ގޯތި ދޫކުރުމަށް ކުރި އިއުލާނު ބާތިލު ކުރުމަށް މަގޫދޫ ކައުންސިލަށް އަންގައިފި

ފ. މަގޫދޫ -- ފޮޓޯ: ފޭސްބުކް

ފ. މަގޫދޫ އިން ގޯތި ދޫކުރުމަށް 2016 ވަނަ އަހަރުގެ ޖުލައި މަހު މަގޫދޫ ކައުންސިލުން ކުރި އިއުލާނު ބާތިލު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަގޫދޫ ކައުންސިލަށް އަންގައިފި އެވެ.

އޭސީސީ އިން އެގޮތަށް އަންގާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އޭސީސީ އިން ބުނީ މަގޫދޫ އިން ގޯތި ދޫކުރުމާ ގުޅޭ ގޮތުން ކުރި އިއުލާނު އެ ކޮމިޝަނުން ތަހުގީގުކޮށްފައިވާ ކަމަށެވެ.

އެ ކޮމިޝަނުގެ ތަހުގީގުން ފާހަގަވިކަންތައް ބަޔާންކޮށް އޭސީސީ އިން ހޯމަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނީ މަގޫދޫ އިން ގޯތި ދިނުމަށް 2016 ވަނަ އަހަރުގެ ތެރޭގައި ކުރި އިޢުލާނާ ގުޅިގެން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބުނުކަމުގެ ލިޔުން 2017 ވަނަ އަހަރުގެ ތެރޭގައި އެފަރާތްތަކަށް ދޫކުރުމަށް ފަހު އެ ނިންމުންތަކަށް މި އަހަރު ބަދަލު ގެނެސްފައިވާ ކަމަށެވެ.

ގޯތި ދޫކުރުމަށް 2017 ވަނަ އަހަރު ނިންމާފައިވާ ނިންމުންތަކަށް ބަދަލުގެނެސް ގޯތި ލިބޭ ފަރާތްތައް އަލުން ކަނޑައެޅުމުގެ ސަބަބުން އޭރު ގޯތި ލިބުނު ކަމަށް ލިޔުން ހަވާލުކުރެވުނު ބައެއް ފަރާތްތައް އަލުން އިއުލާންކުރި ލިސްޓުގައި ނުހިމެނި އެމީހުންގެ ބަދަލުގައި އެހެން ފަރާތްތަކެއް އެ ލިސްޓުގައި ހިމަނާފައިވާ ކަމަށާއި ގޯތި ދޫކުރުމުގެ ހުއްދަ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން އެފަހަރު ދީފައި ވަނީ 24 މޭ 2016ގައި ކަމަށްވެފައި، އެ ހުއްދަ ބާޠިލުކޮށްފައިވާކަން ވިދިގެން އައި ދުވަހު (25 މޭ 2016) އަންގާފައިވާއިރު، ގޯތި ދިނުމަށް އިއުލާންކޮށްފައި ވަނީ 14 ޖުލައި 2016ގައި ކަމަށް ވާތީ، ގޯތި ދިނުމަށް އިއުލާންކޮށްފައި ވަނީ އެ ހުއްދަ ބާޠިލުކުރި ފަހުންކަން ފާހަގަވިކަމަށް އޭސީސީ އިން ބުންޏެވެ.

ގޯއްޗަށް އެދި ހުށަހެޅި ފޯމުތައް އަލުން ރިވިއުކޮށް ޕޮއިންޓް ދީފައި ވަނީ ގޯއްޗަށް އެދި ފޯމު ލާފައިވާ މީހުންގެ ތެރެއިން ގިނަ ބައެއްގެ ދިރިއުޅުމުގެ ހާލަތަށް ބަދަލުތަކެއް އައިސްފައި ވާތީ ކަމަށް ގޯތި ދޫކުރުމަށް އެކުލަވާލި ކޮމިޓީން ފާހަގަކުރި ކަމަށާއި، ގޯއްޗަށް އެދުނު މީހުންގެ ދިރިއުޅުމުގެ ހާލަތަށް ބަދަލު އައިސްފައިވާ ފަދައިން އެފަހަރު ގޯއްޗަށް އެދިފައިނުވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް ވެސް ބަދަލުތަކެއް އައިސްފައިވާނެތީ އާއި އެފަހަރު ގޯއްޗަށް އެދިފައިނުވާ ބައެއް ފަރާތްތަކުން ވެސް މިހާރު ގޯތި ބޭނުންވުމަކީ އެކަށީގެންވާ ކަމަކަށްވާތީ، އެގޮތަށް ޢަމަލުކުރާ ނަމަ އެކަން ކުރަން ޖެހޭނީ ކުރިން ކުރި އިޢުލާން ބާޠިލުކުރުމަށް ފަހު ގޯތި ދިނުމަށް އަލުން އިޢުލާންކޮށްގެން ކަމަށް އޭސީސީ އިން ބުންޏެވެ.

މިކަންކަމަށް ރިއާޔަތްކޮށް، އަލުން އިއުލާންކޮށްގެން ގޯތި ދިނުމުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމަށް މަގޫދޫ ކައުންސިލަށް އޭސީސީ އިން އަންގާފައިވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

comment ކޮމެންޓް