"ބްރެކްޒިޓަށް" ފަހު ވިޔަފާރިކުރުމާ ބެހޭގޮތުން ރާއްޖެއާ ޔޫކޭއިން މަޝްވަރާކޮށްފި

އިނގިޜޭސިވިލާތުގެ ޕާލިމަންޓް މެމްބަރު ކަމަށްވާ ހެލަން ގްރޭންޓް އަބްދުﷲ ޝާހިދުއާއެކު---ފޮޓޯ: ހެލަން

އިނގިރޭސިވިލާތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުން (ބްރެކްޒިޓް)އަށް ފަހު ވިޔަފާރީގެ ގުޅުންތައް ބޭއްވުމާ ބެހޭގޮތުން އެގައުމާއި ރާއްޖެއާ ދެމެދު މަޝްވަރާކޮށްފިއެވެ.

އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުގައި އަދިވެސް ވަނީ އެއްބަސްވުމަށް ނާދެވިފައެވެ.

އިނގިރޭސިވިލާތުގެ ޕާލިމަންޓް މެމްބަރެއް ކަމަށްވާ ހެލަން ގްރޭންޓް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިނގިރޭސިވިލާތުން އީޔޫއިން ވަކިވުމަށް ފަހު ރާއްޖެއާ ވިޔަފާރީގެ ގޮތުން އޮތް ބޮޑެތި ފުރުސަތުތަކާ ބެހޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއެކު މަޝްވަރާކުރެއްވި ކަމަށެވެ. އޭގެ އިތުރުން ރާއްޖެއާ އިނގިރޭސިވިލާތުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްވެސް އޭނާއާއެކު ވަނީ މަޝްވަރާކޮށްފައެވެ.

ފޮރިން މިނިސްޓަރު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުންދާ ދަތުރުގައި މިއަދު ވަނީ އިނގިރޭސިވިލާތުގެ ވިޔަފާރިވެރިއެއް ކަަމަށްވާ ލޯޑް ބިލިމޯރިއާއާ ބައްދަލުކުރައްވައި ވިޔަފާރިއާ ތައުލީމީ ދާއިރާއިން މަޝްވަރާކޮށްފައެވެ.

އޭގެ އިތުރުން އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރު ޖެރެމީ ހަންޓްް އާއި ފޮރިން އޮފީހުގެ އިސް އެހެން ބޭފުޅުންްނާ މިއަދު ވަނީ ރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީ ހުޅުވުމާ ބެހޭގޮތުން މަޝްވަރާތައް ބާއްވައިފައެވެ.

ޝާހިދުގެ ދަތުރުގައި މިއަދު ވަނީ ކޮމަންވެލްތާ އަލުން ގުޅުމަށް އެ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑް ލިޔުންތައްވެސް ހުށަހަޅުއްވާފައެވެ.

comment ކޮމެންޓް