ރޮނާލްޑޯގެ ހިތްގައިމު ހެޓްރިކާ އެކު ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

މިހާރު ކުރިއަށްދާ ނޭޝަންސް ލީގުގައި ކުރިސްޓިއާނޯ ރޮނާލްޑޯ ސްވިޒަލެންޑު ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ/ޖޯ ރައިޓް

މިހާރު ކުރިއަށްދާ ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި މިރޭ ކުރިސްޓިއާނޯ ރޮނާލްޑޯ ހެދި ހެޓްރިކާ އެކު ސްވިޒަލެންޑް ކަޓުވައިލައި، ޕޯޗުގަލް ފައިނަލަށް ދަތުރު ކޮށްފި އެވެ.

މުބާރާތް ބާއްވާ ޕޯޗުގަލްގައި މިރޭ ކުޅުނު އެ މެޗުން އެ ޓީމު ސްވިޒަލެންޑުގެ މައްޗަށް ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. އެންމެ ފަހުގެ ޔޫރޯ ވެސް ކާމިޔާބު ކުރި ޕޯޗުގަލް އިން މުބާރާތުގެ ފައިނަލަށް ދަތުރު ކުރި އިރު އިދިކޮޅަށް ވާދަ ކުރާނެ ދެވަނަ ޓީމެއް ޔަގީން ވާނީ މާދަމާ ރޭ ނެދަލެންޑްސްއާއި އިނގިރޭސި ވިލާތް ކުޅޭ މެޗަށް ފަހު އެވެ.

މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމަކާ އެކު މެޗު ފެށި ނަމަވެސް ފުރަތަމަ ހާފުގެ ކުރީ ކޮޅު ލިބުނު ހިލޭ ޖެހުމަކުން ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. ޔުވެންޓަސްއާ އެކު ކާމިޔާބު ސީޒަނެއް ނިންމާލުމަށްފަހު ރަނގަޅު ފޯމެއްގައި ހުރި ރޮނާލްޑޯ ވަނީ ވޭތުވެ ދިޔަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް ސްޕެއިން ކޮޅަށް ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭނާ ވަނީ އެ މެޗުގައި ވެސް ހެޓްރިކެއް ފުރިހަމަ ކޮށްފަ އެވެ.

ރޮނާލްޑޯގެ ގޯލަށް ފަހު ސްވިޒަލެންޑުގެ ކުޅުން ރަނގަޅުކޮށް ގޯލެއް ޖަހަން މަސައްކަތް ކުރި އެވެ. ނަތީޖާއެއްގެ ގޮތުން ލިބުނު ޕެނަލްޓީއަކުން ނަތީޖާ ވަގުތީ ގޮތުން އެ ޓީމަށް ހަމަހަމަ ކޮށްދިނީ ރިކާޑޯ ރޮޑްރިގުއެޒްއެވެ.

ސުވިޒަލެންޑުގެ ގޯލާ އެކު ޕޯޗުގަލްއިން ޓީމު ކުރިއަށް ޖައްސައި ގިނަ ހަމަލާތަކެއް އުފެއްދި އެވެ. މެޗު ނިމެން ދެ މިނަޓަށް ވެފައި ވަނިކޮށް ސްވިޒްލަންޑުގެ ހިތްތައް ފުނޑު ފުނޑު ކޮށްލީ ރޮނާލްޑޯ ޖެހި ގޯލުންނެވެ. ރޮނާލްޑޯގެ އެ ގޯލާ އެކު ސްވިޒަލެންޑަށް ހަމަޖެހި ނުލެވި އުޅެނިކޮށް ޖެހިގެން އައި މިނަޓުގައި ވެސް ރޮނާލްޑޯ ވަނީ އިތުރު ގޯލެއް ޖަހައި އޭނަގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

މިއީ ރޮނާލްޑޯގެ ހަޔާތުގައި އޭނާ ފުރިހަމަ ކުރި 53 ވަނަ ހެޓްރިކެވެ.

comment ކޮމެންޓް