ސޮއިކުރެވޭނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

comment ކޮމެންޓް