ޒުވާން ހުސެން ޖައުޝަން އާއި ސަލީމާ އާދަމް، ސަލީ ޒަވާޖީ ހަޔާތެއްގެ ބިންގާ އެޅީ 2017 ވަނަ އަހަރު އެވެ. ކައިވެނި ޕާޓީގެ މަޖަލުގައި މުޅި ރޭހެން ހޭލާ އުޅުމަށް ފަހުވެސް ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާ ދެމަފިރިން ނައްޓާލީ ހަނީމޫންއަށް، ތައިލެންޑްގެ ޕުކެޓްއަށެވެ. ޕުކެޓްގެ އެ ދަތުރު އެ މީހުން ރޭވީ ހައި-ސްކޫލްގައި ދެ މީހުން ދިމާވެ ލޯބީގައި ބަދެވުނު ހިސާބުން އެވެ. އެއީ އެތައް ދުވަހެއްގެ ލޯތްބާއި ފޮނިކަމުގެ އިންތިޒާރުގައި ރާވައި ކުރެހި ޕްލޭނެކެވެ. އެކަމަކު އެ ދަތުރާ އެކު ދެމަފިރިންގެ ޒަވާޖީ ހަޔާތް ފެށުނީ އެކަންޏެއް ނޫނެވެ. އެ މީހުންގެ ހަޔާތުގައި ދަތުރުގެ ސިލްސިލާއެއް ފެށުނީ އެވެ.
އެތައް މަންޒިލަކަށް ދަތުރުކޮށް ދުނިޔެ ތަޖުރިބާ ކުރުމުގެ އަޒުމުގައި ސަލީ އިންސްޓަގްރާމަށް ފުންމާލީ، "ފްރޮމްދަޓްރޮޕިކަލް" ގެ ނަމުގަ އެވެ. އޭނާގެ ފަހަތުން ފިރިމީހާ ޖައުޝަން ނިކުތީ، "އިޓްސްމީ އައިލެންޑާ" ގެ ގޮތުގަ އެވެ. އެ ދުވަހަށް ފަހު ކޮންމެ އަހަރަކު އެތައް މިތަނަށް ދަތުރުކޮށް، ރީތި އެތައް މަންޒަރަކާ އެކު އެ ދެމަފިރިންގެ ދަތުރުގެ ވާހަކަތައް އަންނަނީ އިންސްޓަގްރާމްއަށް ދޫކުރަމުން އެވެ. މިއީ، މި ދެމަފިރިން ހާސް ލޯބިން ކިޔައިދޭ އެތައް ވާހަކަ އެކެވެ.

ޓްރެވަލް ބްލޮގަރުން ކަމަށްވާ ހުސެން ޖައުޝަން އާއި ސަލީމާ އާދަމް، ސަލީ ދަތުރުގޮސް ނަގާފައިވާ ފޮޓޯއެއް: މިހާތަނަށް 20 މަންޒިލަކަށް ގޮސްފައިވޭ. -- ފޮޓޯ/ ފްރޮމްދަ ޓްރޮޕިކަލް އިންސްޓަގްރާމް
"ދެ މީހުން ހައި-ސްކޫލްގައި ދިމާވީއްސުރެވެސް އަބަދުވެސް ތަންތަނަށް ދަތުރު ކުރާ ހިތްވޭ. ދެން އެހެން ގޮސް، ފުރަތަމަ ރާއްޖޭގެ އެކި ރަށްތަކަށް ދާން ފެށީ. އެއަށް ފަހު މެރީ ކޮށްގެން ހަނީމޫންއަށް ފަހު ދެން ހަމަ އެއިމް ކުރީ ދުނިޔޭގެ އެކި ތަންތަން ބަލައިލައި އެކްސްޕްލޯ ކޮށްލާނީއޭ،" ދެމަފިރިން އެކުގައި ދަތުރުކުރަން ހުންނަ ފޯރު ކިޔައިދެމުން ޖައުޝަން ބުންޏެވެ. "ބޮޑަށް ރާއްޖެ ކަހަލަ ޓްރޮޕިކަލް ތަންތަނަށް ދާ ހިތްވަނީ. މިސާލަކަށް ބާލީ،"
ޖައުޝަން އާއި ސަލީގެ އެކުގައި ފެށި ލޯބީގެ ދަތުރަށް ދެ އަހަރު ފުރޭއިރު އެ ދެމަފިރިން އެކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 20 އަކަށް މަންޒިލަށް މިހާރުވެސް ދަތުރު ކޮށްފި އެވެ. މި ދަތުރުކުރުމަކަށް ދެމަފިރިންގެ ހިތް ދޫވެ، މަރުދެނީ ސަލީ ބުނާ ގޮތުގައި ދަތުރު ކުރުމަކީ އެ މީހުންގެ ހަޔާތަށް ގެނެސްދޭ ދިރުމަކަށްވެ ދިރިއުޅުމުގެ ބަޔަކަށް ވެސް ވެފައި ވާތީ އެވެ. މީގެ ކުރިން ދަސްނުވެ ހުރި ބައިވަރު އާ ފިލާވަޅުތައް ނަގައިދެނީ، ދެ މީހުން އެކުގައި މިކުރާހާ ދަތުރުތަކުން އެވެ. ކޮންމެ ދަތުރަކުން ވެސް އެ ދެމަފިރިންނަށް އާ ކަންތައްތަކެއް ކިޔައިދެ އެވެ. ހަޔާތުގެ ހުރަސްތައް ގިރާކުރަން އެއީ ބާރަކަށްވެ އެވެ.

ބްލޮގަރުން ކަމަށްވާ، ހުސެން ޖައުޝަން އާއި ސަލީމާ އާދަމް، ސަލީ އަތޮޅުތެރޭގެ ރަށެއްގެ ބީޗްގައި ނަގާފައިވާ ފޮޓޯއެއް. --ފޮޓޯ/ ފްރޮމްދަ ޓްރޮޕިކަލް އިންސްޓަގްރާމް
"އަސްލު މި ގޮތަށް އެކުގައި ދަތުރުކޮށްލީމާ ވަރަށް ބައިވަރު އެއްޗިހިތަކެއް އެބަ ދަސްވޭ. މިސާލަކަށް އެހެން މީހުން އުޅޭގޮތް. ދެން އަނެއްކާ މިހެން ދަތުރުމަތީގައި އުޅޭއިރު ދިމާވާނެ ބައިވަރު ޗެލެންޖަސް، އެ ކަންކަން އެއްކޮށް ދެ މީހުން ފޭސްކޮށްގެން ހައްލު ކުރަން ޖެހޭނީ. ތިބާ ލޯބިވާ ދަންނަ މީހަކާ އެކު ޓްރެވަލް ކޮށްލީމާ އެ އިންނަ ކަނެކްޝަން އެބަ ރަނގަޅުވޭ،" ސަލީ ބުންޏެވެ.
ޖައުޝަން އާއި ސަލީގެ މުޅި ހަޔާތް މުޅިން ހުސްކޮށްލައިގެން ތިބީ ދަތުރުކުރާކަށް ނޫނެވެ. ޖައުޝަންގެ ވަޒީފާ ޑައިވް ކުރުމާއި ވޯޓާސްޕޯޓްސްގެ ތެރޭގައި އޮތް އިރު، ސަލީގެ ވަޒީފާ އޮތީ ރާއްޖޭގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއްގަ އެވެ. އެކަމަކު މަސައްކަތުގެ ބުރަ މާހައުލުން ނިކުމެ ސިކުނޑި ތާޒާކޮށްލަން އެދެމަފިރިން ހޯދާ ފަރުވާއަކީ އެކުގައި ދަތުރުކުރުމެވެ. އޭގެ ތެރެއިން އެދެމަފިރިންނަށް ނަގައިދޭ ދިރިއުޅުމުގެ ފިލާވަޅުތަކުގެ ލިސްޓް ވަރަށް ވެސް ދިގެވެ. ދެމަފިރިން ބުނާ ގޮތުގައި ފަހަށް ރައްކާ ކުރުމާއި ދުރާލާ ކަންކަން ރޭވުމުގެ މުހިންމުކަން ބުނެދެނީ ދަތުރުދިޔުމުގެ މި ސިލްސިލާގެ ތެރެއިން އެވެ.
"ދެ މީހުންނަށް ލިބޭ އާމްދަނީއިން ވަކި އަދަދެއް ފުރަތަމަ ސޭވް ކުރަނީ. ދެން އޭގެ ކުރިން ޕްލޭން ހަދަން ހަމަ. ގާތްގަނޑަކަށް އެއް އަހަރު ޕްލޭންކޮށްގެން ދަތުރު މިދަނީ. އެހެން ވީމާ މީގެ ތެރެއިން އެބަ ދަސްވޭ ފަހަށް ރައްކާކުރުމުގެ މުހިންމުކަން. ކަންކަން ދުރާލާ ރޭވުމުގެ މުހިންމުކަން. މިކަހަލަ އެތައް ލައިފް ލެސަންއެއް އެބަ ދަސްވޭ. އެއީ ކަން ނޭނގޭ މީގެ ބިއުޓީއަކީ،" ސަލީ ބުންޏެވެ. "ދަރިއެއް ހޯދުމުގެ ކުރިން މުޅި ދުނިޔެ ބަލައިލާ އެކްޕްލޯ ކުރުން އެއިމް އަކީ،"
ދަތުރުކުރުމުގެ ދުނިޔެއެއްގެ ތެރޭގައި ތިބި މި ދެމަފިރިންގެ ބޮޑު އަމާޒެއް އެބަ އޮތެވެ. އެ މީހުންގެ ދަރިންނަށް ވެސް ދުނިޔޭގެ އެތައް މިތަން ދައްކާލުމެވެ. އޭގެ ކުރިން އެ މީހުން ބޭނުންވަނީ ދެމަފިރިން އެކަނި ދުނިޔެ ބަލައިލާ ތަޖުރިބާ ކުރާށެވެ. އެ އަމާޒުގައި އެ މީހުންގެ ކަޅި މިހާރު ހުރީ މެދުއިރުމަތީގެ ސަޅި ގައުމުތަކަށް ދަތުރު އަޅާށެވެ. ނޫނީ މޮރޮކޯއަށް ދާށެވެ. އެ ޕްލޭން އެ މީހުން މިހާރު އަންނަނީ ކުރަހަމުން އެވެ. މި ދެމަފިރިންގެ އަމާޒު މިހުރީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުމާއި ސަގާފަތް ބަލައި ދަސްކޮށް ގިނަ ފިލާވަޅުތަކެއް އުގެނޭށެވެ. އެކަމަކު އެ މީހުންނަށް އެންމެ މުހިންމު ވަނީ އެ ދަތުރުތަކުގެ ތެރެއިން ނަގައިދޭ ފިލާވަޅުތަކެވެ. އެ ދަތުރުތަކާއި އެ ފިލާވަޅުތަކަށް ނިމުމެއް ނެތެވެ. މިދެމަފިރިންގެ ލޯބިން ފުރިފާވި ހަޔާތަށް ދިރުމާއި ތާޒާކަށް ގެނެސްދެނީ ނިމުމެއް ނެތް މިދަތުރުތަކެވެ. އެދެމަފިރިން ނިކުމެ އެތިބީ ނިމުމެއް ނެތް ދަތުރަކަށެވެ.

އޭމްސްޓަޑަމްގައި ސަލީ އާއި ޖައުޝަން: ދަތުރުކުުރުމުގެ ތެރެއިން އެތައް ލައިފް ސްކިލްއެއް ދަސްކުރޭ. --ފޮޓޯ/ ފްރޮމްދަ ޓްރޮޕިކަލް އިންސްޓަގްރާމް
"ކުޑައިރު މިގޮތަށް އެކްސްޕްލޯ ކުރާކަށް ޗާންސެއް ލިބިފައެއް ނެތް. އެހެންވެ މިހާރު އަހަރުމެންގެ މަގުސަދަކީ އަހަރުމެންގެ ދަރިންނަށް މި ޓްރެވަލް އެކްސްޕީރިއަންސްތައް ހޯދައިދިނުން. ދަރިންނާ އެކުވެސް ޓްރެވަލް ކުރުން. މި ދިރިއުޅުމާ އެކު އަހަރުމެންގެ ޓްރެވަލް ޖާނީ ދާނީ ކުރިއަށް،" ސަލީ ބުންޏެވެ.