އދ ދިގުރަށަށް ރެއިން ފެށިގެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓި ކެނޑިއްްޖެއެވެ.
ވާރޭ ވެހުމުގެ ސަބަބުން މިއަދު ހެނދުނު ހަޔެއް ޖަހާކަށް ހާއިރު ރަށުން ކަރަންޓު ކެނޑުނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދިގުރަށަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރަށުގެ ބައެއް ގޭގެއަށް ފެން ވަންނަމުންދާ ކަމަށެވެ. މީގެ އިތުރުން އެރަށުގެ ފަޅުތެރޭގައި އޮތް ކުޑަ ލޯންޗެއްވެސް އަޑިއަސް ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ދިގުރަސު ކައުންސިލުގެ ރައީސް އުސްމާން އީސާ ވިދާޅުވީ ދިގުރަށަށް މިއަދު ކުރަމުންދާ ވިއްސާރައަކީ މިފަހުގެ ތާރީހުގައި އެރަށަށް އެންމެ ބޮޑަށް ކުރާ ވިއްސާރަ ކަމަށެވެ. ރަށުގެ މަގުތަކުގައި ފެންބޮޑުވެފައިވާ ކަމަށްވެސް އުސްމާނު ވިދާޅުވިއެވެ.
ފުލުހުން ބުނީ ދިގުރަށަށް ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބޭ ފަރާތްތަކަށް ފުލުހުންނާއި ކައުންސިލުން ގުޅިގެން އެހީތެރިވަމުންދާ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށާއި ވައި ގަދަވެ ކަނޑުވެސް ގަދަވާނެ ކަމަށެވެ. މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ތިން ދުވަހަށް ދެމިގެންދާނެ ކަމަށްވެސް މެޓުން ބުންޏެވެ.