މި ފަހަކަށް އައިސް ފިލްމީ ދާއިރާއަށް ނުކުންނަ ގިނަ ފިލްމީ ތަރިންނަށް ހިންދީ ބަހުން ލިޔެފައި ހުންނަ ސްކްރިޕްޓްތައް ކިޔަން ނޭނގޭތީ ޅެންވެރިޔާ ޖާވިދު އަޚްތަރު ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިންޑިއާގެ އިންޓަނޭޝަނަލް ސެންޓަރުގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަމުން ޖާވިދު ބުނީ، އިންޑަސްޓްރީއަށް އަލަށް ތައާރަފްވާ ގިނަ ތަރިންނަށް ހިންދީ ޑައިލޮގްތައް މިހާރު ލިޔެދެނީ އިނގިރޭސި/ރޯމަން ސްކްރިޕްޓްގެ ގޮތުގައި ކަމަށެވެ.
އުރުދޫ ބަހުން ވާހަކަ ދައްކާއިރު ހިންދީ ބައެއް ބަސްތަކައިނުލާ ވާހަކަ ނުދެއްކޭނެ ކަމަށާއި އެއީ ޤަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށް ޖާވިދު ވަނީ ބުނެފައެވެ. ހިންދީއާއި އުރުދޫ ވަކިކުރުން ކަމާ ބެހޭ ފަރާތްތަކުން ބަލައިގަތްތާ ގާތްގަނޑަކަށް 200އަށް ވުރެ ގިނަ އަހަރު ވެއްޖެ ކަމަށާއި އެހެންނަމަވެސް އެއީ އަބަދުވެސް އެއް ބައެއްކަމަށް ބޮލީވުޑްގެ ގިނަ ފިލްމުތަކަށް ޅެން ތައްޔާރުކޮށް ޑައިލޮގް ލިޔެދީފައިވާ ޅެންވެރިޔާ ވަނީ ބުނެފައެވެ. މިހާރުގެ ފިލްމީ ތަރިންނާއި މި ޖީލުގެ ޒުވާނުންނަށް ދިމާވެފައިވާ މައްސަލައަށް ޙައްލެ ހޯދުމަށް ހިންދީ ބަހަށް ހާއްސަ ޑިކްޝަނަރީއެއް ތަޢާރަފުކުރެވިދާނެ ކަމަށް ޖާވިދު އަޚްތަރު ވަނީ ބުނެފައެވެ.
ކޮންމެ ޤައުމެއްގެ ވެސް ބަހާއި، ސަޤާފަތާއި ރިވެތި އަޚްލާޤަކީ އެ ޤައުމަކަށް އެންމެ މުހިއްމު 'ޑައިނަމިކް' ސިފަތައް ކަމަށާއި އެ ސިފަތައް ގެއްލިއްޖެ ނަމަ އެއީ އެ ޤައުމެއް ފަޤީރުވުމަކީ ވަރަށް ކައިރީގައި އޮތް ކަމެއްކަމަށް މަޝްހޫރު ޅެން ވެރިޔާ ވަނީ ބުނެފައެވެ.
ހިންދީ ބަހާއި އުރުދޫ ބަސް ކުރިއެރުވުމަށް ޖާވިދުއަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި ކަމާބެހޭ ފަރާތްތަކުން އެހީއަށް އެދިއްޖެނަމަ އެކަމަށް އެހީވާން ތައްޔާރަށް ހުރި ކަމަށް ޖާވިދު ވަނީ ބުނެފައެވެ.
ޖާވިދު ސްކްރީން ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރި މަޝްހޫރު ފިލްމުތަކުގެ ތެރޭ ފިލްމު "ދީވާރު" އަދި "ޝޯލޭ" ހިމެނެއެވެ.