އެމެރިކާ ދެކޮޅަށް ޗައިނާއާއި ރަޝިއާގެ ތާއީދު އީރާނަށް

ރޫހާނީ ޕޫޓިން އާއެކު

ބިޝްކެކް (ޖޫން 15): އެމެރިކާއާއި އީރާނާދެމެދު އުފެދިފައިވާ މައްސަލާގައި އެމެރިކާގެ ހަރުކަށިކަމާ ދެކޮޅު ހަދައި އީރާނަށް ތާއީދުކުރާކަން ޗައިނާއާއި ރަޝިއާއިން ހާމަކޮށްފިއެވެ.

އެދެގައުމުން މިކަން ހާމަކޮށްފައިވަނީ ކިރްގިސްތާންގެ ވެރިރަށް ބިޝްކިކްގައި އިއްޔެފެށި ޝަންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަންގެ އިސްވެރިންގެ ސަމިޓްގެ އަރިމަތީގައި ޗައިނާގެ ރައީސް ޝީ ޖިން ޕިންއާއި ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންއާ އީރާނުގެ ރައީސް ހަސަން ރޫހާނީ ވަކިވަކިން ބޭއްވި ބައްދަލުކުރެއްވުން ތަކުގައެވެ.

މީގެ ތެރެއިން ޗައިނާގެ ރައީސް ޝީ ޖިން ޕިންއާއެކު އީރާނުގެ ރައީސް ހަސަން ރޫހާނީ ބޭއްވި ބައްދަލުކުރެއްވުމުގައި ޝީ ވަނީ އެމެރިކާގެ ފިއްތުންތަކާ ދެކޮޅަށް އީރާނަށް އެހީތެރިވާނެކަމާ އަދި ޗައިނާ އޮންނާނީ ކޮންމެ ހާލަތެއްގައިވެސް އީރާނާ އެކުގައިކަން ރޫހާނީއަށް ކަށަވަރުކޮށް ދެއްވާފައެވެ. އަދި އެމެރިކާ ދަތިކުރުމުގެ ފިޔަވަޅުތައް އެޅިނަމަވެސް ޗައިނާއިން އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ޝީ ދެއްވިއެވެ.

ރޫހާނީ ޝީ އާއެކު

ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންއާއެކު އީރާނުގެ ރައީސް ހަސަން ރޫހާނީ ބޭއްވި ބައްދަލުކުރެއްވުމުގައި ޕޫޓިންވެސް ވަނީ އީރާނާއެކު ހިންގާ ވިޔަފާރީގެ މުއާމަލާތައް އެމެރިކާގެ ބިރު ދެއްކުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާއިން ހުއްޓާނުލާނެކަމުގެ ޔަގީންކަން ރޫހާނީއަށް ދެއްވާފައެވެ. އަދި ގަލްފުގެ މަސްރަހު ހޫނުކުރުމުގެ ޒިންމާވެސް ޕޫޓިން އަޅުއްވާފައިވަނީ އެމެރިކާގެ ބޮލުގައެވެ.

ގަލްފުގެ މަސްރަހު ހޫނުވުމާއި އެނޫން މައްސަލަތައްވެސް އުފެދޭގޮތްވީ އެމެރިކާއިން އެއްވެސް ސަބަބަކާ ނުލައި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން ވަކިވެ އީރާނާދެކޮޅަށް އުދުވާނީ ސިޔާސަތެއް ގެންގުޅެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ހަނގުރާމައިގެ މަނަވަރުތައް ގަލްފަށް ޖަމާކޮށްގެން އީރާނަށް ބިރުދައްކަން ފެށުމުގެ ނަތީޖާއެއްގެ ގޮތުންކަންވެސް ޕޫޓިން ވަނީ ފާހަގަ ކުރައްވާފައެވެ. ޝަންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަންގެ އިސްވެރިންގެ ސަމިޓްގައި ތަގްރީރު ކުރެއްވި އެހެން ގައުމުތަކުގެ ވެރިންވެސްވަނީ ގަލްފުގައި މިހާރު އުފެދިފައިވާ މައްސަލަތަކުގެ ޒިންމާ އެމެރިކާގެ ބޮލުގައި އަޅުވައި ނުސީދާ ގޮތެއްގައި އެމެރިކާއަށް ފާޑުވިދާޅުވެފައެވެ.

އެމެރިކާއިންވަނީ މިދިޔަ ބުރާސްފަތި ދުވަހު ގަލްފް އޮފް އޮމާން ކަނޑު އޮޅީގައި ދެ ތެޔޮ ޓޭންކަރަކަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ފަހަތުގައި އޮތީ އީރާން ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އީރާނުންވަނީ އެމެރިކާގެ ތުހުމަތުތައް ދޮގުކޮށް އެއީ ގަލްފުގައި ހަނގުރާމައިގެ ހުޅު ރޯކުރުމަށްޓަކައި އިސްރާއިލުން ސިއްރިޔާތުގައި ހިންގި ޓެރަރިޒަމްގެ އަމަލެއް ކަމަށް ތުހުމަތުކޮށްފައެވެ.

އެއީ ކޮންމެ ގައުމަކުން ހިންގި އަމަލެއް ކަމަށްވިޔަސް ދުނިޔޭގެ ގައުމުތަކުން އެ ހަމަލާތަކުގެ ޒިންމާ ނުސީދާ ގޮތެއްގައި އަޅުވަނީ އެމެރިކާގެ ބޮލުގައެވެ. އެއީ އެހަމަލާތަކަކީ އީރާނުން ދިން ހަމަލާތަކަކަށް ވިޔަސް އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އީރާނަށް ބިރުދެއްކުމަށްޓަކައި ގަލްފަށް އަސްކަރީ މަނަވަރުތަކާއި ސިފައިން ފޮނުވައި އީރާނަށް އިންޒާރުތައް ދިނުން ފަދަ ހަރުކަށި އަމަލުތައް ހިންގައި މުޅި ސަރަހައްދުގެ ހަމަޖެހުން ނަގާލައި މަސްރަހު ހޫނުކުރީ އެމެރިކާއިން ކަމަށްވާތީއެވެ.

އީރާނުން ވަނީ އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އެގައުމު ހިސާރުކޮށް އެގައުމުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވައިގެން ގަލްފަށް ހަމަޖެހުން ނާންނެކަމުގެ އިންޒާރު ދީފައެވެ. އަދި އީރާނަށް ތެޔޮ ބޭރު ކުރެވޭނަމަ އެމެރިކާގެ ފަހަތުގައި ތިބޭ ގަލްފުގެ އެހެން ގައުމަކަށްވެސް ތެޔޮ ބޭރު ކުރުމުގެ ފުރްސަތު ނުދޭނެކަމުގެ އިންޒާރު ދީފައެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް