އެކްޓަރު ގިރީޝް ކަރްނާދު މަރުވެއްޖެ

އިންޑިއާގެ ކުޅަދާނަ ޕްލޭރައިޓް، އަދި އެކްޓަރު ގިރީޝް ކަރްނާދު (81)، އިއްޔެ މަރުވެއްޖެ އެވެ.

ކަރްނާދު މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު، އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

ކަރްނާދު ވަނީ ގިނަ އަދަދެއްގެ ސްޓޭޖް ޕްލޭތައް ލިޔެ، އެ ޕްލޭތަކުގައި އަދި ފިލްމުތަކުގައި އެކްޓަރެއްގެ ގޮތުގައި ވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. ކަރްނާދު އެންމެ ފުރަތަމަ އެކްޓަރެއްގެ ގޮތުގައި ފެނިގެން ދިޔައީ 1970 ވަނަ އަހަރު އެވެ. ކަރްނާދު އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ސަލްމާން ޚާންގެ 'ޓައިގާ ޒިންދާ ހޭ' އިންނެވެ.

ނަމަވެސް ކަރްނާދު ބޮޑަށް ފާހަގަކޮށްލެވެނީ ކަންނަޑާ ލިޔުންތެރިއެއްގެ ގޮތުގަ އެވެ. ލިޔުންތެރިކަމުގައި ކަރްނާދު ކޮށްފައިވާ މަސައްކަތްތަކަށް އޭނާ އަށް ވަނީ އިންޑިއާގައި ދެވޭ އެންމެ ޝަރަފުވެރި ދެ އެވޯޑު ކަމުގައިވާ ޕަދްމާ ޝްރީ (1974)، އަދި ޕަދްމާ ބޫޝަން (1992) ވެސް ލިބިފަ އެވެ.

ކަރްނާދުގެ އެންމެ ފާހަގަކޮށްލެވޭ ޕްލޭ ތަކުގެ ތެރޭގައި، 'ތުގްލަގް' އަދި 'ޔަޔާތީ' ފާހަގަ ކޮށްލެވެ އެވެ. ހިންދީ ފިލްމުތަކުގެ ތެރޭގައި ސަލްމާންގެ 'އެކް ތާ ޓައިގަރު' އަދި 'ޓައިގާ ޒިންދާ ހޭ' އާއި އަޖޭ ދޭވްގަންގެ 'ޝިވާއޭ' ހިމެނެ އެވެ.

ކަރްނާދު މަރުވުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި ބޮލީވުޑްގެ ގިނަ އަދަދެއްގެ ފަންނާނުން ވަނީ ހިތާމަފާޅުކޮށްފަ އެވެ.

comment ކޮމެންޓް