މުހައްމަދު އަބޫބަކުރު ރަށު މީހުންގެ ނަމުން ނަމަ، މުހައްމަދުބެ އަކީ، ބ. ގޮއިދޫގައި އެންމެ ގިނަ ދުވަސްވީ ދަނޑުވެރިއާ އެވެ. ދެ ކައިވެންޏަށް ނުވަ ދަރިން ލިބިފައިވާ މުހައްމަދުބެގެ އުމުރުން 70 އަހަރު ގުނަމުންދާއިރު، އަދިވެސް އާމްދަނީ ހޯދުމަށް މުހައްމަދުބެ ކުރަމުން އަންނަ މަސައްކަތަކީ އެ މަސައްކަތެވެ. އެއީ ހިތްވަރުގަދަ، މުރާލި ދަނޑުވެރިއެކެވެ. ހިތްހެޔޮ، ސަކަ މިޒާޖެއްގެ މީހެކެވެ.
މީގެ ވިއްސަކަށް އަހަރު ކުރިން ދަނޑުވެރިކަމުގެ ތެރެއަށް ވަން މުހައްމަދުބެ ބުނި ގޮތުގައި، އެ ދުވަސްވަރު އެ ރަށުގައި އެ މަސައްކަތް ކޮށް އުޅުނީ އެންމެ ދެ ތިން މީހުންނެވެ.
"އަޅުގަނޑާ އެއްބަނޑު ޔޫސުފު ކިޔާ ކުއްޖެއް ހުންނާނެ. އޭނަ އައިސް ބުނީ، ބޭބެ ދަނޑެއް ކޮށައިގެން ދަނޑުވެރިކަން ކުރަން ފަށަން ހިނގާށޭ. ބުނިން އެންމެ ރަނގަޅޭ ބޭބެ ތިކަން ކުރާނަމޭ. ދެން އަޅުގަނޑުމެން ދެބެއިން ދަނޑުވެރިކަން ކުރަން ފެށީ. ނަތީއްޖާ އައީ ވަރަށް ރަނގަޅަށް. އެގޮތަށް ދަނޑުވެރިކަން ކުރަން ފެށި ގޮތަށް އަދިވެސް މިއުޅެނީ،" މުހައްމަދުބެ ދަނޑުވެރިކަން ކުރަން ފެށި ގޮތް ކިޔައި ދެމުން ބުންޏެވެ.
މުހައްމަދުބެގެ ދުވަސް ފެށިގެން އަންނަނީ ފަތިސް ނަމާދުންނެވެ. ފަތިސް ނަމާދަށް ފަހު، ފުރަތަމަ ވެސް އޭނާ އަވަސްވެ ގަންނަނީ، ދަނޑަށް ދާށެވެ. މަސައްކަތުން އޭނާ ވީއްލެނީ މެންދުރު ނަމާދު ބަންގިއަށެވެ.
"އެހެން މަސްތަކުގައި މުޅިންވެސް ދަނޑުގައި. ބަންގިއަށް ނަމާދު ކުރަން އެކަނި ހުއްޓާލަނީ. ދެން މުޅިންވެސް ދަނޑުގައި،" މުހައްމަދުބެ ބުންޏެވެ.
ކޮއްކޮގެ އިސްނެންގެވުމާއެކު މުހައްމަދުބެ ކުރަން ފެށި މަސައްކަތުން މިއަދު އޭނާ އެ އަންނަނީ ރަނގަޅު އާމްދަނީއެއް ހޯދަމުން އެވެ. މުހައްމަދުބެ ބުނިގޮތުގައި، މަސައްކަތް ބުރަވި ނަމަވެސް ދަނޑުވެރިކަމަކީ ވަރަށް ބޮޑު ނަފާއެއް ލިބޭ މަސައްކަތެކެވެ. ކަރާ ދަނޑަކުން އެކަނިވެސް 30،000-40،000 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް އޭނާ ނަގަ އެވެ.
"މަހަކާ 15 ދުވަސް ތެރޭ ކަރާ ދަނޑަކުން އެކަނިވެސް ޖެހޭނެ 40،000 އެއްހާ ރުފިޔާ. ހަމަ އެކަނި ކަރާ ދަނޑަކުން. ހަރަދު ކަނޑާފައިވެސް 30،000 އެއްހާ ރުފިޔާ ލިބޭނެ،" މުހައްމަދުބެ ބުންޏެވެ.
ބޮޑު އާމްދަނީ އެއް ލިބޭ މި ސިނާއަތަށް ޒުވާނުން ނުނިކުތުމަކީ އޭނާގެ ކަންބޮޑުވުމެކެވެ. މުހައްމަދުބެ ބުނީ، މި ސިނާއަތުން ރަނގަޅު އާމްދަނީއެއް ލިބޭ އިރު، ޒުވާނުން ދަނޑުވެރިކަން ކުރުމަށް މަސްޖެހެނީ އެ މީހުން ކަންނެތް ކަމުން އެވެ.
މުހައްމަދުބެ ބުނާ ގޮތުގައި ދަނޑުވެރިކަމަކީ ވަރަށް ހީވަގި، މުރާލިވެގެން ކުރެވޭ މަސައްކަތެއްކެވެ. އެއީ ކަންނެތް މީހުންނަށް ވާނޭ ކަމެއް ނޫނެވެ.
"ކަންނެތް މީހުންނަށް މި މަސައްކަތެއް ނުކުރެވޭނެ،" މުހައްމަދުބެ ބުންޏެވެ.
މުހައްމަދުބެ ގަބޫލު ކުރާ ގޮތުގައި އެކަށީގެންވާ ވަރަށް ޒުވާނުން މި ސިނާއަތުގައި މަސައްކަތް ނުކުރުމުން ދުވަހެއް ދުވަހަކަށް ދަނޑުވެރިކަން ކުރާ ދިވެހިންގެ އަދަދުވެސް ދަނީ ދަށަށެވެ. ނަތީއްޖާއެއްގެ ގޮތުން ދަނޑުވެރިކަމުގެ ސިނާއަތުން ދިވެހިން ބޭރުވެ އެއީ ބިދޭސީންގެ ބާރު ހިނގާ ކަމަކަށް ވަނީ އެވެ.
ގޮއިދޫގައި ދަނޑުވެރިކަން ކުރުމަށް 70 ދަނޑު އެ ރަށުން ކައުންސިލުން ދޫކޮށްފައިވެއެވެ. ނަމަވެސް އޭނާ ބުނި ގޮތުގައި، އެ ދަނޑުތަކުގައި މަސައްކަތްކުރަނީ އެންމެ ތިން ދިވެހީންނެވެ.
"ދަނޑުވެރިކަން ކުރާ 70 ބިދޭސީން މިރަށުގައި އުޅޭނެ. ދަނޑުވެރިކަން ކުރާ އެންމެ ތިން ދިވެހިން އުޅޭނީ. ދެން މުޅިންވެސް ބިދޭސީން އުޅެނީ،" މުހައްމަދުބެ ބުންޏެވެ.
އޭނާ ބުނިގޮތުގައި ދަނޑުވެރިކަން ކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، ހައްދާ ތަކެތި ވިއްކާނެ މާކެޓެއް ނެތުމެވެ. އޭގެ ސަބަބުން އާމްދަނީއަށް ހުރަސްއެޅެ އެވެ. އެއީ އެންމެ ބޮޑު މާޔޫސްކަމެވެ.
"ހައްދާ އެއްޗިސް ރަށުން ބޭރެއް ނުކުރެވޭ. މާލެ ފޮނުވަން ޖެހެނީ. ރިސޯޓަކުން މި ތަކެތި ނުނަގާ. ދެން ހައްދާ އެއްޗެހި ދަނީ ގެއްލިގެން. ހަލާކު ވެގެން،" މުހައްމަދުބެ ބުންޏެވެ.
މުހައްމަދުބެ ބުނީ، ދަނޑުވެރިކަން ކުރުމަށް ބޭނުން ކުރާ ތަކެތި ރަށުން ބޮޑު އަގުގައި ގަންނަ ޖެހުމަކީ ވެސް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި ޒަމާޏީ ތަމްރީންއަށް އަތް ނުފޯރުމަކީ ވެސް މައްސަލަ އެކެވެ.
ކޮންމެ އަކަސް، މި ހުރިހާ ގޮންޖެހުންތަކާ އެކު މުހައްމަދުބެ ހުރީ ދަނޑުވެރިކަން ދޫކޮށްލަން ގޮތަކަށް ނޫނެވެ. އޭނާގެ މުޅި ދިރިއުޅުން ބިނާވެފައި އޮތީ ދަނޑުވެރިކަމަށެވެ. ކޮންމެ ފަދަ ގޮންޖެހުމެއް އަޔަސް އެކަން ގިރާކޮށްފައި ވިޔަސް އޭނާ ދަނޑުވެރިކަމުގައި ދެމި ހުންނާނެ އެވެ. މުހައްމަދުބެ ސާބިތުއެކޮށްދެނީ ދަނޑުވެރިކަމަކީ ވެސް ވާނެ މަސައްކަތެއް ކަމެވެ.