މި ފަހަކަށް އައިސް ރާއްޖޭގައި އީދު ނަމާދުކޮށް އުޅެނީ ބޮޑު ޖަމާއަތުގައެވެ. ބޮޑު މައިދާނެއްގައި ގިނަ ބަޔަކު އެއްވެގެންނެވެ. މާލޭގެ އިތުރުން ރަށްރަށުގައިވެސް އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާތާ އަހަރުތަކެއް ވެއްޖެއެވެ.
މިއަހަރުގެ ފިތުރު އީދު ނަމާދުވެސް ފުރަތަމަ ކުރަން ނިންމާފައި އޮތީ ބޮޑު ޖަމާއަތުގައެވެ. ނަމަވެސް ވިއްސާރަވެ، މޫސުން ގޯސްވުމުގެ ސަބަބުން ހާމަތަނުގައި އީދު ނަމާދު ކުރަން ނިންމާފައި އޮތް އޮތުން ކެންސަލްކޮށް މިސްކިތްތަކުގައި ނަމާދު ކުރާގޮތަށް ހަމަޖެއްސިއެވެ.

1440 ވަނަ އަހަރުގެ ފިތުރު އީދު ނަމާދު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
މާލެ އާއި ރަށްރަށުގެ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރިއިރު ފަތިސް ނަމާދު ވަގުތުން ފެށިގެން ގިނަ ބަޔަކު ތިބީ މިސްކިތުގައެވެ. ހާއްސަކޮށް މޫސުން ގޯސްކޮށް ފެންނާތީ، މިސްކިތުގެ އެތެރެއިން ޖާގަ ހޯދުމަށް އަންހެނުންނާއި ކުޑަކުދިން ވަރަށް ހެނދުނާ މިސްކިތަށް އެރިއެވެ.
ހެނދުނު ހަތެއް ނުޖަހަނީސް ބޮޑެތި މިސްކިތްތައް ފުރި ބޭރުގައި ސަފު ހަދައިފިއެވެ. އަންހެނުންނަށް ނަމާދުކުރަން ހާއްސަކޮށްފައި އޮންނަ ބައި ފުރި ގިނަ އަދަދެއްގެ އަންހެނުންވެސް ބައެއް މިސްކިތްތަކުގައި ނަމާދު ކުރީ ބޭރުގައެވެ. 7:15 ވީއިރު ވާރޭ ކަނި ޖަހަމުންގޮސް ތުނިކޮށް ވާރޭ ވެހެން ފެށިއެވެ.

1440 ވަނަ އަހަރުގެ ފިތުރު އީދު ނަމާދު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
ހުޅުމާލޭގައި ހުންނަ މަސްޖިދު ހަމަދު ބިން ހަލީފާ އައްޘާނީ އަށް އީދު ނަމާދަށް ދިޔަ ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ވާރޭ ތެރޭގައި މުސައްލަ އަޅައި، ނަމާދު ކުރިތަން ފެނުނެވެ. އަޅުގަނޑަށްވެސް ލައްވާލީ މިސްކިތަށް ވަންނަ ދޮރުމަތިން ސިޑީގެ ހަރުފަތެކެވެ.
ރަމަޟާން މަހަށް ފަހު އަންނަ ބަރަކާތްތެރި ފިތުރު އީދުގެއުފާ ފާޅު ކުރުމަށް އެންމެ ފުރަތަމަ އަދާކުރަން ޖެހޭ އަޅުކަން އަދާކުރުމަށް ކުދިބޮޑު އެންމެން، ވެހޭ ވާރެއަށް ބެލުމެއް ނެތި، މިސްކިތްތައް ފުރާލާ، މިސްކިތްތަކުގެ ބޭރުގައިވެސް ނަމާދަށް ތިބިތަން ފެނުމުން ހިތަށް ލިބުނީ އުފާވެރި ފިނިކަމެކެވެ.

1440 ވަނަ އަހަރުގެ ފިތުރު އީދު ނަމާދު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
ތެމިގެން، މުސައްލައިން ފެން ފޮޅަމުން ގެއަށް ދިޔަ މަގުމަތީ މީހުންގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. އީދުގެ މުބާރަކުބާދީ އެކަކު އަނެކަކަށް ކިޔަމުން ހިނިތުންވުމާޢެކު ސަލާން ގަލާން ކުރާ ތަނެވެ. ދަންނަ މީހުންނާއި ނުދަންނަ މީހުންނެވެ. ކުޑަ ކުދިންނާއި ބޮޑެތި މީހުންނެވެ.
އީދު ފެންވި ނަމަވެސް، އަޅުކަމަށް ދޭ ސަމާލުކަން މިއަދު ފެނިގެންދިޔައެވެ.