ހަސަން ސައީދުގެ ސަސްޕެންޝަން މުރާޖާކޮށްދިނުމަށް އެދިއްޖެ

ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު: --- ސަން ފައިލް ފޮޓޯ

ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑު ކުރުމަށް އިއްޔެ ނިންމި ނިންމުން މުރާޖާކޮށްދިނުމަށް އޭނާގެ ފަރާތުން އެދިވަޑައިގެންފިއެވެ.

ހަސަން ސައީދުގެ ފަރާތުން އެކަމަށް އެދިވަޑައިގެން އޭނާގެ ގާނޫނީ ވަކީލު އަބްދުއްސަލާމް އާރިފް ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ސިޓީއެއް ފޮނުއްވާފައެވެ.

އެ ސިޓީގައި ވަނީ ހަސަން ސައީދު ސަސްޕެންޑުކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު އޭނާގެ މައްސަލަ ރިވިއުކޮށްދިނުމަށް އެދިފައި ވަނިކޮށް ކަމަށެވެ.

"އަލަށް އައްޔަންކުރެވުނު މެންބަރުންނަށް ރައްދުކޮށްދިނުމެއްނެތި، އަދި ރިވިއުކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް އެޖެންޑާކުރުމެއްނެތި ސަސްޕެންޑް ކޮށްފައިވާތީ މިކަން ރިވިއުކުރުމަށްފަހު، ހަވާލާދެވިފައިވާ ސިޓީ އާ ގުޅޭގޮތުން ތިޔަ ކޮމިޝަނުން ގޮތެއް ނިންމުމަށްޓަކައި ސިޓީގައިވާ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެޖެންޑާކޮށްދެއްވުމަށް އަޅުގަނޑުގެ މުވައްކިލުގެ ފަރާތުން ދެންނެވީމެވެ،" ހަސަން ސައީދުގެ ވަކީލު ފޮނުވި ސިޓީގައިވެއެވެ.

ހަސަން ސައީދާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައިގެ އަޑުއެހުންތައް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 28 ވަނަ މާއްދާ އަށް ރިއާޔަތްކޮށް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދަން ވެސް ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް