ނުވަ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެކަމަށް ހާއްސަކޮށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވަނީ ހަތް ރަށެއްގެ ފެނާއި ނަރުދަމާގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް އެއް ރަށެއްގައި ސޮއިކުރި އިރު އަނެއް ރަށުގައި ވަނީ ފެނުގެ ނިޒާމް ގާއިމްކުރުމަށް ސޮއިކޮށްފަ އެވެ.
އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
އެއްބަސްވުމުގައި ސޮއިކުރައްވާ ވާހަކަފުޅު ދައްކަވަމުން ޝާނާ ވިދާޅުވީ ފުރަތަމަ ހަތަރު މަހުގައި ޑިޒައިންގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. ރަށް ސާވޭކުރުމުގެ މަސައްކަތް އެ ހަތަރު މަސްތެރޭ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އީޕީއޭގެ ހުއްދަ ލިބުމާ އެކު އަމަލީ މަސައްކަތް ފެށިގެންދާނެ. މިއީ ދެ އަހަރު ދުވަހުގެ މުއްދަތަށް ދެމިގެންދާ މަޝްރޫއެއް،"
އިތުރަށް ވާހަކަފުޅު ދައްވަމުން ޝާނާ ވިދާޅުވީ ފެނުގެ ނިޒާމް ގާއިމްކުރެވޭ ރަށްތަކުގައި އިންޓަގްރޭޓް ވޯޓާ ރިސޯސަސް މެނޭޖްމަންޓް ސިސްޓަމްތަކެއް ހުންނާނެ ކަމަށެވެ.
ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރާ ރަށްތަކަކީ ބ. ހިތާދޫ [35.5 މިލިއަން ރުފިޔާއަށް]، ރ. ރަސްގެތީމް [24.2 މިލިއަން ރުފިޔާއަށް]، ތ. ވަންދޫ [20.8 މިލިއަން]، ރ. ވާދޫ [19.2 މިލިއަން]، ށ. ކޮމަންޑޫ [23.5 މިލިއަން] ،ށ. މަރޮށި [35.3 މިލިއަން] އަދި ތ. ކަނޑޫދޫ [19.2 މިލިއަން] އެވެ.
ނަރުދަމާ ނިޒާމް ގާއިމްކުރާ ރަށަކީ ށ. ފޯކައިދޫ [16.9 މިލިއަން]އެވެ. ފެނުގެ ނިޒާމް ގާއިމްކުރާ ރަށަކީ ށ. ކަނޑިތީމް [17.9 މިލިއަން] އެވެ.
ހިދާތޫ، ރަސްގެތީމް، ފޯކައިދޫ، ކަނޑިތީމް އަދި ވަންދޫގައި ފެނާއި ނަރުދާމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު ހިންގަން ހަވާލުކޮށްފައި ވަނީ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަ ވިތު ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑް އާ އެވެ.
ވާދޫ އަދި ކޮމަންޑޫގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަ ވިތް ވޯޓާ އިންޖިނިއަރިން ސާވިސަސް އެފްޒެޑްއީ އާ އެވެ.
މަރޮށި އަދި ކަނޑޫދޫގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސްޓޭޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާ އެވެ.
އެ ރަށްތަކުގައި ފެނާއި ނަރުދަމާ މަޝްރޫއު ހިންގަނީ ދައުލަތުގެ ބަޖެޓުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ދުވަސް ނިމޭއިރު ފެނާއި ނަރުދަމާ ނާޅާ އެއްވެސް ރަށެއް ރާއްޖޭގައި ނޯންނާނެ ކަމަށެވެ.