ކޮލަމްބޯ (ޖޫން 9): ސްރީލަންކާގައި މިދިޔަ އޭޕްރިލް މަހު ދިން ބޮމުގެ ހަމަލާތަކަށް ފަހު އެގައުމަށް ވަޑައިގެންނެވި ފުރަތަމަ ބޭރު ގައުމެއްގެ ލީޑަރަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެވަޑައިގެންފި އެވެ.
މޯދީ ލަންކާއަށް މިއަދު ވަޑައިގެންނެވީ ރާއްޖެއަށް އިއްޔެ ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގަ އެވެ. އެއީ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރަކަށް މޯދީ އިންތިހާބުވި ފަހުން އިންޑިއާއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ކޮލަމްބޯގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން މޯދީއަށް މަރުހަބާ ވިދާޅުވީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ. އަދި އެގައުމަށް ވަޑައިގެންނެވުމާއެކު މޯދީ ކުރެއްވި ޓުވީޓެއްގައި ވަނީ އެއީ ހަތަރު އަހަރު ތެރޭގައި އެގައުމަށް ކުރައްވާ ތިން ވަނަ ދަތުރުފުޅު ކަމަށް ވިދާޅުވެފަ އެވެ.
އަދި މޯދީ ވަނީ އޭޕްރިލް 21ގައި ދިން ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ އަމާޒުވި، ކޮޗިކަޑާގެ ސެއިންޓް އެންތަނީސް ޗާޗަށް ޒިޔާރަތް ކުރައްވާ، ހަމަލާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރުދީ ފާޅު ކުރައްވާފަ އެވެ. އަދި ޓެރަރިޒަމްގެ ފިނޑި އަމަލަކުން ލަންކާގެ ރޫހު ބަލިކޮށްނުލެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
"ސްރީލަންކާ އަނެއްކާވެސް މިކަމުން އަރައިގަންނާނެކަން ޔަގީން. ޓެރަރިޒަމްގެ ފިނޑި އަމަލަކުން ލަންކާގެ ރޫހު ބަލިކޮށެއް ނުލެވޭނެ. އިންޑިއާއިން އޮތީ ލަންކާގެ ރައްޔިތުންނާ އެކު،" މޯދީގެ ޓުވީޓެއްގައިވެ އެވެ.
މޯދީގެ ދަތުރުފުޅުގައި ރައީސް މައިތިރިޕާލާ ސިރިސޭނާ އާއި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާވެސް ބައްދަލު ކުރައްވާނެ އެވެ. އަދި ދެ ގައުމުގެ ލީޑަރުން ޓެރަރިޒަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެ އެވެ.
ސްރީލަންކާގެ ފައްޅިތަކަށާއި ހޮޓާތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި 250އަށް ވުރެ ގިނަ މީހުން މަރުވި އެވެ.
މޯދީއަށް އިއްޔެ ރާއްޖެއިން ވަނީ ދިވެހި ދައުލަތުން ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެ މަތީ ޝަރަފް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފަ އެވެ. އަދި ރާއްޖެއާއި އިންޑިއާ އާއި ދެމެދު ވަނީ ހަ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.