ޤުރުބާން ކުރީމޭ ހިތް މަގޭ ލޯބިން (9)

އަހަރެންގެ ހިތުގައި އުފެދިގެން އުޅޭ ތުފާނުގެ ބާރު ގަދަވަމުންދިޔައީ އަހަރެންގެ ހިތަށް ތަސައްލީއެއްނުދޭނަމޭ ބުނާފަދައަކުންނެވެ.

އެންމެ ފަހުން ކައިވެނީގެ ދުވަސް ވެސް އައިސް ޖެހެނީއެވެ. ގޭތެރޭގައި ހޭލަމޭލަވެ އުޅޭ ނޯކަރުންގެ ފަސް ފަހަތުން އަހަރެންވެސް ކަންތައްތައް ކުރުމުގައި ބައިވެރިވަމުން ދިޔައީމެވެ. އެއްވެސް ކަމެއް ކުރާހިތަކުންނޫނެވެ. މަޖުބޫރުންނެވެ. ހިތުގައި އަތް އަޅައިގެން ލޯ މައްޗަށް ފެންނަ މަންޒަރު ނުފެންނަ ކަމަށް ހެދުމަކީ އަހަރެންނަށް ކުޅަދާނަކަމަކަށް ނުވިއެވެ. މޭގައި އުފެދުނު ޒަޚަމްގަނޑު ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދިޔައިރު އަމަން އާ ދޭތެރޭ އެތަކެއް ޝަކުވާއެއް ހިތުގައި އުފެދި އުތުރި އަރަމުން ދިޔައެވެ. އެ ޒަޚަމްގަނޑުގެ ދިލަހޫނުން އަހަރެންގެ ހިތަށާއި ހަށިގަނޑަށް އަސަރުކުރުވަމުން ދިޔައެވެ. ކިތަންމެ ފަހަރަކު އެގޭން ނުކުމެގެން ދާން ހިތަށްއެރިއެވެ. އެހެންނަމަވެސް އަމިއްލަ މަޖުބޫރީ ހާލަތު ހިތަށް އަރާފައި ފަހަތަށް ފިޔަވަޅު އަޅަން މަޖުބޫރުވަނީއެވެ.

ކައިވެނި ކުރެވުނު ދުވަހު އަހަރެން އެކަނިމާއެކަނި އޮވެ ރުއިވަރު ދެނެވޮޑިގެންވާނީ މާތް ﷲއެވެ. އަމަން އަތުން ބީވެދިޔުން ވެގެން ދިޔައީ މިފަހަކަށް އައިސް އަހަރެންނަށް ލިބުނު އެންމެ ހިތާމަވެރި ކަމެވެ. އަހަރެންގެ ހިތް އަމަންއަށްޓަކައި ޤުރުބާން ކުރީ ލޯބިންނެވެ. އަމަންގެ ލޯތްބަށް އަހަރެން ފުރިހަމައަށް އިތުބާރުކުރީމެވެ. އެ ލޯތްބާމެދު ޝައްކެތްނުކުރަމެވެ. އޭރަކު މި ލޯތްބަކީ އަހަރެންނަށް ކިހާ ވޭންދެނެވި އެއްޗަކަށް ވެދާނެކަމަކަށް އަހަރެންނަކަށް ނޭނގެއެވެ. އަމަންގެ މަތިން ހަނދާންކޮށްފައި އަމިއްލަ ނަފްސަށް އަޑުލާންފެށުނެވެ. އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމުގައި އަހަރެންނަށް އުނދަގޫތަކެއް ކުރިމަތިވަމުން ދިޔައެވެ.

އަމަންއަށްޓަކާ އަހަރެން ކަރުނަ އަޅަމުން ދިޔައީ އަމަންގެ ހިތުގައި އަހަރެންނާ މެދު ވަނީ ކީކޭކަން ނޭނގޭހާލުގައެވެ. އަހަރެންގެ ދިރިއުޅުން ދެން އެނބުރޭނީ ކިހިނެތްކަން ނޭނގޭހާލުގައެވެ. ދިރިއުޅުމުގައި ތިމާ ހިތްއެދޭގޮތަށް ހުރިހާ ކަމެއް ނުވާނެކަމަށާއި ހަޔާތުގެ ނައުގެ ދަތުރުގެ މިސްރާބު ބައެއްފަހަރު މަންޒިލުން ކަސިޔާރުވެގެން ހިނގައިދާނެކަމަށް ބައެއް މީހުން ބުނާތީ އަޑުއަހަމެވެ. އަމަންގެ ނަން އަހަރެންގެ ހިތުން ފަނޑުވެގެން ހިނގައިދާނެކަމާމެދު ޝައްކުވިއެވެ. އެހެންނަމަވެސް އަމަންގެ ކުރިމަތީގައި އަހަރެން ހިތްވަރުދެރަވާކަށް ބޭނުމެއްނޫނެވެ. އަމަންގެ ލޯތްބާމެދު ޝައްކާއި ވަހުމް އުފެދުނެވެ. އަމަން އަހަރެންދެކެ ހަޤީގަތުގައިވެސް ލޯބިވަންޏާ އެހެންމީހަކާ ކައިވެނި ކުރުމުގެ ހިތްވަރު ހުންނާނެހެއްޔެވެ؟ އަހަރެންގެ ލޯ މަތީގައި ނިއުޅުނީ އަމަންގެ ފިނޑިކަމެވެ. ނުކެރޭކަމާއި ޖެހުލުންވުމުގެ ސިފައެވެ.

ކައިވެނީގެ ފަހުން އަމަންއާއެކު އަމަންގެ އަންހެނުން އަނޫޝާ ގޭތެރޭން ފެންނަން ފެށުމުން އަހަރެންނަށް އަނޫޝާއާމެދު ހިސާބެއްގެ ހަސަދައެއް އުފެދުނެވެ. ކެއުމުގެ ވަގުތުގައި އަމަންގެ އެއްފަރާތުގައި އަނޫޝާ އިށީނދެ އިންނަތަން ފެންނަ ކޮންމެ ފަހަރަކު އެތައް ހާސް ތީރެއް އަހަރެންގެ ހިތަށް ވެސް އަމާޒު ވެގެން ދެއެވެ. އެއިން ކޮންމެ ތީރަކުން އަހަރެންގެ ހިތުގައި ކޫރުމެއް އެޅެމުންދެއެވެ. ލޯ އޮރުރުވާލައެވެ. އަހަރެންގެ ހިތުގައި އަޅާނެ ވޭން އަމަންއަށް ނޭނގޭހެއްޔޭ އެތައް ފަހަރަކު އަހަން ބޭނުންވިނަމަވެސް އަހަރެންގެ ދުލުގައި އެޅިފައިވާ ތަޅު އެއަށްވުރެ ވަރުގަދައެވެ. އެ ހިލަހިލައިގެ ބާރުގައި އަހަރެންގެ ދޫ ވަނީ ގައިދު ކޮށްލާފައެވެ.

މެންދުރުގެ ކެއުމުގެ ވަގުތެވެ. އަހަރެން ތަށިތައް މޭޒުމައްޗަށް ނަގަން ހުއްޓާ އެތަނަށް އަމަން އައެވެ. އޭރު އަދި އެކަކުވެސް ނާދެއެވެ. ޒުބައިދާ ދައްތަވެސް ފެންނާކަށް ނެތެވެ. އެތަނުގައި ހަރަކާތްތެރިވަމުން ދިޔައީ އަހަރެން އެކަންޏެވެ. އަމަންއައުމުން އަހަރެން އަމަން ނުފެންނަކަމަށް ހަދައިގެން ހުރީމެވެ. ކިތަންމެ އުނދަގޫވިނަމަވެސް އަމިއްލަ ނަފްސު ބާރުފޯރުވަމުން ދިޔައީމެވެ. އަމަންއަކީ އަހަރެންގެ ހަޔާތުގައި މިހާރު އެއްވެސް މީހެއް ނޫންކަމަށް ވިސްނީމެވެ.

"ޒާރާ" އަމަންގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނުނަމަވެސް އެއަޑަށް ބީރުކަންފަތެއް ދެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ތުންފަތުގައި ދަތް އަޅާލީމެވެ. އެހެންނަމަވެސް އަމަންގެ އަޑު އިވުމާއެކު އަހަރެންނަށް ވެގެން ދިޔައީ ބުނެދޭން ނޭނގޭ ފަދަ ގޮތެކެވެ.

"ޒާރާ އަހަރެންނާ ވާހަކައެއް ނުދައްކާނަންތަ؟" އަމަން ދެންވެސް ސުވާލުކޮށްލިއެވެ. މިފަހަރުވެސް އަހަރެން ހިޔާރުކުރީ ހަމަހިމޭންކަމެވެ. އަމަން މިހާރު އަހަރެންނާ ދައްކަން ޖެހޭ އެއްވެސް އޮންނާނެކަމަކަށް އަހަރެން ޤަބޫލެއް ނުކުރަމެވެ. އަމަން އަހަރަންދެކެ ލޯބި ވިނަމަވެސް ލޯބި ނުވިނަމަވެސް އެވެ.

"ޒާރާ....." އަނެއްކާވެސް އަމަން އަހަރެންނަށް ގޮވާލިއެވެ. މިފަހަރު ގޮވާލީ އާދޭސް އެކުލެވޭ އަޑަކުން ދަމާލާފައެވެ. އަމަން އަހަރެންނާ ދިމާލަށް ފިޔަވަޅެއް އަޅާލުމުން އަތުން އިޝާރާތް ކޮށްލަމުން އަހަރެން މަޑުކުރުމަށް ބުނީމެވެ. އަމަން އެ ހުރި ހިސާބުގައި މަޑުކުރިއެވެ. އަހަރެން އަމަންއަށް ބަލަން ހުރީމެވެ. ކުރަން ހުރި މަސައްކަތް ހުއްޓާލީމެވެ. އަމަން ބޭނުންވަނީ ކޮންކަމެއްތޯ ސުވާލުކުރީމެވެ. އިސްޖަހާލަމުންނެވެ. އަޑަށް ހަރުކަށިކަން ގެންނަން މަސައްކަތް ކުރިނަމަވެސް އަޑު ނުކުތީ ކިރިއަ ކިރިއާއެވެ. އެހެންކަމުން އަދިވެސް އަހަރެންގެ ހިތުގައި އަމަންއަށްޓަކައިވި ގަދަރު އަމިއްލަ ހިތަށް ވެސް ފަހުމްވިއެވެ.

އިތުރަށް އަމަންއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އަލްމަޢިއްޔާ ސިޑިން ފޭބިއެވެ. އަމަން ދުރަށް ޖެހިލިއެވެ. އަހަރެން ހަމަޖެހުމުގެ ނޭވާއެއް ލީމެވެ. އަމަންއުޅޭ ގޮތުން މިގޭ މީހަކަށް އަހަރެމެން ދެމީހުން ދޭތެރޭ ގުޅުމެއް އޮތްކަން އެނގިއްޖެއްޔާ ދެންވާނީ ކިހިނެތްކަން އަހަރެންނަކަށް ނޭނގެއެވެ.

ކައިނިމުމުން ތަށިތައް ނަގާފައި އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ. އޭރު އަދި އަހަރެން ހުރީ މެންދުރު ނަމާދުނުކޮށްކަމުން ފެންވަރާހަދާލުމަށްފަހު ނަމާދުކޮށްލީމެވެ. ނަމާދުކޮށް ނިމިގެން އަހަރެން ކުޑަ ދޮރު ހުޅުވާލީމެވެ. ބަގީޗާއަށް ބަލަންހުރި އިރު އަހަރެންނަށް އަމަންގެ ހަނދާންތައް އާވިއެވެ. ލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވުމާއެކު އަހަރެންނަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އެ ކަމާ ނުވިސްނަން އަމިއްލަ ހިތަށް ވިސްނައިދިނީމެވެ. އެހެންނަމަވެސް އަހަރެންގެ އިޚްތިޔާރުން ބޭރުގައި ވި ހިތަށް އަހަރެންގެ އަޑު ނުފޯރަނީ ކީއްވެކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އަބަދާ އަބަދު އަމަންގެ ހިޔާލުތައް އަހަރެންގެ ސިކުނޑީގައި ރަސްކަން ކުރާކަމުގައެވެ. ދިރިއުޅުމުގައި ކާމިޔާބު ވާނީ ފަހަތަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ވިސްނުން ތެރިކަމާއެކު އަބަދުވެސް ކުރިއަށް ފިޔަވަޅުއެޅުމުން ކަމުގައި ބުނާތީ އަހަރެން އަޑު އަހަމެވެ. އެހެންކަމުން އަމަންގެ ބާބު އަހަރެންގެ ހަޔާތުން ނިންމަންޖެހޭކަމަށް އަހަރެންގެ އަމިއްލަ ނަފްސަށް ވިސްނައިދޭން އަހަރެން މަސައްކަތް ކުރީމެވެ.

ބަގީޗާ ގަސްތަކަކީ އަހަރެންނާ އަމަންގެ އެތައް ލޯބިވެތި ހަނދާންތަކެއް އެތަނަކާ ގުޅިފައިވާ ތަނަކަށް ވުމާއެކު އަހަރެން އެ ގަސްތަކުގެ ތެރެއަށް ދިޔުން މަދުކޮށްލީމެވެ. އެ ހަނދާންތަކުން ދުރުވުމަށް އެޅޭނޭ އެންމެ ރަގަޅު އެއް ފިޔަވަޅަކީ އެއީ ކަމަށް ނިންމީމެވެ. ބަގީޗާއަށް ނުނިކުތެއްކަމަކު އަހަރެން ކުޑަދޮރުކައިރީގައި ހުންނަމެވެ. އެހެން ހުންނަ އިރު އަމަން އަހަރެންނާ ބައްދަލުކުރަން އެ ކުޑަ ދޮރު ކައިރިއަށް އަންނަ ހަނދާންވިއެވެ.

ވިއްސާރަ ދުވަހެކެވެ. އަހަރެން ކުޑަ ދޮރު ކައިރީގައި މަޑުކޮށްލައިގެން ހުރީމެވެ. އޭރު އަހަރެންގެ ނަޒަރު ހުރީ ފަތާ ފެންގަނޑަށް ހުއްޓިފައެވެ. ވާރޭގެ ތިކިތައް އެއްވެސް ހުރަހެއްނެތި ބަގީޗާއަށާއި ފަތާ ފެންގަނޑަށް ހަމަލާދެމުން ދިޔަ މަންޒަރު ހިތް ގައިމެވެ. އެހެން ހުއްޓާ އަހަރެންގެ ނަޒަރު ހުއްޓުނީ ފަތާފެންގަނޑު ކައިރިއަށް ހުއްޓުނު އަންހެން މީހާއާއި ފިރިހެންމީހާއަށެވެ. ރަނގަޅަށް ބަލާލުމާއެކު އެއީ އަމަންކަން އަހަރެންނަށް ދެނެގަނެވުނެވެ. އަމަންގެ އަތުގައި ހިފާލައިގެން އޭނާގެ އަންހެނުން އަނޫޝާ ހުއްޓެވެ. އަމަންގެ ނަޒަރު އަހަރެންނާ އަމާޒުވެގެން ދިޔުމާއެކު އަހަރެންނަށް ތެޅިގަނެވުނެވެ. އަނޫޝާ އަމަންގެ މޫނުގައި ހިފަމުން އޭނާއާ ދިމާލަށް އެ މޫނު އަނބުރަން މަސައްކަތް ކުރަމުން ދިޔައެވެ. އެންމެ ފަހުން އޭނާ އަހަރެންނާ ދިމާލަށް އެނބުރެން އުޅޭހެން ހީވެ އަހަރެން އަވަސް އަވަހަށް އެއްފަރާތަށް ޖެހިލާ ނިވާވެލީމެވެ. ހަރަކާތެއް ގެންނަން ނޭނގި އެތަނުގައި އަހަރެންނަށް އެތައް އިރަކު ހުރެވުނެވެ. ކުޑަކޮށް ކައިރިއަށް ޖެހިލާ އަހަރެން ނުވާކަމަކަށް ހުރެ ބޭރު ބަލާލީމެވެ. އަމަން އޮތީ ފަތާ ފެންގަނޑުގައެވެ. ފައި ފެންގަނޑަށް ލައިގެން އަމަން އާ ދިމާލަށް ފެން ބުރުވަމުން ހެމުން ދިޔަ އަނޫޝާ ފެނުމާއެކު ކޮންމެވެސް ޖަހަލަ ހަސަދަ ވެރިކަމެއް މިފަހަރުވެސް އަހަރެންގެ ހިތުގައި ހިނގައިގަތެވެ. އަހަރެން ދެކެ އަމަން ލޯބި ނުވަނީ އޭ އަނެއްކާވެސް ހިތަށް އެރިއެވެ.

އަމަންމެން ކައިވެންޏަށް ފަހު އިޓަލީއަށް ދިޔުމުން އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އެހެނީ އަމަން ހުރި އިރު އަމަންގެ އެކި އެކި އުނދަގޫތައް އަހަރެންނާ ކުރިމަތިވަމުން ދިޔައެވެ. އަމަން ނުފެނި ދުވަސްކޮޅެއް ހޭދަކުރަން ލިބުމުން މި ދުވަސްކޮޅުގެތެރޭގައި އަހަރެންގެ ނަފްސު ހަމައަކަށް އަޅުވާލާ އަމަންގެ ހަނދާންތަކާ ދުރުވެލުމަށް ހުދު އަހަރެންނަށް ވެސް ފުރުސަތެއް ލިބޭނެއެވެ.

އަމަންމެން އިޓަލީގައި ހޭދަވި ދެ ހަފްތާއެއް ހާދުވަސް ވެސް ދިޔައީ ވަރަށް އޮމާންކޮށެވެ. ޖުނާން އަހަރެން ފެނި ބައެއް ފަހަރު ހިނިތުންވެލައެވެ. އަހަރެންގެ ހިތުގެ ހާލު ނޭނގުނެއްކަމަކު އަހަރެންނާ އަމަންއާ އޮތް ގުޅުން އެނގޭ ހަމައެކަނި މީހަކީ ޖުނާންއެވެ. އަމަން މެން އައުމުން އަނެއްކާވެސް އަހަރެންގެ ހަމަޖެހުން ގެއްލުނެވެ. އަމަން އަހަރެންނާ ވާހަކަދައްކަން ތަކުރާރުކޮށް މަސައްކަތް ކުރަމުން ދިޔައެވެ. އެއީވެސް އެފަދަ ދުވަހެކެވެ. އެތައް ދުވަހެއްފަހުން އަހަރެން ބަގީޗާތެރެއަށް ނުކުމެލީ ސިކުނޑިއަށް ކޮންމެވެސް ކަހަލަ ލުޔެއް ދިނުމަށެވެ.

އާއްމުކޮއް އަމަންއާ ބައްދަލުކުރަން އަހަރެން މަޑުކުރާ ލަކުނޑި ގޮނޑި ކައިރިއަށް އައިސް އަހަރެން އެ ގޮނޑިއަށް ބަލަން ހުރީމެވެ. އެއަށްފަހު އިށީނދެލީމެވެ. އަހަރެން އެތަނުގައި އިންނަތާ އިރުކޮޅެއް ފަހުން އަހަރެންނާ ދިމާލަށް އަމަން އަންނަތަން ފެނުނެވެ. އަހަރެންގެ ހިތުގައި ބިރުވެރިކަމެއް ހިނގައިގަތެވެ. އެހެންނަމަވެސް އަވަސްއަރުވާލައިގެން ކަމެއް ކުރާނެހާ ހިތްވަރު ނުލިބުމާއެކު އަމަންއައިސް އަހަރެންނާ ދާދި ގާތަށް ހުއްޓެން ދެން އަހަރެންނަށް އިނދެވުނީއެވެ.

"ޒާރާ" ހަމަހޭވެރިކަންވީ އަހަރެންގެ ކަންފަތުގައި އަމަންގެ އަޑު ގުގުމާލީމައެވެ. އަމަންއެތަނުގައި އިށީނދެލިއެވެ. އޭނާ ވާހަކަދައްކާލަން އަނގަހުޅުވާލާފައިވެސް އަނގަ ލައްޕާލިއެވެ. އެއަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. އޭރު ދެން ކަންހިނގާފާނެ ގޮތަކުން އަހަރެންގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހިދާނެކަމެއް އަހަރެންނަކަށް ނޭނގުނެވެ.

އަމަން އަހަރެންނަށް ބަލަން އިނެވެ. އަހަރެން އިސްޖަހާލީމެވެ. އަމަން އެއްޗެއްނުބުނުމުން މިތަނުގައި ނީދެވޭނެކަމަށްބުނެ ބަހަނާ ދައްކާފައި އެތަނުން ދިޔުމަށް އަހަރެން ތެދުވީމެވެ. އެއާއެކު އަމަން ވެސް ތެދުވިއެވެ.

"އަމަން އާ ދައްކާނެ އިތުރު ވާހަކައެއް އަހަރެންގެ ނެތް. އަދި އަމުދުން އަމަން މީހަކާ އިނދެހުރެ ތިހެން އަހަރެންނާ ބައްދަލުކުރުން ރަނގަޅުކަމަކަށް ނުވާނެ. އަނެއްކޮޅުން މިހާރު ހުރިހާކަމެއްވެސް ވަނީ ބަދަލުވެފަ. ކުރީގައި ނަމަ މި ގުޅުން ފަޅާއެރީމަ މާ ބޮޑުކަމަކަށް ނުވެވެސް ދާނެ. އެކަމަކު މިހާރު ވެއްޖެއްޔާ ވަރަށް ބޮޑުކަމެއްގެ ގޮތުގައި ފާހަގަވެގެން ދާނީ. އަމަންއަށްވެސް ރަނގަޅަކަށް މި ބުނަނީ. އަބަދު އަހަރެންނާ ތިހެން ވާހަކަދައްކަން މަސައްކަތް ކުނުރޭ. އަމަންގެ ދިރިއުޅުމަށް އެކަމުން އަސަރު ކުރާނެ. އަހަރެންވެސް އަމަން މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރާނަން" އަހަރެން އަމަންއަށް ބަލާލުމެއްނެތި ވާހަކަދެއްކީމެވެ. އެއަށްފަހު އަހަރެން ހިނގައިގަތީމެވެ.

އަމަން ފުރަތަމަ ފަހަރަށް އަހަރެންގެ އަތުގައި ހިފީ އެވަގުތުއެވެ. އަހަރެންނަށް އެއަތް ފޮޅުވާލާކަށްވެސް ނުކެރުނެވެ. އެހެންހުރިއިރު އަހަރެންގެ ހިތުގެ ހިނގުން ބާރުވިއެވެ. އަމަން ހިފެއްޓި ހިސާބުން ފަށައިގެން ކަރަންޓުގެ އޮއިވަރެއްފަދަ ފިނިކަމެއް ހަށިގަނޑަށް ފެތުރެން ނެގީ މަދު ސިކުންތު ކޮޅެކެވެ.

"ޒާރާ ޖެހޭނީ އަހަރެން ދައްކާ ވާހަކަ އަޑުއަހަން. ޒާރާ އެނގޭނެ ޒާރާއާ މެދު އަހަރެންގެ ހިތުގައި ވަނީ ކީކޭކަން. އަހަރެން މާފަށް އެދެން. އެހެން މީހަކާ އިންނަން ޖެހުނީމަ. އަދި އަދަށްވެސް އަހަރަން ބުނާނަން އަހަރެންގެ ހިތުގައި ވަނީ ހަމައެކަނި ޒާރާ. ޒާރާ! އަހަރެން ޒާރާދެކެ....."

"ހަބަރުދާރު" އަމަންގެ ވާހަކަ މެދުކަނޑާކަމުން ފަހަތުން މީހަކު ވާހަކަ ދެއްކި އަޑު އިވިފައި އަހަރެމެން ދެމީހުންނަށްވެސް ސިހުން ލިބިގެން ދިޔައެވެ.

(ނުނިމޭ...)

https://sun.mv/119978

comment ކޮމެންޓް