ފަޒުލްގެ "ބޭބީ ނާސަރީ ބިލު" މަޖިލީހަށް ހުށަހަޅައިފި

ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު --- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި ޕްރީސްކޫލް ހިންގުމަށް އަމަލުކުރަމުންދާ ޕްރީސްކޫލް ހިންގުމުގެ ގާނޫނު އަށް ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު އިސްލާހުތަކެއް ހުށަހަޅުއްވައިފި އެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގެ ދުވަސްވަރު ޕީއެސްއެމްއިން ކުރިއަށް ގެންދިޔަ މަޖިލިސް ބަހުސްގައި، "ބޭބީ ނާސަރީ ފަދަ ބިލުތައް" މަޖިލީހަށް ހުށަހަޅައިގެން ގާނޫނަށް ހައްދަވާނެކަމަށް ފަޒުލް ވިދާޅުވި އެވެ. ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން ކުރިމަތިލެއްވި ފަޒުލް މިހެން ވިދާޅުވުމުން އޭނާއަށް ގިނަ ބައެއްގެ މަލާމާތާއި ފާޑުކިޔުން އަމާޒުކުރި އެވެ.

ޕްރެޒެންޓަރު: ކައުންސިލުތަކުގެ ގާބިލުކަން ކަށަވަރުކުރުމަށް ކުރެވެން އޮތް ކަމެއް ތިޔަބޭފުޅުންގެ ވިސްނުންފުޅުގައި ވޭތޯ؟

ފަޒުލް: ލާމަރުކަޒީ ގާނޫނުގެ ތެރެއިން ކައުންސިލުތަކަށް ދޭންޖެހޭ އެހީތެރިކަމަކީ ވަރަށް ފުޅާ ދާއިރާއެއްގައި ދޭންޖެހޭ އެހީތެރިކަމެއް. މިގޮތުން އެ އެހީތެރިކަމަކީ ތައުލީމާއި ތަމްރީނުގެ ގޮތުގައި ދެވޭ އެހީއެއ ްކަމުގައި މަޖިލީހުގެ ތެރެއިން އަޅުގަނޑު ހަދާނަން. އަދި ބޭބީ ނާސަރީ ފަދަ ބިލުތައް ހުށަހަޅައިގެން އޭތި ގާނޫނަކަށް ވުޖޫދުކުރުމުގެ މަސައްކަތްތައްވެސް އަޅުގަނޑު ކުރާނަން.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ހަވަނަ ޖަލްސާ އިއްޔެ އޮތް އިރު، ޕްރީސްކޫލް ހިންގުމުގެ ގާނޫނަށް ފަޒުލް ހުށަހެޅުއްވި އިސްލާހުތަކުގެ ފުރަތަމަ ކިޔުން އިއްޔެގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

ޕްރީސްކޫލް ހިންގުމުގެ ގާނޫނު މިހާރު އޮތް ގޮތުން، "ޕްރީސްކޫލް" މާނަކޮށްފައިވަނީ، އުމުރުުން ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިންނަށް ޕްރީސްކޫލުގެ ތައުލީމު ދޭ ހާއްސަ ސްކޫލުތަކަށެވެ.

އެހެން ނަމަވެސް އިއްޔެ ފަޒުލް މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ، ޕްރީސްކޫލުގެ ގޮތުގައި ބެލެވޭނީ އުމުރުން އެއް އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިންނަށް ތައުލީމު ދޭ ހާއްސަ ސްކޫލުތަކުގެ ގޮތުގައި ބަލައިގަތުމަށެވެ.

ޕްރީސްކޫލު ގާނޫނުގެ 15 ވަނަ މާއްދާގައި މިހާރު ބުނެފައި އޮންނަނީ "ޕްރީ ސްކޫލްތަކުގައި، ޕްރީ ސްކޫލްގެ ޕްރޮގްރާމްތައް ޢާންމުކޮށް ހިންގާނީ 4 އަހަރާއި 6 އަހަރާދެމެދުގެ ކުދިންނަށެވެ،" މިހެންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރުކަންވެސް ކުރެއްވި ފަޒުލް ހުށަހެޅުއްވި ގާނޫނުގައި ވަނީ، ފަސް އުމުރުފުރާގެ ދަރިވަރުންނަށް ޕްރީސްކޫލު ޕްރޮގްރާމުތައް ފަސް މަރުހަލާއަކަށް ހިންގުމަށް ހުށަހަޅާފައެވެ.

އުމުރުފުރާތައް

  • ޕްލޭސްކޫލް މަރުހަލާ (އެއް އަހަރާއި ދެ އަހަރާ ދެމެދުގެ ކުދިންނަށް)
  • ބޭބީ ނާސަރީ މަރުހަލާ (ދެ އަހަރާއި ތިން އަހަރާ ދެމެދުގެ ކުދިންނަށް)
  • ނާސަރީ މަރުހަލާ (ތިން އަހަރާއި ހަތަރު އަހަރާ ދެމެދުގެ ކުދިންނަށް)
  • އެލްކޭޖީ ނުވަތަ ލޯވާ ކިންޑަގާޓަން މަރުހަލާ (ހަތަރު އަހަރާއި ފަސް އަހަރާ ދެމެދުގެ ކުދިންނަށް)
  • ޔޫކޭޖީ ނުވަތަ އަޕާ ކިންޑަގާޓަން މަރުހަލާ (ފަސް އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިންނަށް)

ގާނޫނުގެ ތިންވަނަ މާއްދާގައި ގާނޫނުގެ ބޭނުންތައް ހާމަކޮށްފައި އޮތް އިރު، ފަޒުލްގެ އިސްލާހުގައި އޮތީ އެ މާއްދާގެ (ށ) އުނިކުރުމަށެވެ. އެ މާއްސާގެ (ށ)ގައި ބުނެފައިވަނީ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިންނަށް އޮތް ނަމަވެސް ތުއްތު ކުއްޖާގެ ބެލެނިވެރިން ބޭނުން ނަމަ، އުމުރުން 2 އަހަރު ބައިން ފެށިގެން ހަ އަހަރާ ދެމެދުގެ ތުއްތު ކުދިންނަށްވެސް ޕްރީސްކޫލު ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެހެންކަމުން ޕްރީސްކޫލު ގާނޫނަށް ފަޒުލް ހުށަހެޅުއްވި އިސްލާހުގެ ދަށުން އެއް އަހަރުން ފެށިގެން ހަ އަހަރާ ދެމެދުގެ ކުދިންނަށް ތައުލީމު ލިބިދޭން ޖެހޭނެ އެވެ.

ޕްރީސްކޫލު ގާނޫނުގައި މިހާރު މުޅިންވެސް އޮތީ، ކައުންސިލުތަކާއި ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކާޢި އަމިއްލަ ފަރުދުންގެ އިތުރުން ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޕްރީސްކޫލު ހިންގަން ޖެހޭނީ ދައުލަތުގެ ފުރިހަމަ ބައިވެރިވުމާއެކު ކަމަށެވެ.

ނަމަވެސް ފަޒުލް ހުށަހެޅި އިސްލާހުތަކުގައި ވަނީ ދައުލަތުގެ ފުރިހަމަ ބައިވެރިވުން އޮންނަންޖެހޭ ކަމަށް އޮތް އޮތުން ބަދަލުކުރާށެވެ. އަދި ދައުލަތަށްވެސް ޕްރީސްކޫލު ހިންގޭނެ ކަމަށެވެ.

comment ކޮމެންޓް