މާދަމާއިން ފެށިގެން ހުރިހާ ސްކޫލެއްގައި ނާސްތާ ދޭނެ: މިނިސްޓްރީ

ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުދެ ޕައިލެޓް ޕްރޮގްރާމް ރަސްމީކޮން ފެށުން -- ޕޮޓޯ/ ރައީސް އޮފީސް

މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލަކުން ހެނދުނުގެ ނާސްތާ ލިބޭނެކަަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފި އެވެ.

ކުރިން ހަމަޖެހިފައި އޮތީ މިއަހަރުގެ ދެވަނަ ޓާމް ފެށޭއިރު ނާސްތާ ޕްރޮގްރާމް ފަށާގޮތަށެވެ. ނަމަވެސް ދެވަނަ ޓާމް ފެށުނުއިރު ހަ ރޯދައާ ދިމާވުން މިނިސްޓްރީން ނިންމީ އަންނަ އަންގާރަ ދުވަހު ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފަށާށެވެ.

ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އަޖުމަ ބެލުމުގެ ގޮތުން ފެށި އެ ޕްރޮގްރާމްގައި ނާސްތާ ފުރަތަމަ ދީފައިވަނީ 25 ސްކޫލެއްގަ އެވެ. އަދި ބާކީ ހުރި 188 ސްކޫލުގައި ނާސްތާ ޕްރޮގްރާމް މިހާތަަނަށް އޮތީ ކުރިއަށް ނުގެންގޮހެވެ.

ބާކީ ހުރި ހުރިހާ ސްކޫލުތަކުގައި ނާސްތާ ޕްރޮގްރާމްތައް ފަށަން އެކަން ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކުރީ މީގެ މަސް ދުވަސްކުރިންނެވެ.

ނާސްތާ ދޭ އިރު އެކި ދުވަހު ނާސްތާ ދެމުންގެންދަނީ އެކި މެނޫތަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ރޮށި، ޕާން، ބިސްގަނޑު، ކިރު، ފަތު މަސްހުނި، ބޭކަޑްބީންސް، ސޭންޑްވިޗް، ބަރަބޯ މަސްހުނި، ޗީޒް ސޭންޑްވިޗް، ބަށި މަސްހުނި، ޕީނަޓް ބަޓާ އަދި ތަރުކާރީ މަސްހުނި ހިމެނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ނާސްތާ ޕްރޮގްރާމް ފެށިފަހުން ދަރިވަރުން ގަޑިއަށް ހާޒިރުވެ، މީގެ ކުރިން ނާސްތާ ނުނަގާ ކުދިންވެސް ނާސްތާއަށް އަހުލުވެރިވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

comment ކޮމެންޓް