ޤުރުބާން ކުރީމޭ ހިތް މަގޭ ލޯބިން (14)

ގޭގެ ދޮރުމައްޗަށް އެރުމާއެކު އަހަރެންނަށް އަމަންއަށް ބަލާލެވުނެވެ. އަމަންގެ އެދުމާއެކު އޮޅިގަނޑު ގިރާކޮށްލުމަށްފަހު އަހަރެމެން ދެމީހުން އެތެރެއަށް ވަނީ އެކަކު އަނެކަކުގެ އަތަށް ބާރުކޮށްލަމުންނެވެ. އަހަރެމެން ވަތް ވަގުތަކީ އަލްމަޢިއްޔާއަށް އަހަރެމެންނާ ދިމާލަށް ބަލާލެވުނު ވަގުތެވެ. އަހަރެން ފެނިގެން އޭނާގެ މޫނުމައްޗަށް ވެރިވި ހައިރާންކަން ވަގުތުން ފޮރުވާލާ ނިކަން އަވަސް އަވަހަށް ތެދުވީ ރުޅިވެރިމޫނެއް ދައްކާލަމުންނެވެ. އޭނާގެ ފަހަތުން ތެދުވި އަނޫޝާ ފެނުނީ ދެނެވެ. ރުޅިވެރިކަމުން ފުރިގެންވީ މޫނަކާއެކު އަލްމަޢިއްޔާ އަހަރެންނާ ދިމާލަށް ހިނގާފައި އައި ގޮތުން އަމަންގެ އަތަށް ބާރުކޮށްލުމާއެކު ކުޑަކޮށް އަމަންގެ ފުރަގަހަށް ވަދެ ނިވާވެވުނީ ބިރުގަތްވަރުންނެވެ.

އަހަރެންގެ އަތުގައި ހިފާ އަމަން އެއްފަރާތަކަށް އަހަރެން ޖައްސާލީ ހާސްނުވާށޭ ބުނާފަދައަކުންނެވެ. އަލްމަޢިއްޔާގެ ނަޒަރުގެ ސަބަބުން އަހަރެން ހާސްވެފައި ހުރިއިރު އެ ހާސްކަމަށް އިތުރު ބޮޅެއް އިތުރުވެގެން ދިޔައީ އަނޫޝާވެސް ހުރުމުންނެވެ. އަމަންއަށް ބަލާލުމަށްފަހު އަލްމަޢިއްޔާއަށް ނަޒަރު ހުއްޓާލިއިރު އޭނާ އައިސް އަމަންއާ އަރާ ހަމަވަނީއެވެ. އަމަންގެ ކޯތާފަތް މައްޗަށް އަލްމަޢިއްޔާގެ އަތުގެ ހޫނު ހަމަލާއެއް އަމާޒުވާން އުޅުމުން އަހަރެންނަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ދެން ހުޅުވާލިއިރު އަމަން ހުރީ އެ އަތުގައި ހިފައްޓައިގެންނެވެ. އަލްމަޢިއްޔާގެ ބާރު އަޑު ގޭތެރޭގައި ގުގުމައިގަތެވެ. އެއާއެކު ގޭގައި އުޅޭ އެންމެންވެސް ނުކުމެއްޖެއެވެ.

އަމަންގެ ބައްޕަ ކުރިއަށް ޖެހިލާ ސުވާލުކޮށްލުމާއެކު އަމަން އަހަރެންނަކީ އޭނާގެ އަންހެނުންނޭ ބުނެލިއެވެ. އަމަންގެ ޖުމްލައިން އަނެއްކާވެސް ހީވީ އެތަނުގައި ކުޑަވަރެއްގެ ބޮމެއް ގޮވިހެންނެވެ. އަލްމަޢިއްޔާ ދެވަނަ ފަހަރަށް ހަޅޭއްލަވައިގަތްއިރު އެކަކު އަނެކަކަށް ބަލާލާފައި ބޮލުން އެތަކެއް އިޝާރާތެއް ކުރަން ފެށިއެވެ. އަހަރެންގެ ހާސްކަން ދެގުނަވެ އަމަންގެ އަތުގެ ތެރޭގައި ހައްޔަރުވެފައި އޮތް އަހަރެންގެ އަތް ދަމައިގަންނަން މަސައްކަތް ކުރީމެވެ. އެހެންނަމަވެސް އަހަރެންގެ އަތަށް ލުޔެއް ނުދީ އަމަން ހުރީ އަހަރެންގެ އަތުގައި ބާރަށް ހިފައްޓާލައިގެންނެވެ.

"އަހަރެންވެސް ގޭން ނެރެލާނީތަ؟ ދޮންތަ ގޮތަށް؟" އަމަންގެ ސުވާލު އަމާޒުވީ އަލްމަޢިއްޔާއަށެވެ. އޭނާ އަވަސް ނަޒަރެއް މަޖުހޫދަށްވެސް ދިނެވެ. އަމަންގެ ސުވާލާއެކު އަމަންގެ ބައްޕަ އަނަޤުގެ އެއްފަރާތުގައި ހުރި ޒިޔާމާ ދެލޯބޮޑުކޮށްލިއެވެ. ހަމައެއާއެކު އަނަޤުގެ މޫނުމަތިން ހިސާބެއްގެ ހިތްދަތިކަމެއް ފެނުނުއިރު މަޖްހޫދުވެސް ދެފަރާރަށް ބޯ ހޫރާލިއެވެ. އަނެއްކޮޅުން ޖުނާނު ނިތުގައި އަތް ޖައްސާލިއެވެ. އޭނާގެ ހަރަކާތްތައް ހުރި ގޮތުން މި ކައިވެނީގެ ކަންތައްތައް އޭނާއަށް އެނގޭކަން ދެނެގަނެވުނެވެ. އަހަރެންގެ އަތުގައި ހިފައިގެން އަމަން އެތެރެއަށް ހިނގައިގަތުމާއެކު އަލްމަޢިއްޔާ އަމަންއަށް ބަލާލާ ވާހަކަ ދެއްކިއެވެ.

"އަމަންގެ ދަރިއަކަށް އަނޫޝާ ބަލިވެ އިންދާ ވަރިކޮށްލާފަ އެއްލާލާފަ ފާޑެއްގެ މީހަކު ގެއަށް ގެންނަން އަހަރެންގެ ހުއްދަ ދުވަހަކުވެސް ނުލިބޭނެ. " އަލްމަޢިއްޔާގެ އަޑު ބާރުވިއެވެ.

"ކޮން އިރަކުތަ އަހަރެން ހުއްދައަކަށް އެދުނީ؟" އަމަންވެސް ދޫދޭން ބޭނުންނުވާ ފަދައެވެ. އަމަންއަށް އައި ބަދަލު ދެނެގަންނަން އުނދަގޫވެފައި ތިބި ފަދަ ގޮތަކަށް އެންމެން ތިބިއިރު އަލްމަޢިއްޔާގެ މޫނުމަތި ވަކިން ބޮޑަށް ބަނަވެގެން ދިޔައެވެ.

"އެހާ ދަށްފެންވަރުގެ އަންހެނެއް މިގެއަށް ވެއްދުމުގެ އެއްވެސް ހުއްދައެއް އެކަކަށްވެސް ނޯންނާނެ. އަމަންއަށް ކަމަށް ވިޔަސް" އަނަޤުއަށް ބަލާލަމުން އަލްމަޢިއްޔާ ބުނެލުމާއެކު އަނަޤު ދުރުބަލާލިތަން ފެނުނެވެ. އަލްމަޢިއްޔާ އާއި ދާދި ގާތަށް ހުއްޓިލާފައި ކަންފަތް ދޮށަށް ގުދުވެލުމަށްފަހު އަމަން ވާހަކަ ދެއްކިއެވެ.

"އަހަރެން ނޫނީ ޒާރާ މިގެއިން ނެރެން މަސައްކަތް ކޮށްފިނަމަ އަހަރެން ފަޅާއަރުވާލާނަން ދޮންތަ މަރުނުވާކަމަށް. އަހަރެންގެ އަނގަ މަޑުން ލައިގެން ހުންނަން ބޭނުންވެއްޖެނަމަ ރީތިކޮށް އަހަރުމެން ދެމީހުން މިގޭގަ އުޅުނަ ދީ. ޒާރާ އަކީ މިހާރު ނޯކަރެއް ނޫން. އެއީ އަހަރެންގެ އަންހެނުން. އަމަންގެ އަނބިމީހާ." އަމަންގެ ޖުމްލައިން އަލްމަޢިއްޔާއަށް ތެޅިގަނެވުނެވެ. އެގޮތުން އޭނާ ވަށައިގެން ހޯދާލީ މީހަކަށް އަޑު އިވިދާނެތީ އުޅޭނެ ފަދަގޮތަކަށެވެ. އޭރު އެހެން އެންމެންގެ މޫނުމަތިން ފެންނަނީ އަމަން ބުނި އެއްޗެއް ނޭނގުމުގެ ސަބަބުން ކަންބޮޑުވެފައިވާ ފަދަ އަސަރެކެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ މި ވީ ހާތަކަށް މީހަކު އަލްމަޢިއްޔާއަށް ޝޮކެއް ލިބޭވަރުގެ ހަބަރެއް ނުދޭ ވިއްޔާއެވެ.

އަހަރެންގެ އަތުގައި ހިފައިގެން އަމަން އެތެރެއަށް ހިނގާފައި ދިޔައިރު އަހަރެން އިސްޖަހާލައިގެން ހުރީ އިސްއުފުލާލާނެހާ ހިތްވަރު ނުލިބިފައެވެ. އަމަން އަހަރެން ގޮވައިގެން ސިޑިން މައްޗަށް އަރާ ގޮސް ހުއްޓުނީ އޭނާގެ ކޮޓަރީގެ ދޮރުކައިރީގައެވެ. ދޮރު ހުޅުވާލަމުން އަހަރެންވަނުމަށް ތަން ދައްކާ އަމަން ހިނިތުންވެލިއެވެ. އަމަންގެ އެ ހިނިތުންވުމާއެކު އަހަރެންނަށް ހަމަޖެހުން ލިބިގެން ދިޔައެވެ.

"އެގޭތެރެއިން ދެން އަހަރެންނާ ކުރިމަތިވާނީ ކޮން ކޮން ކަންތައްތަކެއް ކަން ނޭނގި އަހަރެންނަށް އަނެއްކާވެސް ވިސްނެން ފެށުނެވެ. މާ ގިނަ އިރެއްނުވިއެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި އަނޫޝާ ވަނެވެ. އޭރު އޭނާގެ ދެލޮލުން ހީވަނީ އަލިފާން ކަނި ބުރާހެންނެވެ. އަހަރެންނަށް ބަލާލުމާއެކު ވާހަކަ ދެއްކިއެވެ.

"މީ އަހަރެންގެ ކޮޓަރި. ގޮތް ކުޑަ ލަދުކުޑަ އަންހެނާ. ހަމަ މިހާރު ނުކުމޭ" އަނޫޝާ އަހަރެންނާ ދިމާލަށް ހިނގައިގަތުމުން އެކަމަށް ހުރަސް އެޅީ އަމަންއެވެ. އޭނާ އަހަރެމެން ދެމީހުން ދެމެދަށް ވަނެވެ.

"އަހަރެންނާ އަމަންގެ ދޭތެރެއަށް އެއްވެސް މީހަކަށް ނުވަދެވޭނެ. އެމީހަކު ޖެހޭނީ މަރުވާން. ކީކޭ މި ބުނީ މަރުވާންނޭ ޖެހޭނީ" އަނޫޝާ ހަޅޭއްލަވައިގަތެވެ.

"އަހަރެންނަކަށް ހިޔެއް ނުވޭ ތިއުޅެނީ ލޯތްބަކުންހެނެއް. ލޯބިވާ މީހުން ތިހެނެއް ނޫޅޭނެ. އަދި އެހާ އަހަރެން ބޭނުންވަންޏާ ބަނޑުގައި އަހަރެން ނޫން މީހެއްގެ ކުއްޖެއް ވެސް ނޯންނާނެ." އަނޫޝާގެ އަތް ހޫރާލަމުން އަމަން ވެސް ހަޅޭއްލަވައިގަތެވެ.

އަނޫޝާ ނުކުމެގެން ދިޔައީވެސް އޭނާގެ އިންޒާރު ތަކުރާރު ކޮށްލާފައެވެ.

އަހަރެން އެގޭގައި އުޅުނުކަމުގައިވިނަމަވެސް ބޭރަށް ނުކުންނަނީ ވަރަށް މަދުންނެވެ. އަމަން ނޫޅޭ ވަގުތު ތަކުގައި އެއްގޮތަކަށްވެސް ނުނިކުންނަމެވެ. ކޮޓަރީގެ ހަތަރު ފާރުގެ އެތެރޭގައި އަހަރެން ގިނަ ވަގުތު ހޭދަ ކުރަމުން ދިޔައީމެވެ. ގޭތެރޭގެ މާހައުލުގައި އުފެދިގެން އުޅޭ ނުތަނަވަސް ކަމާ ހެދި ކާ ވަގުތު ކާންވެސް ނުނިކުންނަމެވެ. އަމަން އާދޭސް ކުރިނަމަވެސް އަހަރެން އެގޮތާ ދެކޮޅު ހެދީމެވެ. އަމަންއާ އެކު ބޭރަށް ދާންވެގެން ނުކުތް ދުވަހެކެވެ. ތަންކޮޅެއް ދުރުގައި ހުރި ޒުބައިދާ ދައްތަ އަހަރެންނަށް ފެނުމާއެކު ހިނިތުންވެލީމެވެ. އެހެންނަމަވެސް އަހަރެންނަށް ބަލަން ހުރެލާފައި އިރުކޮޅަކުން ޒުބައިދާ ދައްތަވެސް އޭނާގެ މޫނުމަތި ބަނަކޮށްލީއެވެ. ބޭރުން އާދެވުނީ އެރޭގެ ކެއުމުގެ ވަގުތަށެވެ. ވަރިކުރިނަމަވެސް އަދިވެސް އަނޫޝާ ދާކަށް ނޫޅުނެވެ. އަލްމަޢިއްޔާގެ ފުރިހަމަ ތާއީދާ އެއްބާރުލުމާއެކު އަދިވެސް އެގޭގައި ރަސްކަން ކުރަނީ އަނޫޝާއެވެ. އެ ގޮތް ބަދަލުވާންޖެހޭކަމަށް އަމަން އަހަރެން ގާތު ބުނަމުން އަހަރެންގެ އަތުގައި ހިފާ ކާގޭގެ މޭޒާ ދިމާލަށް ހިނގައިގަތެވެ. ހުސްކޮއް ހުރި ދެ ގޮނޑި ދަމާލާ އޭނާއެއްގޮނޑީގައި އަހަރެން ބޭންދިއެވެ. އެއަށްފަހު އަނެއް ގޮނޑީގައި އިށީނެވެ. އަލްމަޢިއްޔާ އެއްޗެއް ބުނަން އަނގަ ހުޅުވާލާފައި ވެސް މަޑުމައިތިރިކަން ހިޔާރުކުރިއެވެ. އަމަންގެ އިންޒާރުގެ މަތިން އޭނާ އަދިވެސް ހަނދާން ނުނެތޭ ފަދަ އަސަރުތައް އެމޫނުމަތިން ފާޅުވަމުން ދިޔައެވެ. އަނޫޝާއަށް ބަލާލާ ބޯ ޖަހާލިތަން ފެނުނެވެ. ކާން ނުކެރި އަތެއް ފަޔެއް ގުޑުވާލަން ނުކެރި އަހަރެން އިންދާ އަމަން އަހަރެންގެ އަތުގައި ކޮށްޓާލިއެވެ. އޭރު ހަމަ ރަނގަޅަށްވެސް އަހަރެންގެ ދެފައި ކޮޅު ދިޔައީ ތުރު ތުރު އަޅަމުންނެވެ.

އަހަރެމެން ދެމީހުން ކައި ނިންމާލާފައި ދެން ދިޔައީ ޓެރެސްއަށެވެ. ޖައްވުތެރޭގައި ހުރި މަޑު ތެތްކަމުގެ ސަބަބުން އަރާމު ވިނަމަވެސް ހަށިގަނޑުގައި ވި ނުތަނަވަސްކަމަށް އެއްވެސް އަރާމެއް ނުލިބުނެވެ. ލުޔެއް ނުލިބުނެވެ. އަމަން އައިސް އަހަރެންގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ. އަމަންގެ މަގްސަދާ ބެހޭގޮތުން އަހަރެން ސުވާލުކުރީ އެވަގުތެވެ. އަމަންގެ މަޤްސަދަކީ އަލްމަޢިއްޔާގެ ނުބައި ރޭވުންތައް ފަޅާއަރުވާލާ އޭނާއަށް ދޭން ޖެހޭ އެންމެ ހައްގު އަދަބު ދިނުން ކަމުގައި ބުންޏެވެ. އަލްމަޢިއްޔާއަކީ ބާރުގެ ބޭނުންކޮށްގެން އޭނާ ބޭނުންވާ ގޮތަށް ހުރިހާ ނިންމުމެއް ނިންމަމުން ގެންދާ ނުފޫޒު ގަދަ މީހެކެވެ. އޭނާއަށް އެކަމުގައި އެހީތެރިވުމުގެ ގޮތުން އެންމެ ފުރަތަމަ ހަޤީގަތް ކިޔަދޭން ޖެހޭނީ ޖުނާންއަށެވެ. ކަންދިމާކުރިގޮތުން އެރޭ އެތަނުގައި އަހަރެމެން ދެމީހުން ތިއްބާ ޖުނާން ވެސް މައްޗަށް އެރިއެވެ. އަމަން އަހަރެންގެ އުނަގަނޑުން އަތް ނައްޓާލިއެވެ. އެއަށްފަހު އެތަނުގައި ހުރި ގޮނޑިތަކާ ދިމާލަށް އިޝާރާތް ކޮށްލަމުން ހިނގައިގަތެވެ. އެކަކު އަނެކަކަށް ބަލާލާފައި އަހަރެމެން ދެމީހުންވެސް އަމަން ފަހަތުން ގޮސް އިށީނީމެވެ. އަހަރެންނަށް ބަލާ ބޯ ޖަހާލުމަށްފަހު އަމަން ހަޤީގަތް ޖުނާންއަށް ކިޔައިދޭން ފެށިއެވެ. ޖުނާންގެ މޫނުމަތިން ވެސް ފެނުނީ ރުޅިވެރިކަމާއި ހާސްކަމެވެ.

ވިސާމް އާއި ރިޝްފާގެ ހަޤީގަތް ކިޔައިދިނުމަށްފަހު ވިސާމް އަށް ގުޅާ އަހަރެމެން ރިޝްފާގާތަށް ވެސް އެރޭ ޖުނާން ގެންދިޔައީމެވެ. އަލްމަޢިއްޔާއަށް ރަނގަޅު ފިލާވަޅެއް ދޭން އަހަރެމެން ރޭވީ ރިޝްފާ ބާއްވާފައި ތިބި ގޭގައި ތިބެގެންނެވެ.

ހަފްތާއެއް ފަހެވެ. މި ހަފްތާ ތެރޭގައި އަމަން ނޫޅޭ ގަޑީގައި އަނޫޝާގެ އުނދަގޫ އަހަރެންނަށް ނުހަނު ޖެހުނެވެ. ގޭތެރެއިން މުޅިންވެސް އަހަރެންނަށް ލިބެނީ ނުތަނަވަސްކަމާއި ހާސްކަމެވެ. ވުމާއެކު މިއަދު އަހަރެން ބޭނުންވީ ބަގީޗާ ގަސްތަކުގެ ތެރެއަށް ނުކުމެލާ ހިންހަމަ ޖައްސާލާށެވެ. އެހެންކަމުން އަހަރެން އިރުއޮއްސުނު ގަޑީގައި ރީތިވެލައިގެން ގޭގެ ބިއްދޮށު ދޮރުން ނުކުތީމެވެ. އަހަރެންނާ އަމަން ބައްދަލުކުރި ލަކުނޑި ގޮނޑިއާ އަރާހަމަވެފައި އޭގައި އަހަރެން އިށީނީމެވެ. އެއަށްފަހު އެ މާހައުލަށް ނަޒަރު ހުއްޓާލީމެވެ. ގަސްތަކުގެ މާ ތަކުގެ މީރުވަހުން މާހައުލަށް ދިރުން ގެނެސް ދީފައި ވާއިރު ފަޒާގައި ގުގުމަމުންދިޔަ ދޫނިސޫފާސޫފީގެ އިތުރުން ކުދި ކޮކާތައް އެ މާހައުލު ފަޅު ފިލުވަމުން ދިޔައެވެ. ތަންކޮޅެއް ދުރުގައި އަހަރެންނަށް ބަލަހައްޓައިގެން ދެ ނޯކަރު އަންހެން ކުދިން ވާހަކަ ދައްކަން ތިބެފައި ދިޔުމުން އަހަރެންގެ ހަޔާތާ މެދު ވިސްނަން އަހަރެންނަށް އިނދެވުނީ އެ މާހައުލުގައި ވި ހަމަހިމޭން ކަމުގެ ސަބަބުންނެވެ. ގުދުރަތުގެ ރީތިކަމުގެ ނަމޫނާއެކެވެ. އަހަރެން އެހެން އިނދެފައި ފަތާ ފެންގަނޑާ ދިމާލަށް ނަޒަރު ހުއްޓާލީމެވެ. މަޑުމަޑުން ފިޔަވަޅު އަޅަމުން ގޮސް އަހަރެން ފަތާ ފެންގަނޑު ކައިރީގައި ހުއްޓިލީމެވެ. އޭރު ފަހަތުން މީހަކު އަހަރެންނަށް ފާރަލަމުން ދިޔަކަމެއް ނުދެނަހުރީމެވެ. ވިއްސާރަރެއެއްގައި އަމަން ފަތާ ފެންގަނޑުގައި ހަރަކާތްތެރިވަމުން ދިޔަ މަންޒަރު މަޑުމަޑުން ލޮލުގެ ކުރިމައްޗަށް ސިފަވުމާއެކު ބޭއިޙްތިޔާރުގައި ހިނިތުންވެވުނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އަހަރެންގެ ހިނިތުންވުން ފަނޑުވެ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަނެވުނީ ފަހަތުން މީހަކު އަހަރެން ކޮއްޕާލުމާއެކުގައެވެ. ފަތާފެންގަނޑުގެ ތެރެއަށް އަހަރެން ޖެހުމާއެކު ހާސްވެ ބިރުން ތެޅި ފޮޅެން ފެށުނެވެ. ފަތަން ނޭނގޭތީ އާ ފެންގަނޑު ފުންކަމުން އަހަރެންނަށް ހިސާބަކަށް ފެން ބޮވެމުން ދިޔައެވެ. މަދަދަށް އެދޭ ހާލު އަހަރެން ސަލާމަތަށް އެދި ހަޅޭއްލަވަން ފެށީމެވެ. ފުސްކޮށް އަނޫޝާގެ ސޫރަ އަހަރެންނަށް ފެނުނެވެ.

ހަޅޭއްލަވަމުން ދިޔުމުގެސަބަބުން އަހަރެންގެ ހަށިގަނޑުގެ ހަކަތަ ހުސްވިއެވެ. މަޑުމަޑުން އަޑިއަށް ދާން ފެށިއިރު ލޯމައްޗަށް އަނދިރިވިއެވެ. އެކަމަކު އެކީ އެ އަނދިރިކަން ވެރިވުމުގެ ކުރިން ކޮންމެވެސް މީހަކު އައިސް އަނޫޝާ ދުރަށް ޖައްސާލަމުން ފެންގަނޑުގެ ތެރެއަށް ފުންމާލިކަން އެނގުނެވެ.

ހޭލެވުނީ ހޮސްޕިޓަލުގައި އޮތްވައެވެ. ގާތުގައި ތިބީ އަމަންއާއި ޖުނާންއެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމެވެ. ވީގޮތާ ބެހޭގޮތުން އަމަން އަހަރެންނާ ސުވާލުކުރުމުން އަހަރެން ހުރިހާ ވާހަކައެއްވެސް ކިޔައިދިނީމެވެ. އެއީ އަނޫޝާގެ ފުރަތަމަ ހަމަލާކަން އަހަރެމެންނަށް ޔަގީން ކުރެވުނެވެ. އަލްމަޢިއްޔާގެ އެހީތެރިކަން ލިބޭ ހާ ހިނދު އަނޫޝާ އާ ދެކޮޅަށް ކަންތައް ކުރުމަކީ ކިހާ އުނދަގޫކަމެއްކަން އަހަރެމެންނަށް އެނގެމުން ދިޔައެވެ.

ނަސީބަކުން މާ ބޮޑު ކަމެއް ނުވާތީ އައިވީ ހުސްވުމާއެކު އަހަރެންގެއަށް ފޮނުވާލެވުނެވެ. އެ ހަމަލާއަށްފަހު އަނޫޝާގެ އަނގަ ބަންދުކުރާނެގޮތަކާ މެދު ވިސްނެން ފެށެނެވެ. އެގޮތުން ހަތިޔާރަކަށް އަލްމަޢިއްޔާ ބޭނުން ކުރަން ޖުނާން ލަފާ ދިނީ އެވަގުތެވެ. އަހަރެމެން ގެއަށް ދިޔައިރު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ގޭގެ ބޮޑުކޮޓަރީގައި އޭރު އެންމެންވެސް ތިއްބެވެ. އަހަރެންއަމަންގެ ފަހަތުން ދިޔައީމެވެ. އަމަން ގޮސް ސޯފާގައި އިށީނުމާއެކު އަހަރެންވެސް އެއްފަރާތުގައި އިށީނީމެވެ. ޖުނާންވެސް އައިސް އިށީނެވެ.

"ދޮންތަ މަތިން އެއްވެސް މީހަކު ހަނދާން ނުވަނީތަ؟" އަމަން އަލްމަޢިއްޔާއަށް ބަލާލިއެވެ. އެއާއެކު އަލްމަޢިއްޔާގެ މޫނުމަތިން ހާސްކަން ފެނުނެވެ.

"އަމަން ކޮންފަދަ ވާހަކަ އެއްތަ ތި ދައްކަނީ؟ އަހަރެމެންގެ ހިތާމަތައް އަލުން އަނެއްކާ އިޔާދަ ކުރާނެ ގޮތެއް ނޭނގިގެން ތަ ތިއުޅެނީ. އެންމެ ފަހު ފަހަރަށް އެ ދަރިފުޅުގެ މޫނުބަލާލުމުގެ ފުރުސަތުވެސް އަހަރެމެންނަށް ނުލިބުނުކަން ހަނދާން ކޮށްދީގެން އަމަންއަށް އެކަމުން ކުރަނީ ކޮން ފައިދާއެއްތަ؟ އަމަންއަށް ތިއައީ ކޮންފަދަ ބަދަލެއްތަ؟ އަމަންގެ ދަރިއަކަށް އަނޫޝާ ބަލިވެ އިންދާ ވަރިކޮށްލާފައި ގޭގައި ގެންގުޅުނު ނޯކަރު އަންހެންކުއްޖާއާއި އަމަން ކައިވެނި ކުރީ އަހަރެމެންގެ ނިކަމެތިކަން ހާމަކުރަންތަ؟ މަލަން އަޅާ ފައިވާ އަހަރެމެންގެ ޒަޙަމްތަކުން ލޭ އޮޚޮރުވާތިލަނީ އެކަމުން އަމަންއަށް ކޮން ކަމެއް ހާސިލްވާތީތަ؟" އަނަޤުގެ އަޑު މިފަހަރު އެތަނުގައި ގުގުމާލިއިރު އޭނާ އިނީ އޭނާގެ އަންހެނުންގެ އަތަށް ބާރުކޮށްލައިގެންނެވެ. އަލްމަޢިއްޔާ އޭނާގެ ނިތުގައި ހުރި ދާތިކިތައް ފުހެލިކަން އެނގުނެވެ.

"ބައްޕަމެންގެ ޒަޙަމްތައް ފަސޭހަ ކުރާނެގޮތެއް އަޅުގަނޑަށް އެނގެޔޭ ބުނެފިއްޔާ ބައްޕަ ގަބޫލު ކުރާނަންތޯ؟ ދޮންތަ.... ދޮންތަގެ މޫނު ބައްޕައަށް ފެންނާނޭގޮތް ހަދާދޭނަމޭ ބުނެފިއްޔާ ބައްޕަ އެ ފުރުސަތު އަޅުގަނޑަށް ދެއްވަފާނަންތޯ؟ ދޮންތަ ގާތަށް އަޅުގަނޑު ބައްޕަ ގެންގޮސް ދީފިއްޔާ އަޅުގަނޑު ދައްކާ ވާހަކަ ބައްޕަ ގަބޫލުކުރާނަންތޯ؟" އަމަން ވާހަކަ ދެއްކީ އަބަދުވެރިކަމާއެކުގައެވެ. އަމަންގެ ވާހަކައިން މަޖްހޫދުއަށް އަމަންއަށް ގޮވާލެވުނެވެ. ގޭތެރޭގެ މާހައުލު އިތުރަށް ހަލަބޮލުކުރަން އެފަދަ ވާހަކަ ނުދެއްކުމަށް ނަސޭހަތް ތެރިވިއެވެ.

"އަމަން ކީކޭ ތިކިޔަނީ؟" އަލްމަޢިއްޔާއަށް އަހާލެވުނެވެ.

"އަޅުގަނޑު މިކިޔާ އެއްޗެއް ވެސް އެންމެ ރަނގަޅަށް އެނގިލައްވާނީ މާމައަށް ނޫންތޯ؟ ދޮންތަ ދުނިޔެ ދޫނުކުރާއިރު މާމަ އެފަދަ ވާހަކައެއް ހޯދައިގެން ދައްކަވަންވީ ސަބަބެއް އެއްގޮތަކަށް ވެސް ނޭނގުނު؟" އަމަންގެ ހަމަލާ އަލްމަޢިއްޔާއަށް އަމާޒުވުމާއެކު އޭނާ ކުއްލިއަކަށް ގޮނޑިން ތެދުވިއިރު ތަނުގައި ހީވީ ކުޑަވަރެއްގެ ބޮމެއް ގޮވިހެންނެވެ.

"ސުވާލަށް ދޭނެ ޖަވާބެއް މާމަ އަތުގެ ނެތްތޯ؟" އަމަން މަލާމާތުގެ ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އަލްމަޢިއްޔާ ރުޅިވެރިކަމާއެކު ބަލާލީ އަހަންނަށެވެ. އެއާއެކު ވަގުތުން އަހަރެން އިސްޖަހާލީމެވެ. ދެއަތް ދެއަތާ މޮޑެން ފެށުނުއިރު ތުންފަތުގައި ދަތް އަޅައިގެން އިންލެއް ބާރުކަމުން ތުންފަތް ކަނޑައިގެން ގޮސް އަނގައިގައި ލޭ ރަހަލާން ފަށައިފިއެވެ.

"ވިސާމް ގެ ފަރާތުން އެނގުނު މިންވަރަކަށް އޭރު ވެސް އޮންނާނީ ކިޔައިދީފައ، އަމަން ކީކޭތަ ތި ކިޔަނީ" އަލްމަޢިއްޔާ އޭނާ ދިފާއުކުރިއެވެ.

"މިހިރެ އަންހެނާ އާ ޖެހި މަގޭ ދަރި ހަލާކުވެއްޖެ. އަހަރެންނާ ޖަދަލު ކުރަން އެ ހިތްވަރު އަމަން އަށް އެ ލިބެނީ މިހިރަ ނުލަފާ އަންހެނާ އާ ހެދި" އަހަރެންނަށް ބަލާލުމާއެކު އަލްމަޢިއްޔާ ހަޅޭއްލަވައިގަތެވެ. އަދި އޭނާ ދުރަށް ހިނގައިގަތެވެ. ފަހަތުން އަނޫޝާވެސް ހިނގައިގަތީ އަހަރެންނަށް ބަލާލާފައެވެ.

"ދޮންތަ މަރެއްނުވޭ. އިތުރަށް އެއްވެސް އެއްޗެއް އޮޅުން ފިލުވަން ބައްޕަމެން ބޭނުންވެލައްވާނަމަ އަޅުގަނޑަށް އަންގާލަދީ" އަމަން އަހަރެންގެ އަތުގައި ހިފައިގެން ހިގައިގަތެވެ.

"ޖުނާން ކިހިނެތް ވެގެން މިއުޅެނީ؟" އަނަޤު އަހާލި އަޑު އިވުނެވެ.

"ބައްޕަގެ ސުވާލުތަކުގެ ޖަވާބު ދެވޭނީ ދޮންބެއަށް ހެން އަޅުގަނޑަށް ހީވަނީ" ޖުނާން ވެސް އެހެން ބުނަމުން އަހަރެމެންގެ ފަހަތުން ހިނގައިގަތީއެވެ. އެ އެންމެން ސުވާލު މާކުތަކެއްގެ ތެރެއަށް ވައްޓާލުމަށްފަހު އަމަން އައުމުން އެހެން އެކަންތައް ކުރީ ކީއްވެގެންތޯ އަމަންއާ ސުވާލުކުރީމެވެ.

"އަސްލު ބޭނުމެއްނުވި ކުރާކަށް. އެކަމަކު އަލްމަޢިއްޔާ ފެނުމުން އަމިއްލަ ނަފްސު ނުހިފެއްޓުނީ..." އަމަން ބުނެލިއެވެ. އަހަރެން އައިސް އަމަންއާ ދާދި ގާތަށް ހުއްޓުނީމެވެ.

ޓެރެސްގައި އަމަންއާއެކު މަޑުކޮށްލައިގެން ހުރި ރެއެކެވެ. އަމަން އަށް ފޯނެއް އައުމާއެކު އޭނާ ތިރިއަށް ގޮސް އެބައަންނަމޭ ކިޔާފައި ދިޔުމާއެކު އުޑުމައްޗަށް ނަޒަރު ހުއްޓާލައިގެން އަހަރެން ހުރީމެވެ. އުޑުމަތީގައި ފިޔަޖަހަމުން ދިޔަ ތަރިތަކުގެ ވިދުންތަކުގެ ސަބަބުން ހީވަނީ ކުދި ކުދި ޖަވާހިރުތަކެއް އުކާލާފައި ހުރިހެންނެވެ. ހަނދުގެ އަލިކަމުގެ ސަބަބުން ބޮކި ނުދިއްލާ ހުއްޓެއްކަމަކު ރީތިކޮށް އަލިވެއެވެ. ޓެރެސްގައި މަޑުކޮށްލައިގެން ހުރެފައި އަހަރެން ގަޑި ބަލާލީމެވެ. އަމަން ދިޔަތާ ފަސްމިނިޓް ވެއްޖެއެވެ. އަދިވެސް ހަބަރެއްނުވެއެވެ.

އަހަރެން ދާން ވެގެން އެނބުރިލީމެވެ. އެއާއެކު ކުރިމަތީގައި ހުރި މީހާ ފެނި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

އަހަރެންގެ ކުރިމަތީގައި ހުރި އަނޫޝާގެ މޫނުމަތިން ފެންނަނީ ތަފާތު ވިދުވަރެކެވެ. އޭނާގެ ދެލޯ އެ އަނދިރިކަމުގެ ތެރޭގައި ވިދަމުންދިޔަ ގޮތުން އަހަރެންގެ ހިތަށް ބިރުވެރިކަން ވަތް އިރު އެ ބިރުވެރިކަން ދެގުނަ ވެގެން ދިޔައީ އަނޫޝާގެ އަތުގައި އޮތް ވަޅީގެ ތޫނު މިޔަ ފެނުމުންނެވެ. ނުލަފާ ހިނިތުންވުމަކާއެކު އަނޫޝާ އަހަރެންނާ ގާތަށް ފިޔަވަޅެއް އަޅާލިއެވެ. އަހަރެން ފަހަތަށް ޖެހިލީމެވެ. އަނޫޝާ އަހަރެންނާ ދާދި ގާތަށް އައިސް ހުއްޓެމުން ވަޅި އަހަރެންގެ ދެލޮލާ ނުހަނު ގާތް ކޮށްލިއެވެ. ބިރުން ވިރި ވިރި ހުރި އަހަރެންނަށް ހަދާނެގޮތް ނޭނގި ދެލޯ ބޮޑުކޮށްލެވުނުއިރު އަހަރެންގެ ދެފައިން ވާގި ދޫވެގެން ދިޔައެވެ.

އަނޫޝާ އެއްޗެއް ބުނަން އަނގަ ހުޅުވާލިނަމަވެސް އެކަން އޭނާއަށް ނުކުރެވުނީ އަލްމަޢިއްޔާ އައި ބާރުމިނުގައި އައިސް އަނޫޝާ އަތުން ވަޅި އަތުލާ އަހަރެންގެ ބަނޑަށް ހަރާލުމާއެކުގައެވެ. އަހަރެންގެ ވޭނީ ހަޅޭކުގެ އަޑު މުޅި ޓެރެސްމަތީގައި ގުގުމާލިއިރު އަމަންއޭ ކިޔާ ބާރަށް ހަޅޭއްވެސް ލަވައިގަނެވުނެވެ. އޭރު އަނޫޝާވެސް ހުރީ ޝޮކެއް ލިބިފައި ހުރި ފަދައަކުން ދެލޯ ބޮޑުކޮށްލައިގެން ހަރަކާތެއް ގެންނަން ނޭނގިފައެވެ.

ދެވަނަ ފަހަރަށްވެސް އަލްމަޢިއްޔާ އެ ވަޅީގެ ހަމަލާ އަހަރެންނަށް އަމާޒުކޮށްލިއެވެ. އަހަރެންގެ މެއާ ދިމާލަށެވެ. ބަނޑަށް ވެރިވެފައިވާ ތަދާއެކު ވެސް ދެލޯ މަރާ ފިއްތާލާ އަހަރެންގެ ދިފާއިގައި ވާއަތް ބޭނުންކުރީމެވެ. ކަނާއަތުން ބަނޑުގައި އަތް އަޅައިގެން އޮވެ ގުދުވަމުން އަހަރެން ދިޔައީމެވެ. އަހަރެންގެ މެއަށް ހަމަލާ އަރައިގެން ނުދިޔައީ ކޮންމެވެސް މީހަކު އައިސް އަލްމަޢިއްޔާ ދުރަށް ކޮށްޕާލުމާއެކުގައެވެ. ދެލޮލަށް ފުސްވަމުން ދިޔައިރު އަނޫޝާ ދެއަތް އުފުއްލާލި ގޮތަށް ހަރަކާތެއް ނުގެނެވި ހުއްޓާ އަހަރެންނަށް ފެނުނެވެ.

އަމަން ގެ އަތު ތެރޭގައި އަހަރެން އޮތް އިރު ލޯ މައްޗަށް އަނދދިރިވަމުން ދިޔައެވެ.

"ޒާރާ... ޒާރާ.... ޖުނާން....މަންމާ! ބައްޕާ" ނޭވާ އުފުރިގެން ހިގައިދާނެހެން ހީވެ އެވަގުތު ކޮޅު އަހަރެންނަށް އަމަންގެ އަތުގައި މަޑުމަޑުން ހިފާލެވުނެވެ.

(ނުނިމޭ...)

https://sun.mv/120906

comment ކޮމެންޓް