"މިއީ އަދި ފެށުމެއް، އަދި އިތުރަށް ބޭނުން"

ޗެމްޕިއަންސް ލީގުގެ ޓްރޮފޯ ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އުފުލާލަނީ --- ފޮޓޯ/ޑެޔަން ކަލިނިޗް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކާމިޔާބީ އަކީ ފެށުމެއް ކަމަށާއި އަންނަ ސީޒަނާއި ކުރިމަތި ލާނީ އިތުރު ތަށިތަކެއް ހޯދުމަށް އަމާޒު ހިފައިގެން ކަމަށް ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ބުނެފި އެވެ.

ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތުގެ ތަށި ލިވަޕޫލްއިން މިދިޔަ އާދިއްތަ ދުވަހު އުފުލާލީ ފައިނަލުގައި ވާދަވެރި ޓޮޓެންހަމް ބަލިކުރުމަށް ފަހު އެވެ. މިއީ 2012 ވަނަ އަހަރު ފަހުން އެ ކުލަބައް ލިބުނު ހަމައަކަނި ޓްރޮފީ އެވެ. ބޮޑެތި ހަރަދުތަކެއްކޮށް ތައްޓެއް އަތުޖައްސާލަން ނުލިބި ގިނަ ދުވަސްވުމުން ލިވަޕޫލްގެ މާޔޫސްވެފައި ތިބި ސަޕޯޓަރުންނަށް ވެސް ލިބުނު އުފަލާ އެކު މިވަގުތު އެ ޓީމު އޮތީ ޔޫރަޕުގެ ރަސްކަމުގަ އެވެ.

ޗެމްޕިއަންސް ލީގުގެ ކާމިޔާބީ ފާހަގަ ކުރަން ލިވަޕޫލްއިން ބޭއްވި ބަސް ޕެރޭޑުގެ ތެރެއިން --- ފޮޓޯ/ ޑެޔަން ކަލިނިޗް

ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ލިބުނު ނާކާމީޔާބީ އާއި މި އަހަރުގެ ލީގުގައި ވެސް އެންމެ ޕޮއިންޓެއްގެ ތަފާތުން ސިޓީއަށް ތަށި ދޫކޮށްލަން ޖެހުމަކީ ލިވަޕޫލްއަށް ލިބުނު ބޮޑު ހިތާމަ އެކެވެ. ނަމަވެސް ޓީމުން ތައްޓެއް ހޯދުމަށް ކުރަމުން އައި އުންމީދާއި ކުޅުންތެރިން ދެއްކި ހިތްވަރުން އެ ޓީމަށް މިވަނީ އެންމެ ފަހުން ޝަރަފުވެރި ޓްރޮފީއެއް ލިބިފަ އެވެ.

ލިބުނު ކާމިޔާބީގެ އުފަލުގައި ލިވަޕޫލްއިން ބޮޑު އީދެއް ފަދައިން އެކަން ފާހަގަ ކުރަމުން އަންނަ އިރު އެންމެ ގިނަ ބަޔަކު ދައްކަމުން އަންނަ އެއް ވާހަކަ އަކީ އެ ޓީމުގެ ޑިފެންޑަރު ވެންޑައިކްއަށް މި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހައްގު ކަމުގެ ވާހަކަ އެވެ. ނަމަވެސް ވެންޑައިކް ބުނީ އޭނާއަށް މި ލިބުނު ކާމިޔާބަކީ ޓީމަށް ލިބުނު ކާމިޔާބީއެއް ކަމަށާއި މިފަހަރުގެ ބެލެންޑިއޯ ވެސް ހައްގުވާނީ ބާސެލޯނާގެ ތަރި ލިއޮނެލް މެސީއަށެވެ.

ވެންޑައިކް ވަނީ މި އަހަރުގެ ޕްރިމިއާ ލީގުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ނިމިގެން މިދިޔަ ސީޒަނުގައި އޭނާ ގާތުން ޑްރިބަލް ކޮށްގެން އެއްވެސް ކުޅުންތެރިއަކަށް ދެވިފައި ނުވާ އިރު ފަހުގެ ތާރީހުގައި ޑިފެންޑަރަކަށް މިހާ ބޮޑު ޝަރަފެއް ލިބިފައެއް ނުވެ އެވެ.

"މިއީ އަދި ފެށުމެއް. އަނެއްކާ ޖުލައިގައި އަނެއް ސީޒަން ފެށޭނެ. މިފަހަރު ކުރިމަތި ލާނީ ބޮޑު އުންމީދަކާ އެކު އިތުރު ތަށިތަކެއް ކުލަބަށް ހޯދައިދޭން،" ވެން ޑައިކް ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

"މިކަހަލަ ރޭތައް ތަކުރާރު ކުރަން ވަރަށް ބޭނުން. އަންނަ ސީޒަނުގެ އަމާޒަކީ ޗެމްޕިއަންސް ލީގުގެ އިތުރުން ލީގާއި ކަޕުތަކަށް ވެސް ވަރުގަދަ ޗެލެންޖެއް ދިނުން."

comment ކޮމެންޓް