ހަތް ރަށެއްގެ މަގުތަކުގެ ޑިޒައިނަށް ބަދަލު ގެނެސްފި

ފުވައްމުލަކު ބަނދަރު އެރަށުގެ ރިންގް ރޯޑު ހެދުން ހަވާލު ކޮށްފައިވަނީ އެމްޓީސީސީ އަށް-- ސަން ފޮޓޯ: ފަޔާޒު މޫސާ

ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫއުތަކުގެ ތެރެއިން އެކުންފުނިން މަސައްކަތް ކުރިއަށްގެންދާ ހަތް ރަށެއްގެ މަގުތަކުގެ ޑިޒައިނަށް ބަދަލު ގެންނަން ނިންމައިފި އެވެ.

އެމްޓީސީސީ އިން ބުނީ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ބ. އޭދަފުށި،، ހދ. ހަނިމާދޫ، ރ. އުނގޫފާރު، ރ. ދުވާފަރު، ސ. ހުޅުމީދޫ، ލ. ފޮނަދޫ އަދި ޏ. ފުވައްމުލަކުގެ މަގުހެދުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، މީގެ ކުރިން ވެއްޔާއި ސިމެންތި ބޭނުންކޮށްގެން އެޅާ ބޭސް ކޯހުގެ ބަދަލުގައި ހިލަ ބޭނުންކޮށްގެން ބޭސް ކޯސް އަޅަން ނިންމާފައިވާ ކަމަށެވެ.

މި ބަދަލު ގެނައުމަށްޓަކާ ޕްލޭނިން މިނިސްޓްރީ އާ މަޝްވަރާކޮށް، ބަދަލުތައް ގެންނަމުންދާ ކަމަށްވެސް އެމްޓީސީސީ އިން ބުންޏެވެ.

މަގުގެ ޑިޒައިނަށް ބަދަލު ގެނައީ މީގެ ކުރިން އެފަދަ މަޝްރޫއުތައް ހިންގުމުގައި ލިބުނު ތަޖުރިބާއަށް ބަލައި، މަޝްރޫއުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

އެމްޓީސީސީ އިން މަގުހެދުމުގެ މަސައްކަތް ކުރާ މި ހަތް ރަށުގެ އިތުރުން، އިތުރު ހަތް ރަށެއްގެ މަގު ހެދުމުގެ މަޝްރޫއުވެސް މި އަހަރުގެ ތެރޭގައި އެކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.

މީގެ ތެރެއިން ބައެއް ރަށްރަށުގެ ޕްރޮޖެކްޓުތަކަކީ މީގެ ކުރިން އެމްއާރުޑީސީ އޮތް އިރު އެ ކުންފުނިން ކުރިއަށްގެންދިޔަ މަޝްރޫއުތަކެވެ.

ނޯޓު: މި ޚަބަރު ލިޔެފައިވަނީ 11 ޖޫން 2019 ވަނަ ދުވަހު އެމްޓީސީސީން ފޮނުވި ނޫސްބަޔާނަކާ ހަވާލައިދީއެވެ. އެހެން ނަމަވެސް 12 ޖޫން 2019 ވަނަ ދުވަހު އެ ނޫސްބަޔާން އިސްލާހުކޮށް، އެކުންފުނިން އަލުން ފޮނުވާފައިވާތީ، މި ޚަބަރުވެސް ވަނީ އެ ބަޔާނާ އެއްގޮތްވާ ގޮތަށް އިސްލާހުކޮށްފައެވެ.

comment ކޮމެންޓް