ރާއްޖޭގެ ކަނޑުތަކުގެ މައުލޫމަތު އިންޑިއާއަށް ދިނުމަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް: އާދަމް ޝަރީފް

ޖޫން 8، 2019: އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ރާއްޖެއަށް ވަޑައިގަތުން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ ކަނޑުތަކާ ބެހޭ މައުލޫމާތު އިންޑިއާއަށް ދިނުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ބޮޑު ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިންޑިއާއިގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިއަދު ކުރެއްވި ޒިޔާރަތުގައި ވަނީ ހައިޑްރޯގްރެފީ އެންޑް އޯޝަން އިކޮނޮމީއިން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ހައިޑްރޯގްރަފީއަކީ ކަނޑުތަކާ، ކޯރު ފަދަ ތަންތައް ދިރާސާކޮށް އެތަނުތަނުގެ ޗާޓުތައް ތައްޔާރުކުރުން ފަދަ ކަންކަމުގައި ބޭނުންކުރާ ސައިންސްގެ ފަންނެކެވެ.

އާދަމް ޝަރީފް "ސަން" އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ ރާއްޖޭގެ ކަނޑުތަކުގެ ހުރިހާ މައުލޫމާތުތައް އެެން ބައެއްގެ އަތަށް ދިނުމަކީ ރާއްޖޭގެ ވަތުބަތާނަ އެހެން ބަޔަކަށް ކިޔައިދުނުން ފަދަ ކަމެއް ކަމަށެވެ.

" މީގެ ކުރިންވެސް އިންޑިއާއިން އެކަން ކުރަން ބޭނުންވި. ރައީސް ނަޝީދު، ވަހީދު އަދި ޔާމިން ސަރުކާރުގައިވެސް. ނަމަވެސް އަޅުގަނޑު ދިފާއީ ވަޒީރު ކަމުގައިވެސް އެމްއެންޑީއެފް އާ މަޝްވަރާކުރީމަ ބުނީ މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ކުރިން އިންޑިއާއިން މަސައްކަތްކުރީ އެގައުމުގެ ޑައިވިން ޓީމްތައް އައިސް ފީނައި ދިރާސާތައް ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް ކޮންމެ ފަހަރަަކުވެސް އެކަން ކުރަން ފުރުސަތު ނުދިން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންޑިއާއާ ރާއްޖެއާއެކު ސޮއި ކުރި ހައިޑްރޯގްރެފީ އެންޑް އޯޝަން އިކޮނޮމީ އެއްބަސްވުމުގެ ތަފްސީލްއެއްވެސް ނޭނގޭ ކަމަށާއި އަދި އޭގެ ތަފްސީލް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް