ރާއްޖެއާއި ލަންކާއަށް އެހީވަނީ ޗައިނާގެ ނުފޫޒުކުޑަކުރާކަށެއް ނޫން: އިންޑިއާ

ރައީސް ސޯލިހާއި ބޮޑުވަޒީރު މޯދީ ދެއްވި ސްޓޭޓުމެންޓަށްފަހު ދެ ބޭފުޅުން ސަލާމް ކުރައްވަނީ -- ފޮޓޯ: ބިއުރޯކްރެސީޓުޑޭ

ރާއްޖެއާއި ސްރީލަންކާގެ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާއިން އެހީވަނީ ޗައިނާގެ ނުފޫޒު މި ސަރަހައްދުގައި ކުޑަކުރުމުގެ ނިޔަތުގައި ނޫން ކަަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހޮނިހިރު ދުވަހު ރާއްޖެއަށް ކުރައްވާ ޒިޔާރަތާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން އިންޑިއާގެ ފޮރިން ސެކްރެޓެރީ ވިޖޭ ކެޝާވް ވިދާޅުވީ މި ސަރަހައްދުގެ ގައުމުތަކާއެކު ބާއްވަމުންދާ ގުޅުންތަކަކީ އެކަމުގައި ފޮރޮވިފައިވާ މަގުސަދެއް ހިމެނޭކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށެވެ

" އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުން އަޅުގަނޑުމެންގެ އިގްތިސާދަށާއި އަދި އެގައުމުތަކުގެ އިގްތިސާދަށްވެސް ފައިދާކުރޭ. އަޅުގަނޑުމެންވެސް ގަބޫލުކުރަން އަޅުގަނޑުމެންގެ ނެތްކަން މާބޮޑު ގާބިލެއްތަކެއް ނެތްކަން. ނަމަވެސް ގާބިލިއްޔަތުކަން ހުރިވަރުން އަޅުގަނޑުމެން މިދަނީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން" ވިޖޭ ވިދާޅުވިއެވެ.

އިންޑިއާ ޖަޕާން ގުޅިގެން ލަންކާގައި ޑީޕް ސީ ކޮންޓެއިނާ ޕޯޓްއެއް ހެދުމަށް މިދިޔަ މަހު ވަނީ ސޮއިވެސްކޮށްފައެވެ. ބައެއް ސިޔާސީ މާހިރުން ވިދާޅުވާގޮތުގައި މިއީ ލަންކާގައި ޗައިނާއިން ގާއިމްކުރި ޕޯޓުގެ ނުފޫޒުކުޑަކުރުމަށް ހަދާ ޕޯޓެކެވެ. ލަންކާއިން ވަނީ އެގައުމުގެ ހަންބަންޓޯޓާ ޕޯޓް ޗައިނާއަށް 99 އަހަރަށް ކުއްޔަށް ދޫކޮށްފައެވެ.

ވިޖޭ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އަވައްޓެރި އެހެން ގައުމުތަކާއެކުވެސް ތަރައްގީގެ އެކި މަޝްރޫއުތައް ހިންގާނެ ކަމަށެެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހޮނިހިރު ދުވަހު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގައި 30 މިލިއަން ޑޮލަރުގެ ބޮޑު ދެ މަޝްރޫއު އިފްތިތާހުކުރުމަށް ހަަމަޖެހިފައިވާ ކަމަށް ވިޖޭ ވަނީ ވިދާޅުވެފައެވެ.

އެގޮތުން މޮދީގެ ދަތުރުގައި ރާއްޖޭގައި ކޯސްޓަލް ރާޑަރު ސިސްޓަމް ބެހެއްޓުމާއި އަދި އެމްއެންޑީއެފްގެ ޓްރެއިނިން ސެންޓަރުގެ މަޝްރޫއު އިފްތިތާހްކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
comment ކޮމެންޓް