ސައުދީ ދަތުރަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި

ރައީސް ސޯލިހު ސައުދީއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ފްލައިޓުން ފައިބައިވަޑައިގަންނަވަނީ. -- ފޮޓޯ/ ރައީސް އޮފީސް

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ހެނދުނު ރާއްޖެ ވަޑައިގަންނަވައިފި އެވެ.

ސައުދީ އަރަބިއްޔާގެ މައްކާގައި މެއި މަހުގެ 31ގައި ބޭއްވި މި ސަމިޓުގައި މަޝްވަރާ ކުރެއްވި މުހިންމު މައްސަލަތަކުގެ ތެރޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ އަމަލުތައް ގިނަވަމުންދާ މައްސަލަ އާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހިމެނެ އެވެ.

މައްކާގައި ބޭއްވި މި ސަމިޓަށް ރައީސް ވަނީ އިސްލާމީ އުންމަތަށް މުހިންމު ހުށަހެޅުންތަކެއް ހުށަހަޅުއްވާފަ އެވެ. އެގޮތުން މުޅި އިސްލާމީ އުންމަތުގެ ބޮޑެތި މައްސަލަތަކަށް ރާއްޖެއިން ދޭ އިސްކަން ފާހަގަކުރައްވައި، މުސްލިމު އުންމަތުގެ ލާބައާ މަންފާއަށްޓަކައި ކުރެވޭ ކަންކަމުގައި ރާއްޖެއިން ވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެކަން ފާހަގަކުރެއްވި އެވެ. މީގެއިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް، އަދި ވަކިން ހާއްސަކޮށް ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް ރާއްޖެއިން ތާއީދު ކުރާ މިންވަރު ރައީސްގެ ހުށައެޅުއްވުމުގައި ފާހަގަކުރައްވާފައިވެ އެވެ.

ބަރަކާތްތެރި ރޯދަ މަސް ނިމި ފިތުރު އިދުގެ އުފާ ފާހަގަކުރުމަށް ތައްޔާރުވެފައިވާ މި ދަނޑިވަޅުގައި، ރައީސް ވަނީ އިސްލާމީ އުންމަތުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމަށް އެދި ﷲ ގެ ހަޟުރަތުގައި ދުއާ ދެންނެވުމަށް އިސްލާމީ ގައުމުތަކުގެ ލީޑަރުންނާއި އެންމެހައި މުސްލިމުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

comment ކޮމެންޓް