ތަރައްގީ އަކީ ކޮންކްރީޓް ޒީނަތްތެރިކަމެއް ނޫން، ކާރު ސައިކަލުގައި އުޅުމެއްވެސް ނޫން: ނައިބު ރައީސް

ނައިބު ރައީސް ފޮޓޯ މައުރަޒު ހުޅުވައި ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ތަރައްގީ އަކީ ކޮންކްރީޓް ޒީނަތްތެރިކަން ނޫން ކަމަށާއި އެއީ ކާރު ސައިކަލުގައި އުޅުމެއްވެސް ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފަހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ދިވެހި ތާރީހުގެ ތެރެއިން ތިމާވެށީ ފޮޓޯ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދިވެހި ރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ރީތިކަން އަބަދަށް ދެމެހެއްޓުމަކީ މިއަދު ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

ނައިބު ރައީސް ފޮޓޯ މައުރަޒު ހުޅުވައި ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

"ތަރައްގީ އަކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެންނަށް ލިބިފައިމިވާ މިފަދަ މުއްސަނިކަން ނަގާލާ، ހަމައެކަނި ކޮންކްރީޓް ޖަންގައްޔެއްގެ ގޮތުގައި ރަށްތައް ޒީނަތްތެރި ކުރުމެއް ނޫން، މި ރީތި ގަސްތައް އަޅުގަނޑުމެން ބަހައްޓަން އެބަޖެހޭ،" ނައިބު ރައީސް ވިދާޅުވިއެވެ.

"ގަސްތައް ކެނޑުމަކީ އަޅުގަނޑުމެން އެންމެ ލާސްޓް އޮޕްޝަން އަކަށް ހަދަން އެބަޖެހޭ. އެފަދަ ހާލެއްގައި އަޅުގަނޑުމެން ގަހެއް ކަނޑާލާފި ކަމަށް ވަންޏާ ބަދަލުގައި ދެ ގަސް އަޅުގަނޑުމެން އިންދަން އެބަޖެހޭ."

"ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތައް، ތިމާވެއްޓާ އެންމެ ރައްޓެހި ކަމަށް ފެންނަ ގައުމުތަކުގައި ފެންނަނީ ބައިސްކަލް ގެންގުޅޭ މަންޒަރު،" ފައިސަލް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްތަކަކީ ކުޑަ ރަށްތަކެއް ކަމަށާއި ރަށްރަށުގެ އެއްކޮޅުން އަނެއްކޮޅަށް 10 މިނެޓު ނޫނީ 15 މިނެޓުން ދެވޭ ކަމަށެވެ.

"މި ނަލަ، ރީތި އާދަތައް ގެންނަން އެބަޖެހޭ،" ރާއްޖޭގައި އިންޖީނުލީ ދުއްވާ އެއްޗެހި ގިނަކަން ފާހަގަ ކުރައްވަމުން ނައިބު ރައީސް ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ވަނީ ރާއްޖޭގެ ތީރިކަން ދެމެހެއްޓުމަށް ރާއްޖޭގެ ރައްޔިތުންނަށް، ހާއްސަކޮށް ޒުވާނުންނަށާއި ކުޑަކުދިންނަށް ގޮވާލައްވައިފައެވެ. ވައިތަޣައްޔަރުވުން ހުއްޓުވުމަށް ފަރުދީ ޒިންމާ އަދާކުރުމަށް ގޮވާލައްވާ ނައިބު ރައީސް ވިދާޅުވީ އެއީ ހަމައެކަނި ސަރުކާރުން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު ވިދާޅުވީ މިރޭ ހުޅުވުނު ފޮޓޯ މައުރަޒުން ދައްކައިދޭނީ ތިމާވެއްޓަށް ގެއްލުން ލިބުމުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ލިބުނު ގެއްލުންތަލުގެ ސަބަބުން ކުރެވުނު މަސައްކަތްތައް ކަމަށެވެ.

އެކި ދައުރުތަކުގެ ވެރިން، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެއްވި މަސައްކަތްޕުޅުތައް މި ފޮޓޯ މައުރަޒުން ފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް