އީދު ޗުއްޓީގައި އުޅޭއިރުވެސް ސިއްހަތަށް ބަލަންވާނެ

ފިތުރު އީދު ބަންދާ ދިމާކޮން މާލެއިން ބޭރަށް ބަޔަކު ފުރައިގެން ދަނީ. -- ސަން ފޮޓޯ -- އަހުމަދު އަވްޝަން އިލްޔާސް

ކުދަ އީދަށް މި ލިބުނު ބޮޑު ބަންދާ އެކު ގިނަ ބަޔަކު މިހާރު އުޅޭނީ އީދު ޗުއްޓީގަ އެވެ. ނޫނީ ޗުއްޓީ އަށް ދިއުމުގެ މަގުމަތީގަ އެވެ. މާލޭގައި އުޅޭމީހުން މާލެ ކައިރި ރަށެއްގައި ނޫނީ އަމިއްލަ އުފަން ރަށުގަ އެވެ.

ރައްޓެހިންނާއި އާއިލާ އާއެކު އީދުގެ އުފާ ފާހަގަ ކުރުމަށް މާލޭގެ ހަލަބޮލިކަމުން ބޭރަށްދާމީހުންނާ އެއްގޮތަށް ރަށްރަށުގައި އުޅޭ މީހުންވެސް އީދާ ދިމާކޮށް ކައިރު ރަށްރަށަށް ނޫނީ އީދުގައި ފޯރިނަގާ ރަށްރަށަށް ދަތުރު ކުރެއެވެ. ބައެއް ފަހަރު މި ދަތުރުގެ އަމާޒަކީ ރާއްޖެއިން ބޭރު ކޮންމެވެސް ގައުމެކެވެ. ކޮންމެ ތަނަކަށް ދިޔަ ނަމަވެސް، ޗުއްޓީގައި މަޖާނަގަން އުޅޭއިރުވެސް، ސިއްހަތަށް ބަލަން ހަނދާން ކުރަންވާނެ އެވެ. ހަށިގަނޑަށް ގެއްލުންވާނެ ކަންތަކުން ދުރުވެވޭތޯ މަސައްކަތް ކުރަންވާނެ އެވެ.

ސަން ޓޭންއާ މެދު ސަމާލުވާތި

ރާއްޖެއަށް މިފަހަރުގެ އީދަކީ ވިއްސާރަ އީދަކަށް ވުން ގާތެވެ. އެކަމަކު "ސަން، ސޭންޑް އެންޑް ސީ" ގައި ޗުއްޓީ ހޭދަކުރާ ހިތްވާ މީހުން ކޮންމެހެންވެސް ވިސްނަންވީ ކަމަކީ ވެކޭޝަނަށް ފުރާއިރު ދަބަހަށް އެން،ެ ފުރަތަމަ ލާ އެއްޗެހީގެ ތެރޭގައި ރަނގަޅު ސަން ސްކްރީނެއް ޕެކް ކުރުމަށެވެ. ސްކިން ކެއާ އެކްސްޕާޓުން ބުރަވާގޮތުގައި ސަން ސްކްރީނެއް ގަންނަ އިރު އެސްޕީއެފް 30 އާއި 50 އާ ދެމެދުގެ ސަން ސްކްރީނެއް ގަތުން މުހިއްމެވެ. އެއީ އިރުގެެ ނުރައްކާތެރި ދޯދިތަކުން ހަނގަނޑު ސަލާމަތްވަނެ މާއްދާތައް އޭގައި ހިމެނޭނެތީ އެވެ.

ހޫނުގަދަ ނަމަ، ދަތުރުގައި އުޅޭ ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރެއްނަމަ، ހަށިގަނޑު ޑީހައިޑްރޭޓް ވުމުން ކުޑަކޮށްދެނެ ކެއުންތައް ކެއުމަށާއި، ދިޔާއެއްޗެހި ބުއިމަށް ހަނދާން ކުރަންވާނެއެވެ. އެގޮތުން ކަރާ، ކުރުނބާ ފަދަ އެއްޗެއްސަކީ ވެކޭޝަނުގައި އުޅޭއިރު "މީލް" ގަޑީގައި ހިމެނިދާނެ އެއްޗެއްސެވެ. މާބޮޑަށް ޑީހައިޑްރޭޓް ވާނަމަ، ވަރުބަލިވެ، ޗުއްޓީގެ މަޖާނެގުން މަތިން ފޫހިވެސް ވެދާނެއެވެ. ޗުއްޓީގައި ނަގާ "ވެކޭޝަން މޫޑް" ފޮޓޯތަކުގައި މީހާ ތާޒާކޮށް ހުންނާނީވެސް ހައިޑްރޭޓް ކަންމަތީ ހުންނަ ނަމައެވެ.

މަދިރިން ސަލާމަތްވާތި

މިދުވަސްވަރަކީ މަދިރީގެ ސަބަބުން ޖެހޭ ބަލިތައް ގިނަ ދުވަސްވަރެކެވެ. ހޫނު މޫސުން ނިމި ވާރޭ ވެހެން ފަށާފައިވާއިރު، މަދިރި އާލާވާމިންވަރުވެސް ގިނައެވެ. ރާއްޖޭގެ ރަށްރަށަކީ ގަސް ގިނަ ރަށްރަށަށް ވާއިރު، ވައު ބޯ، ގަސް ގިނަ ރަށްރަށުގައި މަދިރި އުފެދޭ މިންވަރު އިތުރެވެ.

އެހެންކަމުން ރަށުގައި އުޅޭއިރުވެސް، ރަށުން ބޭރަށް ދިޔަ ނަމަވެސް މަދިރިން ސަލާމަތްވާނެ ގޮތްތައް ހޯދަންވާނެއެވެ. ސަން ސްކްރީން އާއެކު މަދިރި ލޯޝަން ފުޅިއެއްވެސް ދަބަހަށް ލާން ވާނެއެވެ. މާބޮޑަށް ދާހިތްލާފައި ހުރިނަމަ އަވަށް ފެންވަރާ ރީތިވެ ތާޒާވާން ވާނެއެވެ. ހެދުން އަޅާއިރުވެސް ނިވާކަންބޮޑު ހެދުންއެޅުމަށް ސަމާލުވާށެވެ. ހެދުމުގެ ކުލަ ސެކެލްޓުކުރާއިރު މަޑު ކުލަ ކުލައިގެ ހެދުން އަޅާނަމަ މަދިރި އެޓްރެކްޓުވާ މިންވަރު ކުޑަވާނެއެވެ.

ދިގު ދަތުރެއްގައި ދާނަމަ

ބައެއް މީހުންނަކީ ކަނޑުމައްޗަށް ބަލި މީހުންނެވެ. ކަނޑުމަގުން ކުރާ ދިގު ދަތުރުތަކުގައި ހޮޑުލެވޭފަހަރު އާދެއެވެ. ދަތުރުމަތީ ހޮޑުލެވޭނަމަ ދަތުރަށް ތައްޔާރުވާއިރު ކުޅި، ތެޔޮ އެއްޗެހި ކެއުމާ ދުރުވާށެވެ.

މަތިންދާބޯޓުގައި ދިގު ދަތުރެއް ކުރާނަމަ، ދަތުރަށް ފެށުމުގެ ކުރިން "މޯޝަން ސިކްނެސް" އިން ސަލާމަތްވުމަށް ފިޔަވަޅު އަޅަންވާނެއެވެ. ވިންޑޯ ސީޓެއްގައި އިންނަ ނަމަ، ބޭރު ބަލަން އިނުން ފަދަ ކަމެއް ކުރެވިދާނެއެވެ އޭރަށް އެތެރެ ހަށީގެ ބެލެންސް ރަނގަޅު ވާނެއެވެ. ދަތުރަށް ފެށުމުގެ ކުރިން ކެއުމަށް ބެލުމާއި، ދަތުރު މަތީ ނިދުން މަދުކުރުމަީވެސް ކުރެވިދާނެ ކަމެކެވެ.

ޗުއްޓީގައި ރަށުން ބޭރަށް ދާއިރު ނޫނީ ގައުމުން ބޭރަށް ދާއިރު ސިއްހަތަށް ބެލުމަކީ ޗުއްޓީގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް މުހިއްމު ކަމެކެވެ. ރައްކާތެރި ކަމުގެ ފިޔަވާޅު އެލުމަކީ ބަލިވުމުގެ ކުރިން ބަލިން ސަލާމަތްވާން ކޮންމެހެން މުހިއްމު ކަމެކެވެ. މިފަހަރު ޗުއްޓީގައި އުޅޭ އިރުވެސް މިކަންކަމަށް ވިސްނާ ސަމާލުވާން ހަނދާން ކުރާށެވެ. އުފާވެރި، މަޖާ ޗުއްޓީއެއް ހޭދަކުރުމަށް އެންމެ ފުރަތަމަ ސިއްހަތަށް ސަމާލުވާށެވެ.

comment ކޮމެންޓް