ދިރާގުގެ އެހީގައި ރާޅުގުޑި ރާއްޖޭގެ ދެކުނުން އުތުރަށް އުދުހެނީ

"ރާޅުގުޑި ދެކުނުން އުތުރަށް" ފެސްޓިވަލް އާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ/ސަން

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ދިގު ރާޅު ގުޑި ފެސްޓިވަލް، "ރާޅުގުޑި ދެކުނުން އުތުރަށް" އަންނަ ޖުލައި އަދި ޖޫންގައި ކުރިއަށް ގެންދަން ނިންމައި، ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގާ އެކު ސޮއިކޮށްފި އެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ޕްރެސް ކޮނަފަރެންސެއްގައި ރާޅުގުޑި އިވެންޓްގެ މެނޭޖަރު، މުހައްމަދު ފައިސަލް ބުނީ މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ދިގު ރާޅުގުޑި ފެސްޓިވަލް ކަމަށެވެ. މި ފަހަރުގެ ފެސްޓިވަލްގައި ރާޅުގުޑީގެ ބައިވެރިން ދަތުރު ކުރާނީ ރާއްޖޭގެ ދެކުނުން އުތުރަށް ކަމަށް އޭނާ ބުންޏެވެ.

"މި އިވެންޓް މީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ދިގު ރާޅުގުޑި ފެސްޓިވަލް. ރާއްޖޭގެ ދެކުނުން އުތުރަށް މި ފެސްޓިވަލްގައި ދަތުރު ކުރާނެ. އައްޑޫ އިން ތުރާކުނަށް،" ފައިސަލް ބުންޏެވެ.

އިވެންޓްގެ ބައިވެރިން ދަތުރު ކުރާ ވަރު އޮންލައިންކޮށް ޓްރެކް ކުރެވޭން ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި، 13 ރަށެއްގައި ބައިވެރިން މަޑުކުރާނެ އެވެ.

ރާޅުގުޑީ، ސްލޯޓޭޕް އަދި މާފުށި ޑައިވް އެންޑް ވޯޓާސްޕޯޓްސް ގުޅިގެން ބާއްވާ މިފަހަރުގެ މި އިވެންޓްގައި ރާއްޖޭގެ ތިން ކައިޓްބޯޑާސް އަދި ބޭރުގެ އެއް ކައިޓްބޯޑަރު ބައިވެރިވާނެ އެވެ. ކޮންމެ ބައިވެރިއެއްވެސް ދުވާލަކު ހަތަރު ގަޑި އިރު ރާޅުގުޑި އަރުވާނެ އެވެ. ގާތްގަޑަކަށް 15 ދުވަހުގެ ތެރޭގައި އައްޑޫ އިން ތުރާކުނަށް ދެވޭނެ ކަމަށް ވެސް އިވެންޓް އިންތިޒާމް ކުރާ ފަރާތްތަކުން ލަފާކުރެ އެވެ.

އިވެންޓްގައި ބައިވެރިވާ ރާއްޖޭގެ ރާޅުގުޑި އަރުވާ ފަރާތެއް ކަމަށްވާ މުހައްމަދު އާސިމް ވަނީ މި އިވެންޓްގައި އަތޮޅުތަކުން ޝައުގުވެރިވާ ކުދިންނަށް ބައިވެރިވުމުގެ ފުރުސަތުވެސް އޮތްކަން ފާހަގަ ކޮށްފަ އެވެ.

މި އިވެންޓްގެ ބައިވެރިން މަޑުކުރާ ރަށްތަކުގައި ރައްޔިތުންގެ މެދުގައި، ކަނޑުތަކަށް ލޯބި ޖެއްސުމުގެ ގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ތަކެއް ވެސް ހިންގަން ވަނީ ހަމަޖެހިފަ އެވެ.

މި ހަރަކާތުގެ ތެރެއިން ކަނޑުންމަތިން ފެންނަ ކުނި އަދި ޕްލާސްޓިކްގެ ބާވަތްތަށް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ، މި ހަރަކާތުގެ ތެރޭގައި ކަނޑުމަތިން ހޮވާ، ޕްލާސްޓިކް ކިރާނެ ކަމަށެވެ.

އިވެންޓްގެ ޕާޓްނަރެއް ކަމަށްވާ ޕާލީ މޯލްޑިވްސްގެ އެކްސެކިއުޓިވް ޑިރެކްޓަރު ޝަހީދާ އަލީ ވިދާޅުވީ މި އިވެންޓްގެ މަގްސަދަކީ ވީހާވެސް ގިނަ ޒުވާނުންގެ މެދުގައި ރާއްޖޭގެ ކަނޑުތަކާއި މެދު ލޯބި ޖައްސާ ގިނަ ޒުވާނުންތަކެއް މި ދާއިރާއަށް ނެރުންކަމަށެވެ.

މިއީ ރާއްޖޭގައި ބާއްވާ މީގެ ހަތަރުވަނަ އިވެންޓެވެ. ރާޅުގުޑިން ވަނީ މީގެ ކާމިޔާބު ތިން އިވެންޓެއް ފާއިތުވެ ދިޔަ އަހަރުތަކުގައި ކުރިއަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް