ގެސްޓްހައުސް ވިޔަފާރިވެރިންނަށް ސޮވެރިން ގެރެންޓީ ދިނުމަށް ގޮވާލާ ގަރާރެއް ޖާބިރު ހުށަހަޅައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު: ގެސްޓްހައުސް ވިޔަފާރިތަކަށް ސޮވެރިންގެރެންޓީ ދިނުމަށް ގޮވާލާ ޖާބިރު ވަނީ ގަރާރެއް މަޖިލީހަށް ހުށަހަޅައިފައި -- ފައިލް ފޮޓޯ/ މަޖިލިސް އިދާރާ

ގެސްޓް ހައުސް ވިޔަފާރިވެރިންނަށް ސޮވެރިން ގެރެންޓީ ދިނުމަށް ގޮވާލާ ގަރާރެއް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދައިރާ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

މިދިޔަ ހަފްތާ އާދިއްތަ ދުވަހު ޖާބިރު ހުށަހެޅުއްވި އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވުން ވަނީ މާދަމާގެ މަޖިލިހަށް އެޖެންޑާ ކޮށްފައެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ބުނީ، ރިސޯޓުތައް ބިދޭސީ އިންވެސްޓަރުންގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައިވާއިކަމަށާއި ރައްޔިތުނަށް ފައިދާ ލިބެނުން އަންނަ ރަށު ގެސްޓް ހައުސްތަކުގެ ވިޔަފާރިވެރިންވެސް ބިދޭސީ އިންވެސްޓަރުންގެ ކޮންޓްރޯލުގެ ދަށަށް ގޮސްފައިވާ ކަމަށެވެ. ނަތިއްޖާއެއްގެ ގޮތުން ދިވެހި ވިޔަފާރި މީހާ އަށް ލިބޭ ފައިދާ ކުޑަވެފައިވާ ކަމަށް ޖާބިރުގެ ގަރާރުގައި ބުންޏެވެ.

"މިހެން މިކަން ދިމާވަނީ، ރާއްޖޭގެ ބޭންކުން އެ ސިނާޔަތް ތަރައްގީކުރުމަށް އެކަށީގެންވާ ފައިނޭންސް ފޯރުކޮށް ނުދެވުމާއި، ބޭންކް ތަކުން ލިބެން ހުރި މަދު ދައިނޭންޝަލް ފެސިލިޓީޒްތަކަށް ވާސިލްވުމަށް އާންމު ގެސްޓް ހައުސް ވިޔަފާރިވެރިޔާއަށް ހާހުން ހުރަސްތައް ކުރިމަތި ކުރވާފައި ވުމުން،" ކަމަށް ޖާބިރުގެ ގަރާރުގައިވެއެވެ.

ރަށު ގެސްޓަހައުސްތަކުގެ ވިޔަފާރީގެ ކޮންޓްރޯލް ބިދޭސީ އިންވެސްޓަރުންގެ އަތްދަށަށް ނުދިނުމަށްޓަކައި، "ދައުލަތުގެ ސޮވެރިން ގެރެންޓީ ދީގެން ނަމަވެސް، ގެސްޓް ހައުސް އިންވެސްޓަރުންނަށް ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމްތަކެއް މިހާރުން މިހާރަށް ހަމަ ޖައްސަވައި، އެމަގުން އަމަލުކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމް" ކުރުމުގެ ގޮތުން ގާރާރު ހުށަހަޅާކަމަށް އެ ގަރާރުގައިވެއެވެ.

ޖާބިރުގެ ގަރާރުގައި ވަނީ، ސަރުކާރުގެ ގެސްޓްހައުސް ސިޔާސަތުގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމުގައި އެކަށީގެންވާ ހަރުދަނާ ނިޒާމެއް ނެތް ކަމަށެވެ. އަދި އެ ވިޔަފާރިތައް ތަރައްގީކުރުމަށް ބޭނުންވާ އިންވެސްޓްމަންޓް ފަސޭހައިން ވާސިލްވެވޭނެ އުސޫލުތަކެއް ތަންފީޒުވަމުން ނުދާ ކަމަށް ވެސް ޖާބިރުގެ ގަރާރުގައި ފާހަގަ ކުރެއްވި އެވެ.

ގެސްޓްހައުސް ވިޔަފާރިތަކަށް ސޮވެރިން ގެރެންޓީ ދިނުމަށް ގޮވާލާ ޖާބިރު މަޖިލީހަށް ގަރާރެއް ހުށަހެޅުއްވި އިރު، އެވިޔަފާރިތަކަށް މިހާނަތަށް ދައުލަތުން ސޮވެރިން ގެރެންޓީ ދީފައެއް ނުވެއެވެ.

comment ކޮމެންޓް