ޤުރުބާން ކުރީމޭ ހިތް މަގޭ ލޯބިން (8)

ޖުނާން ފެނިގެން އަނެއްކާވެސް އަހަރެންނަށް ލިބުނީ އިތުރު ހައިރާންކަމެކެވެ.

ޖުނާންގެ މަޤްސަދު ނޭނގޭތީ އަހަރެން އިތުރަށް ކަންބޮޑުވެސްވިއެވެ. ބިރުވެސްގަތެވެ.

"އަހަރެންގެ ދޮންބެ އިންތިޒާރުގައި އިނދެފައި ދެންމެ އެތެރެއަށް އެވަނީ. ބައްދަލުކުރަން ބޭނުންނުވަނީ ދޮންބެގެ ކައިވެނި އެހެން މީހަކާ ހަމަޖައްސާފައިވާތީތަ؟" ޖުނާން އަހާލިއެވެ.

އަހަރެމެން ދެމީހުންގެ ގުޅުން ޖުނާންއަށް އެނގުނީ ކިހިނެތްބާއޭ ހިތަށް އެރިއެވެ. ހަމައެއާއެކު ޖުނާން އެ ސުވާލު އަހަންނާ ކުރިމަތިކުރުވީ ކީއްވެކަމެއް ހުދު އަހަރެންނަކަށް ވެސް ނޭނގެއެވެ.

"އެކަމުގައި އަހަރެންގެ ދޮންބެގެ ކުށެއް ނެތަސް ބައްދަލެއްނުކުރާނަންތަ؟" ޖުނާން އަނެއްކާވެސް ވާހަކަދެއްކިއެވެ.

"ތި ދައްކާއެއްވެސް ވާހަކައެއް އަހަރެންނަކަށް ނޭނގޭ. މި ކޮޓަރިއަށް މި ވަގުތު ވަނުމަކީ އެހާ ރަނގަޅުކަމެއް ނޫން" އަހަރެން ޖުނާންއަށް ބަލާލަމުން ބުނެލިއެވެ.

އަހަރެންގެ ދޮންބެއާ ބައްދަލުކޮށްފަ އެއްފަހަރު ދޮންބެ ދައްކާ ވާހަކައެއްވެސް އަޑުއަހާލަދެވިދާނެއެއްނު. އެތައް އިރަކު ދޮންބެ އިންތިޒާރުކުރި. ހަޤީގަތުގައި އަހަރެންނަށް ދޮންބެގެ އުޅުން އެންމެ ގާތުން ފެންނާނީ. ޒާރާ އަށްވެސް އެނގޭނެކަންނޭގެ މިގޭގެ އުސޫލުތަކާ ޤަވައިދުތައް ހުންނަގޮތް. އާއިލާގެ އެންމެ ފަހު ބަސް ބުނާނީ މާމަ އާއި ކާފަ. ދަރިންގެ ހައްގުގައި، ނޫނީ މަންމަމެން ބޭނުންވާ ގޮތަކަށް އެއްވެސް ކަމެއްކުރުމުގެ ބާރެއް އެއްވެސް މީހެއް އަތަކު ނޯވޭ. އަހަރެމެންނަށްވެސް ކާފަމެންގެ ކުރިމަތީގައި އެއްވެސް އެއްޗެއް ބުނާކަށް ނުކެރޭނެ. އެކަން ވެސް ޒާރާއަށް އެނގޭނެ. ދޮންބެއަށް ނުވެސް އެނގި މާމަމެން ނިންމި ނިންމުނެއް މިއީ. ހުދު އަހަރެންގެ މަންމައާއި ބައްޕައަށް ވެސް ނޭނގެ. އަމަންގެ ވެސް. އަމަންއަކީ ހިތްތިރި މަޑުމައިތިރި ޒުވާނެއް. އަހަރެންނާ އަމަންގެ ދެމެދު ވަރަށް ބޮޑު ފަރަގު ހުންނާނެ. ކަމަކާ ހިންހަމަނުޖެހިގެން އަހަރެންނަށް ބައެއްފަހަރު އެއްޗެހިބުނެވިދާނެ. އެމަކަކު އަމަންގެ އެކަހަލަ ސިފަތަކެއްނުހުންނާނެ. އެހެންވީމަ އަމަން ވެފައިވަނީ ކިޔަމަންތެރި ކުއްޖަކަށް. އެއީ އޯގާތެރި މަޑުމައިތިރި ހިތެއްގެ ވެރިއެއް. ކިހިނެތް އެނގޭނީ ކިޔަވާ ނިންމާފައި އަންނަން ވާއިރަށް ކައިވެންޏަށް ކުއްޖަކު ހޯދާފައި ހުންނާނެކަމަށް. އެރޭ ތިދެމީހުން ފެނުމުން ވެސް އަހަރަންގެ ހިތަށް އެރި މާމަމެންނަށް އެކަން އެނގިއްޖެއްޔާ ކިހިނެތްބާއޭ ވާނީ" ޖުނާން ވާހަކަދެއްކިއެވެ. ޖުނާންގެ ވާހަކަތައް ހުރިގޮތުން އެރޭ އަހަރެމެން ދެމީހުން ފެނުނީ ޖުނާން އަށްކަން ޔަގީންވިއެވެ.

"ދޮންބެގެ ހިތަކީ ތަފާތު އެއްޗެއް. މިގޭ އެހެން ހުރިހާ އެންމެނާ ދޮންބެ ތަފާތުވާނެ... އެހިތަކުން މުއްސަނދިކަމާއި ފަގީރުކަމާއި ދޭތެރޭ ފަރަގެއްނުކުރާނެ. ދޮންބެގެ ހަޔާތަށް އައި ފުރަތަމަ އަންހެން ކުއްޖަކީ ތީ. ހުދު ދޮންބެ ދެރަވެފަ ހުރި ވަރު އަހަރެންނަށް އެނގޭ. ދޮންބެއަކަށް ނޭނގޭނެ ތި ދެމެދުގަ އެއްވެސް ގުޅުމެއް އޮތްކަން އަހަރެންނަށް އެނގޭކަމެއްވެސް. ދޮންބެއަށް ދެރައެއް ވާކަށް އަހަރެންވެސް ބޭނުމެއްނޫން. ދޮންބެގެ ދިފާއުގައި އަހަރެން ތެދުވެއްޖެނަމަ އާއިލާ ތެރޭގައި މައްސަލަ ޖެހި އެކަކު އަނެކަކު ދެމެދު ރުޅިވެރިކަން އުފެދޭނެ. އެންމެ ފަހަރަކު ދޮންބެއާއި ބައްދަލުކުރަން ދޭ ޒާރާ. ދޮންބެ ދައްކާ ވާހަކައެއްވެސް އަޑު އަހާލީމާއެއްނު އެނގޭނީވެސް." ޖުނާން ދެންވެސް ވާހަކަދެއްކިއެވެ. އަހަރެން ބުނީ ވިސްނާނެކަމުގައެވެ. އެކަމަކު މިވަގުތު އަހަރެންގެ ކޮޓަރިން ނުކުތުމަށް ބުނީމެވެ. ޖުނާންވެސް ދެކޮޅެއް ނުހަދައެވެ. ޖުނާން އެދެއްކި ވާހަކަތަކެއްގެ ސަބަބުން އަހަރެންގެ ސިކުނޑި އަނެއްކާ ހައިޖާނުގަނޑެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. އަހަރެން ވަރަށް ވިސްނުމަށްފަހު އަމަން އާބައްދަލުކުރަން ނިންމީއެވެ.

އެރޭގެފަހުން އަނެއްކާވެސް އަމަން އަހަރެންނާ ބައްދަލުކުރަން އެދުމުން އަހަރެން އެއްބަސްވީމެވެ. އަހަރެމެން ދެމީހުން ބައްދަލުކުރީ ފަތިހުގެ ވަގުތެއްގައެވެ. ފަތާ ފެންގަނޑުކައިރީގައި ހުރި ބެންޗެއްގައި ދެމީހުން ތިބީމެވެ. ހަނދުވަރުގެ ރިހިއަލީގައި އެތަނަށް ވެރިވެފައިވަނީ އަޖައިބު ކުރުވަނިވި ރީތިކަމެކެވެ. އަހަރެން މަޑުކުރީ އަމަން އެއްޗެއް ބުނަންދެނެވެ. އަމަން އެ މަޑުކުރަނީ އަހަރެން އެއްޗެއް ބުނަން ދެން ހެއްޔެވެ؟ ވެރިވަމުންދިޔަ ހަމަހިމޭން ކަމުގެ ތެރެއިން އަހަރެން ހިތަށް އެރިއެވެ.

"ޒާރާ. އަހަރެންގެ ކައިވެނި އެހެން ކުއްޖަކާ ހަމަޖެހިފަ ވަނީ. މިހިތުން އެ ކުއްޖާއަށް ޖާގައެއް ދެވިފައި ނެތަސް މަޖުބޫރުވެފައިވަނީ އެކައިވެނި ކުރުމަށް. މިހިތް އެދޭ ހަމައެކަނި އަންހެން ކުއްޖާ އަކީ ތިއީ ކަމަށް ވާއިރުވެސް އިތުރުގޮތެއްނެތް! މިއަދު އަހަރެން މާފަށް އެދެން ޒާރާގެ ކިބައިން. ނޭނގިނަމަވެސް ޒާރާގެ ހިތްހަލާކުކޮށްލަން އަހަރެންނަށް މަޖުބޫރުވެއްޖެ. ތި ދެލޮލުން އަންނަ ކޮންމެ ކަރުނަތިއްކެއްގެ ޒިންމާ އުފުލަން އަހަރެން ތައްޔާރުވެއްޖެއިން. ތި ވޭނީ ގިސްލުމުގެ އަޑުއަހަން އަހަރެންގެ ނަފްސު ތައްޔާރުކޮށްފިން. މިރޭ ތިހިތުގައިވާ ހުރިހާ އުދާހެއް އަހަރެންނާ ދިމާލަށް ބޭރުކޮށްލަން ފުރުސަތުދީފިން. ޒާރާ ހިތަށް އެރި ކޮންމެ އެއްޗެއްވެސް ކިޔަންވީ..... އެކަމެއް އަހަރެން މަނައެއްނުކުރާނަން. ހުރިހާ ޝަކުވާއެއް އަޑުއަހަން އަހަރެންގެ ކަންފަތް މިރޭ ވާނީ ހުޅުވާލެވިފަ. އަހަރެންނަށް ވެސް ކުށެއްކުރެވުނީ. ޒާރާއާ ގުޅެން ބޭނުންވާއިރު އަހަރެންގެ އާއިލާއާދޭތެރޭ ވިސްނާނުލެވުނީ. ހިތަށް އަރާ އޭރު އާއިލާގާތުވެސް ބުނެވުނުނަމައޭ. އެކަމަކު އަހަރެންގެ ފިނޑިކަމާހެދި އެއިން އެއްވެސް ކަމެއް ވެސް ނުކުރެވުނު. ޒާރާއާ އެކީ ހޭދަކުރެވުނު ކޮންމެ ދުވަހެއްގެ ކޮންމެ ސިކުންތެއްގެ ހަނދާންތައް އަހަރެންގެ ސިކުނޑީގައި ރައްކާކުރާނަން. ޒާރާ! އަހަރެން މަސައްކަތް ކުރާނަން ޒާރާ އަހަރެންގެ ހަޔާތަށް ގެނެވޭތޯ. އެކަމަކު ޔަގީންކަމެއް ނުދެވޭނެ. މާފުކުރޭ" އަމަން އެތައް ބައިވަރު ވާހަކައެއް ދައްކާ ނިންމިއިރުވެސް އަހަރެން އެއްވެސް އެއްޗެއްނުބުނަމަވެ. އަހަރެން ދޫކޮށްލާފަގޮސް އަމަންއަށް އެހެންމީހަކާ އިންނަން ކެތްވާނެހޭ އަހަން ބޭނުންވިއެވެ.

އެހެންނަމަވެސް އަހަރެންގެ ދުލުގައިވަނީ ތަޅެއް ލެވިފައެވެ. އަމަންއާ ދައްކާނޭ އިތުރުވާހަކައެއް އަހަރެންގެ ސިކުނޑިއަކަށް ނަޔެވެ. އަހަރެންގެ ހަމަހިމޭންކަމުން އަމަންއަށް ވެސް އުނދަގޫވީކަންނޭގެއެވެ. އޭނާ ދެންވެސް ވާހަކަދެއްކިއެވެ.

"ޒާރާ އަހަރެންނާ އެއްވެސް ވާހަކައެއް ނުދައްކާނަންތަ؟ އަހަރެންނަށް މާފުނުކުރާނަންތަ؟" އަމަންގެ އަޑުގައިވެސް ވަނީ ބުނެދޭންނޭނގޭފަދަ އަސަރެކެވެ. އެހިތަށް ކޮށްފައިވާ ފުން އަސަރު ދެނެގަންނަން އަހަރެން ނުކުޅެދުނުއިރު އެ އަޑުގައިވި އާދަޔާ ހިލާފް ޖަޒުބާތުތަކުގެ ސަބަބުން އަމަންއާ ދިމާލަށް އަހަރެންނަށް ބަލާލެވުނެވެ. އޭރު އަމަންގެ ނަޒަރު ހުރީ އަހަރެންނާ ދުރަށް ހުއްޓިފައެވެ. އަހަރެން އިތުރު އެއްޗެއް ބުނާ ހިޔާލެއްނުކުރީމެވެ. އެހެންނަމަވެސް ހިތުގައި އުފެދުނު ރިހުން ކަރުނައިގެ ސިފަ ހިޔާރުކުރަން ނެގީ މަދު ސިކުންތުކޮޅެކެވެ. ހަށިގަނޑުގައި އުފެދުނު ގޮތްނޭނގޭ ޖަޒުބާތުތަކުގެ ސަބަބުން މަޑުތުރުތުރު އެޅުމެއް މީހާގެ ހަށިގަނޑަށް ވެރިވެ ނޭވާ ފުންވިއެވެ. އަމަން އާވަކިވާން ޖެހޭކަމަށް އަމިއްލަ ހިތަށް ވިސްނައިދެމުން ދިޔަނަމަވެސް އަހަރެންގެ ބަސްނާހާ ހިތް އެއްބަހެއްނުވިއެވެ. އެދެވެނީ އަމަން އަށެވެ. އަމަން އެހެންމީހެއްގެ ހައްގަކަށް ވާކަށް އަހަރެން ދުވަހަކުވެސް ބޭނުމެއްނޫނެވެ. ތަގުދީރު އަހަރެންނާ މިކުރަނީ ކޮންފަދަ ސަމާސާއެއްހެއްޔެވެ؟.

ބޭއިޙްތިޔާރުގައި އަހަރެންނަށް ރޮވެން ފެށުނެވެ. މަންމައާއި ބައްޕަނެތުމުގެ އިޙްސާސް ވަރަށް ބޮޑަށްކުރެވުނެވެ. މަންމައާއި ބައްޕައަށްފަހު އަހަރެންނަށް ހިމާޔަތް ދޭނޭ ކަމަށް ހީކުރެވުނު އެންމެ ފުރަތަމަ މީހާ ކަމުގައިވި އަމަން އަހަރެންނާ ވަކިވާ ހިޔާލުން އެކަނިވެސް އަހަރެންގެ މޭގައި ދިލަހޫނެއް އުފެދިގެން ހިނގައްޖެއެވެ. އަހަރެންގެ ގިސްލުން އަޑުއިވުމާއެކު ފުރަތަމަ ފަހަރަށް އަމަން އަހަރެންގެ އަތުގައި ހިފައްޓާލިއެވެ. އެއަށްފަހު އަހަރެންގެ ކޯތާފަތުން ތިރިއަށް ދިޔަ ކަރުނަތައް ލޯތްބާއެކު ފޮހެދިނެވެ. އަހަރެން ގާތު ނުރުއިމަށް ބުންޏެވެ.

"ޒާރާ! ނުރޮއި. އަހަރެންނަށްވެސް ނަގަން ފަސޭހަ ފިޔަވަޅެއްނޫން މީ. ޒާރާއެކޭ އެއްވަރަށް އަހަރެންނަށްވެސް ވަރަށް އުނދަގޫކަމެއްމީ. އެކަމަކު އިތުރު ގޮތެއް ނެތް. މާފުކުރޭ" އަމަން އެތަކެއްފަހަރު މާފަށް އެދުނެވެ. އަހަރެން ކުއްލިއަކަށް ތެދުވީމެވެ. އަމަންގެ އަތް ފޮޅުވާލީމެވެ. ވާނުވާ ނޭނގިފައި ހުރެ އަމަން އަހަރެންނަށް ބަލަމުން ދިޔަކަން އަހަރެން ދެނަހުރީމެވެ. އެއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދެވި އަހަރެންގެ ނަޒަރު ހުރީ ކުރިމައްޗަށް ހުއްޓިފައެވެ. ތަންކޮޅެއް ދުރުގައި ހުރި އަންހެން މީހާ މަޑު ފިޔަވަޅުތަކެއްގައި އަހަރެންނާ ދިމާލަށް އަންނަން ފެށުމުން އަވަސް އަވަހަށް ކަރުނަތައް ފުހެލީމެވެ. އޭނާ ކައިރިވަމުން ދިޔަވަރަކަށް އެއީ އަލްމަޢިއްޔާކަން އަހަރެންނަށް ދެނެގަނެވުނެވެ.

އެހިނދު އަހަރެންގެ މެއަށް ފިނިވެގެން ދިޔައެވެ. އަލްމަޢިއްޔާއަށް އަހަރެމެންގެ ގުޅުން އެނގިއްޖެނަމަ ދެންވާނެ ގޮތް ލަފާކޮށްލާކަށް ނޭނގެއެވެ. އޭރު އަހަރެންގެ އެއްފަރާތުގައި ހުރި އަމަންވެސް އެދިމާލަށް ބަލާލައިފިއެވެ. އަމަންގެ މޫނުމައްޗަށް އެރި ކުލަވަރުތައްވެސް އަހަރެންނަށް ރީއްޗަށް ފެނުނެވެ. ހަދާނެ ގޮތް ނޭނގި ތުންފަތުގައި ދަތް އަޅާލެވުމާއެކު އަހަރެންނަށް ހިންދިރުވާލެވުނެވެ. ނޭވާ އަވަސްވެ ހަށިގަނޑުގައި ބިރުވެރިކަމެއް ދައުރުކޮށްލިއެވެ. މަޑުތުރުއެޅުމަކުން އަހަރެންގެ ހަށިގަނޑު ހިސާރުކޮށްލައިފިއެވެ.

އަލްމަޢިއްޔާ އަހަރެމެން ދެމީހުންނާ ދާދި ގާތަށް އައިސް ހުއްޓުނެވެ. އަހަރެން އިސްޖަހާލީމެވެ. ހަދާނެގޮތެއް ނޭނގުނެވެ. ނަފްސަށް ވެރިވި ބިރުވެރިކަން ބަޔާންކޮށްދޭނެގޮތެއް ނޭގުނެވެ. އަމަންއަށް ވަށްކަޅިން ބަލާލިއިރު އަމަން ހުރީ އިސްޖެހިފައެވެ. ހުދު އަހަރެންނަށްވެސް އިސްއުފުލާލާނޭ ހިތްވަރެއް ނުލިބުނެވެ.

"އަމަން މިތަނުގައި ކީއްކުރަނީ؟ އަދި ޒާރާވެސް" އަލްމަޢިއްޔާ އަހަރެމެން ދެމީހުންނަށް ބަލާލީ ޝައްކުގެ ނަޒަރަކުންނެވެ.

"މާމާ. އަޅުގަނޑު އައީ ފަތާފެންގަނޑު ބަލާލަންވެގެން، އައިތަނާ މިތަނުގައި ޒާރާ މަޑުކޮށްލައިގެން އިންތަން ފެނި މިއަދު ފެންގަނޑު ސާފުކޮށްލަން ބުނަންވެގެން މިއައީ، ވިއްސާރައިގެ ސަބަބުން ފެންގަނޑުވެސް ވަނީ ވަރަށް ބޮޑަށް ހަޑިވެފަ. ފަތްތަކާ އެއްޗެހި އެޅިފަ. ޒާރާ ބުނީ ފެންގަނޑު ސާފުކުރަން މިގޭގައި މީހަކު އުޅޭވާހަކަ" އަހަރެން އެހެންހުއްޓާ އަލްމަޢިއްޔާއަށް ބަލާލަމުން އަމަން އޭނާގެ ވާހަކަތައް ބައްޓަން ކުރީ އަލްމަޢިއްޔާއަށް ކުޑަވެސް ޝައްކެތް ނުވުވާފަދަ ގޮތަކަށެވެ.

"އެހެންތަ؟ އެކަމަކު ކީކުރަން މިގަޑީގަ އަންނަން ޖެހުނީ. ދަރިފުޅަށްވެސް އެނގެއެއްނު މި ވަގުތު އެންމެން ވާނީ ޓެރެސްގައިކަން. ހިނގާބަލަ ބަލާލަން ފެންގަނޑު އޮތް ގޮތް. އަހަންމައިދީ ގާތު ބުނެފަ އޮންނާނީ ކޮންމެ ދެ ދުވަހަކުން އެއްދުވަހު އެކީ ފެންގަނޑު ސާފުކުރަން. ކިހާ ހަޑި، މިއަދު މާމަ ބުނާނަން ސާފުކޮށްލަން" އަލްމަޢިއްޔާ ފެންގަނޑަށް ނަޒަރު ހުއްޓާލައިގެން ހުރެވާހަކަދެއްކިއެވެ.

"މިއަދުވެސް މިއައީ ފެންގަނޑު ސާފުކޮށްފަތޯ ބަލާލަންވެގެން. އިއްޔެވެސް ސާފުނުކޮށް އޮތީމަ. މާމާ! ހިނގާދަމާ" އަމަން އަހަރެންނަށް އަވަސް ނަޒަރެއްދިނެވެ. ބޯ ޖަހާލީ ކަންބޮޑު ނުވާށޭ ބުނާފަދައަކުންނެވެ.

އަލްމަޢިއްޔާއާއި ދެމީހުން ގޮސް އަހަރެންގެ ލޯމަތިން އޮބާލުމާއެކު އަހަރެން މިހުރިހާ އިރު ހިފައްޓައިގެން ހުރި ނޭވާ ދޫކޮށްލީމެވެ. ބޮލުގައިވި ބަރުކަމަށް ކޮންމެވެސް ވަރަކަށް ލުޔެއްލިބުނެވެ. އަމަން އެއްޗެއްނުބުނިނަމަ ދެންމެ ހުރިހާކަމެއްވެސް ފަޅާއަރާނެއެވެ. ވިސްނާލެވުނީ ދެނެވެ. އަހަރެންނަށްވެސް ރަނގަޅުވާނީ ދެން އަމަން މަތިން ހަނދާން ނައްތާލިއްޔާއެވެ. އަހަރެންނަށް ކުރެވުނީ ބޮޑު ކުށެކެވެ. ހައިސިއްޔަތު އޮޅުނީ ކީއްވެހެއްޔެވެ؟ އަމަންއަށްޓަކައި އަހަރެންގެ ހިތުގައި ލޯބި އުފެދުނީ ކީއްވެހެއްޔެވެ؟ ހިތުގެ މައްޗަށް ބާރު ފޮރުވުމުގައި އަހަރެންނަށް ނާކާމިޔާބު ލިބުނީ ކީއްވެހެއްޔެވެ؟ އެތައް ހާސް ސުވާލަކުން އަހަރެންގެ ހިތް ރޫރޫ އަޅަމުން ދިޔައިރު އަމިއްލަ ނަފްސުދެކެ ވެސް ރުޅި އާދެވުނެވެ. އެހެންނުވާންވީވެސް ކީއްވެހެއްޔެވެ؟.

އަހަރެން ގޮނޑީގައި އިށީނީމެވެ. ތަޤުދީރުގައި ލިޔެވިފައިވަނީ ކީކޭހެއްޔެވެ؟ އަމަން އެހެން މީހަކާ އިންނަންޖެހޭކަމަށް އެ ދިޔައީ ބުނެފައެވެ. އެ ކައިވެންޏާ ދެކޮޅު ހެދޭނެހާ ހިތްވަރެއް އަމަންގެ ނެތްކަމަށްވެސް ބުންޏެވެ. އަހަރެންވީ މިގެއިން ދާށެވެ. އެއީ އެންމެ ރަނގަޅު ގޮތެވެ. އަމަންގެ ކައިވެނި އެހެންމީހަކާ ކުރެވިގެން ދާތަންބަލަން ހުންނާނެހާ ހިތްވަރެއް އަހަރެންގެ ނެތެވެ. އަހަރެންއެހާ ހިތްވަރު ގަދައެއްނޫނެވެ. އެތައް ދުވަހަކަށްފަހު ތިމާއަށް އުފާވެރިކަން ގެނެސްދިން ފަރާތް ތިމާއާ ދުރަށް ދާ ކަމުގައިވަނީނަމަ ކުރެވޭނީ މިހާރު އަހަރެންނަށް މިކުރެވޭ ފަދަ އިޙްސާސްއެއްހެއްޔެވެ؟. އެތެރެހަށި ގަނޑުބަޑުކޮށްލައިފިއެވެ. މޭގައި ރިހުމެއް އުފެދި އެ ރިހުން މުޅި ހަށިގަނޑަށް އަސަރުކުރުވަމުންދިޔައެވެ. ސިކުނޑީގެ ހުރިހާ ސެލްއަކަށް އަސަރު ކުރުވާ ހިތުގެ ހިނގުމަށް ބަދަލުއާދެއެވެ. އަހަރެންގެ ހިތުގައި އުފެދިގެން އުޅޭ ތުފާނުގެ ބާރު ގަދަވަމުންދިޔައީ އަހަރެންގެ ހިތަށް ތަސައްލީއެއްނުދޭނަމޭ ބުނާފަދައަކުންނެވެ.

(ނުނިމޭ...)

https://sun.mv/119853

comment ކޮމެންޓް