ޗެމްޕިއަން ޓީސީ އާއި ފޯކައިދޫއިން ފެށުން ރަނގަޅު ކޮށްފި

ޓީސީއާއި ފޯކައިދޫއިން ކުޅުނު މިއަހަރުގެ ޗެރިޓީ ޝީލްޑްގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ދިރާގު ދިވެހި ލީގުގައި ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެ ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބާއި މިނިވަން ޗެމްޕިއަންގެ ރަނަރަޕް ފޯކައިދޫއިން ފެށުން ރަނގަޅު ކޮށްފި އެވެ.

އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުން ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މައްޗަށް ޓީސީއިން ކުރި ހޯދީ 0-4 ގެ ބޮޑު ނަތީޖާއަކުންނެވެ. މިއަހަރުގެ ޗެރިޓީ ޝީލްޑް ކާމިޔާބު ކުރުމަށްފަހު ސީޒަނަށް ރަނގަޅު ތައްޔާރީތަކަކާ އެކު ޓީސީއިން ކުރިމަތިލި އިރު މިއީ އެ ޓީމަށް ރަނގަޅު ފެށުމެކެވެ.

ލީގުގައި އިއްޔެ ކުޅުނު ދެވަނަ މެޗުން ފޯކައިދޫ ކުރި ހޯދީ ޔުނައިޓެޑު ވިކްޓަރީ 1-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. ޗެރިޓީ ޝީލްޑުގައި ޓީސީއަށް ވަރުގަދަ އިމްތިހާނެއް ކުރިމަތި ކުރުވި ފޯކައިދޫއިން މިއަހަރުގެ ސީޒަނަށް ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފަ އެވެ. އެގޮތުން އެ ޓީމުން ވަނީ މި ސީޒަނަށް ބިދޭސީ ތިން ކުޅުންތެރިޔަކު ވެސް އެ ޓީމަށް ގެނެސްފަ އެވެ.

ރޭ ކުޅުނު ވާދަ ވެރި އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ޖުމުލަ ގޮތެއްގައި ފެނުނީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ދިޔަ އިރު މެޗުގައި ފުރަތަމަ ފަހަރަށް ގޯލު ޖަހައި ލީޑު ނެގީ ފޯކައިދޫއިންނެވެ. އެ ޓީމުގެ އަލީ ޝާމިއު (މައިތޯ)ގެ އެ ގޯލާ އެކު ޔޫވީއިން ކުޅުން ރަނގަޅުކޮށް އޭގެ އިރަކޮޅެއް ފަހުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ޓީމުގެ ކެޕްޓަން އަހުމަދު ނާޝިދު (ނާއްޓޭ) އެވެ.

އެ މެޗުން ފޯކައިދޫ މޮޅުވި ގޯލު އެ ޓީމަށް މެޗުގެ 75 ވަނަ މިނަޓުގެ ތެރޭގައި ޖަހައިދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ހަސަން ފުއާދު (ޖެކް) އެވެ.

އިއްޔެ ކުޅުނު ފުރަތަމަ މެޗު ޓީސީއިން ފަސޭހަ ކަމާ އެކު ކާމިޔާބު ކުރި އިރު މިވަގުތު ލީގުގެ އެއްވަނައިގައި ވެސް އޮތީ އެ ޓީމެވެ. އެ މެޗުގައި ޓީސީއިން އެ ޓީމުގެ ފެންވަރު އިދިކޮޅު ޓީމަށް ދައްކާލައިފައިވާ އިރު އަންނަ މަހުގެ ފަހު ކޮޅު އެ ޓީމުން ޓްރެއިނިންގް ކޭމްޕަކަށް ރާއްޖެއިން ބޭރަށް ދިއުމަށް ވެސް ވަނީ ހަމަ ޖެހިފަ އެވެ.

އިއްޔެގެ މެޗުގައި ޓީސީއަށް ގޯލުތައް ޖަހައިދިނީ އިބްރާހިމް ސަފްރާޒް (ޝަފްލޭ) އާއި މުހައްމަދު އަޖުފާން އަދި އިބްރާހިމް އަތީގް (އިއްބެ) އެވެ. ޝަފްލޭ ވަނީ އެ މެޗުގައި މޮޅު ކުޅުމެއް ދައްކައި ޓީސީއަށް ދެ ގޯލު ޖަހައިދީފަ އެވެ.

comment ކޮމެންޓް