ބޮޑު ތަފާތަކުން ބްރެޒިލް މޮޅުވި އިރު އާތުރަށް އަނިޔާވެއްޖެ

ބްރެޒިލްގެ ތަރި އާތުރް މެލޯ އަނިޔާވެފައި --- ފޮޓޯ/ޖޭމީ ސްމިތް

ކުރިއަށް އޮތް ކޮޕާ އެމެރިކާއަށް ތައްޔާރުވުމުގެ ގޮތުން ބްރެޒިލްއިން ރޭ ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި ހޮންޑިއުރަސް ގާތުން ބޮޑު ތަފާތަކުން މޮޅުވި ނަމަވެސް އެ ޓީމުގެ މިޑްފީލްޑަރު އާތުރު މެލޯއަށް އަނިޔާވެއްޖެއެވެ.

ބްރެޒިލްގެ އަމިއްލަ ބިމުގައި ކުޅުނު އެ މެޗުން ހޮންޑިއުރަސްގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 0-7 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ކުރިއަށް އޮތް ކޮޕާ އެމެރިކާއަށް ބްރެޒިލްއިން ތައްޔާރުވެފައިވާ މިންވަރު ހާމަވެގެން ދިޔަ ނަމަވެސް މުބާރާތައް ފަރިތަކުރުމުގެ ތެރޭގައި ޓީމުގެ މުހިއްމު ދެ ކުޅުންތެރިޔަކަށް މިހާރު ވަނީ އަނިޔާ ވެފައެވެ.

އެގޮތުން ބްރެޒިލް ޓީމުގެ ފޯވާޑް ނޭމާ ޖޫނިއާވެސް ވަނީ ދާދި ފަހުން ކުޑަ ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ސްކޮޑުން ބާކީ ކޮށްފައެވެ. އޭނާގެ އަނިޔާ ގައިގަނޑަކަށް މަހެއް ހާ ދުވަސް ވާނެ ކަމަށް ބްރެޒިލުން ވަނީ ޔަގީން ކޮށްފައެވެ. ރޭގެ މެޗުގައި އަނިޔާވި އާތުރަށް ލިބުނު އަނިޔާގެ ސީރިޔަސް ކަން އަދި ނޭނގޭ އިރު އޭނައަށް ވެސް ކޮޕާ އެމެރިކާގައި ކުޅެވޭނެކަމުގެ ޔަގީންކަމެއް ނެތެވެ.

ރޭގެ މެޗުގައ ބްރެޒިލްއަށް ގޯލުތައް ޖަހައިދިނީ ގެބްރިއަލް ޖީސުސްއާއި ތިއާގޯ ސިލްވާއާއި ކުޓީނިއޯ އަދި ރޮބޭޓޯ ފިރްމީނިއޯ އެވެ. މީގެ އިތުރުން މުޅިން އަލަށް ބްރެޒިލްގެ ސްކޮޑުގައި ހިމެނުނު ޑޭވިޑް ނެރެސްއާއި ރިކާލިސަންވެސް ވަނީ ރޭގެ މެޗުގައި ބްރެޒިލްއަށް ގޯލު ޖަހައިދީފައެވެ.

މިއަހަރުގެ ކޮޕާ އެމެރިކާ ބްރެޒިލްގައި މިހަފްތާ ފަށާއިރު ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ބްރެޒިލްއާއި ބޮލީވިއާއެވެ.

comment ކޮމެންޓް